ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމްގެ ޕީޕީއެމްއިން ވަކިކޮށްފައި ވަނީ، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއި އަނބުރާ ނުނެންގެވުމުން ކަމަށާއި، އޭގެ ކުރިން އޭނާ ޕާޓީން ވަކިކޮށްފައި ނެތް ކަމަށް ދައުލަތުން ބުނެފި އެވެ.
މެމްބަރު ވަހީދު މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މައްސަލައިގައިގެ އަންގާރަ ދުވަހު ބޭއްވި އެ މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވިދާޅުވީ މެމްބަރު ވަހީދު ޕީޕީއެމް އިން ވަކިކުރީ ސުޕްރީމް ކޯޓުން ޖުލައި 13 ވަނަ ދުވަހު ކުރި ހުކުމަށް ފަހު، ޖުލައި 17 ވަނަ ދުވަހު ކަމަށެވެ. އޭނާ ވަކިކުރީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ކުރެއްވި ސޮއި އަނބުރާ ނުނެންގެވުމުން، އެއީ ސުލޫކީ މައްސަލައެއްގެ ގޮތުގައި ބެލުމަށް ފަހު ކަމަށް ދައުލަތުން ބުނެ އެވެ.
ދައުލަތުން މިހެން ބުނި ނަމަވެސް، ސުލޫކީ މައްސަލައެއްގައި މާޗް 25 ގައި ވެސް މެމްބަރު ވަހީދު ޕީޕީއެމްއިން ވަކިކޮށް، އެކަމުގެ ލިޔުން ވެސް ދީފައިވެ އެވެ. އަދި އެކަން އިލެކްޝަންސް ކޮމިޝަނަށް އަންގާފައިވާ ކަމަށް ވެސް ވަހީދުގެ ފަރާތުން ވިދާޅުވި އެވެ. އަދި ދައުލަތުން ވެސް އެކަމަށް އެއްބަސްވިއެވެ.
ދައުލަތުން ބުނީ މާޗް 25 ގައި މެމްބަރު ވަހީދު ޕީޕީއެމްއިން ވަކިކުރިކަން އެ ޕާޓީން އަންގާފައި އޮތަސް، އިލެކްޝަންސް ކޮމިޝަނަށް ފޮނުވި ސިޓީގައި ޕާޓީގެ ދަފުތަރުން ވަކިކުރަން އެ ޕާޓީން އިލެކްޝަންސް ކޮމިޝަނަށް އަންގާފައި ނެތް ކަމަށެވެ.
ޕީޕީއެމްގެ ހަ މެމްބަރެއްގެ ގޮނޑި އިލެކްޝަންސް ކޮމިޝަނުން ގެއްލުވާލީ، ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ޖުލައި 13 ވަނަ ދުވަހު ކުރި ހުކުމާ ގުޅިގެންނެވެ. ގާނޫނު އަސާސީގައި ބުނެފައި ވަނީ މެމްބަރުންގެ ގޮނޑި ގެއްލިފައިވާކަން ކަނޑައަޅާނީ ސުޕްރީމް ކޯޓުން ކަމަށެވެ.
ޖުލައި 13 ގައި ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން ގޮނޑި ގެއްލުވާލާފައި ވަނީ މެމްބަރު ވަހީދުގެ އިތުރުން، މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި، ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި، ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިންގެ އެވެ.
ގާނޫނު އަސާސީގެ 74 ވަނަ މާއްދާގައި މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅާނީ ސުޕްރީމް ކޯޓުން ކަމަށް ބުނެފައިވާތީ، އިލެކްޝަންސް ކޮމިޝަނަށް އެ ބާރެއް ނުލިބޭނެ ކަމަށާއި، އަދި ޖުލައި 13 ގައި ސުޕްރީމް ކޯޓުން ކުރި ހުކުމުގެ ކުރިން ޕާޓީން ވަކިކޮށްފައިވާ އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭނެ ކަަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.