ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި މައްސަލައި ޝަރީއަތުގެ އަޑުއެހުން ސުޕްރީމް ކޯޓުގައި ތާވަލް ކޮށްފި އެވެ.
މެމްބަރު ލަތީފްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމާ ގުޅިގެން ލަތީފް ވަނީ އެމައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފަ އެވެ. އެގޮތުން ލަތީފްގެ ގޮނޑިއާ މެދު ގޮތެއް ނިންމުމަށް ހިންގާ ޝަރީއަތުގެ އަޑުއެހުމަށް ސުޕްރީމް ކޯޓުގައި ތާވަލް ކޮށްފައި ވަނީ ބުދަ ދުވަހުގެ 10:15 އަށެވެ. އަދި އަމީތުގެ ޝަރީއަތުގެ އަޑުއެހުން ތާވަލްކޮށްފައި ވަނީ މެންދުރު 1:15 އަށެވެ.
ބުދަ ދުވަހު ލަތީފްގެ މައްސަލަ ސުޕްރީމް ކޯޓުގައި ތާވަލް ކޮށްފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމާއި، ވިލިނގިލީ ދާއިރާގެ މެންބަރު ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިންގެ މެންބަރުކަމުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާ މައްސަލައިގެ ޝަރީއަތް އަންގާރަ ދުވަހު ފެށުމަށް ސުޕްރީމް ކޯޓުގައި ވަނީ ތާވަލުކޮށްފަ އެވެ.
އެގޮތުން މުހައްމަދު ވަހީދު އިބްރާހިމްގެ މައްސަލަ ތާވަލުކޮށްފައި ވަނީ އަންގާރަ ދުވަހުގެ ހެނދުނު 10:30 އަށެވެ. އަދި ސައުދުގެ މައްސަލަ ތާވަލުކޮށްފައި ވަނީ އަންގާރަ ދުވަހުގެ މެންދުރު 1:30 އަށެވެ. އެ ދެ މެންބަރުންގެ މައްސަލަ ތާވަލުކުރިއިރު، ދެ މެންބަރުން ވެސް ތިއްބެވީ ފުލުހުންގެ ބަންދުގައި ދޫނިދޫގަ އެވެ.
މި ދެ މައްސަލަ ވެސް ބައްލަވާނީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ހިމެނިވަޑައިގަންނަވާ ފުލް ބެންޗަކުންނެވެ. އެގޮތުން ބެންޗުގައި ހިމެނިވަޑައިގަންނަވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ފަނޑިޔާރު އަލީ ހަމީދާއި، ފަނޑިޔާރު އަބްދުﷲ އަރީފާއި، ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ އިތުރުން ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ.
މެންބަރު ވަހީދާއި ސައުދުގެ އިތުރުން، ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދާއި، މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި، ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި، މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާންގެ މެންބަރު ކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ. ސައުދުއާއި، ވަހީދާއި، އަމީތު އަދި ލަތީފްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ޖުލައި މަހުގެ 19 ވަނަ ދުވަހު އެވެ. އަދި ސިނާނާއި އިލްހާމްގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނެފައި ވަނީ ޖުލައި މަހުގެ 20 ވަނަ ދުވަހު އެވެ.
ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައެޅުމުގައި، އިލެކްޝަންސް ކޮމިޝަނުން ހަވާލާދީފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން އިންތިޚާބުވި ޕާޓީގެ މެންބަރުކަމުން ވަކިކުރުމާއި، ނުވަތަ އިންތިޚާބްވި ޕާޓީގެ މެންބަރުކަމުން އަމިއްލައަށް ވަކިވުމާއި، ނުވަތަ އިންތިޚާބްވި ޕާޓީ ނޫން އެހެން ޕާޓީގެ މެންބަރަކަށްވުމާއި، މި ތިން ހާލަތުން ކުރެ ހާލަތެއް މެދުވެރިވެއްޖެނަމަ، އެ މެންބަރަކު ނިސްބަތްވާ ޕާޓީއަކުން އެ މެންބަރަކު ވަކިކޮށްފިކަމަށް ނުވަތަ ވަކިވެއްޖެކަމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ރަސްމީކޮށް ރައްޔިތުންގެ މަޖިލީހަށް އަންގާ ދުވަހުން ފެށިގެން، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށް ކަނޑައަޅައި، ސުޕްރީމް ކޯޓުން ޖުލައި މަހުގެ 13 ވަނަ ދުވަހު ކޮށްފައިވާ ހުކުމަށެވެ.
ހަ މެންބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ބުނެފައިވަނީ، ރަައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް 45 މެންބަރުންގެ ސޮޔާއެކު ހުށަހަޅާފައިވާ ގަރާރުގައި، އެ ހަ މެންބަރުން ކުރައްވާފައިވާ ސޮއި ނެންގުވުމަށް ޕީޕީއެމް އިން އެންގި އެންގުމާ އެއްގޮތަށް އަމަލުނުކުރެއްވުމުން، އެ ހަތަރު މެންބަރުން އެ ޕާޓީން ވަކިކޮށްފައިވާކަން ރައީސް އަބްދުﷲ ޔާމީން އިއުލާނު ކުރައްވާފައިވަނިކޮށެވެ.
ޢަބްދުﷲ މަސީހު މަޖިލީހުގެ ރައީސް ކަމުން ބޭރުކުރުމަށް ޕީޕީއެމްގެ މެންބަރުން ކުރެއްވި ސޮއި އަނބުރާ ނެގުމަށް އެޕާޓީގެ މުސްތަޝާރު ފެކްޝަނުން ސިޓީ ފޮނުއްވިއިރު، މަސީހާ ދެކޮޅަށް ޕީޕީއެމްގެ 11 މެމްބަރަކު ސޮއި ކުރައްވާފައިވެއެވެ. ސޮއިކުރެއްވި މެންބަރުންގެ ތެރެއިން އިސްދޫ ދާއިރާގެ މެމްބަރު އަހްމަދު ރަޝީދު ފިޔަވައި އަނެއް 10 މެމްބަރުން ޕާޓީން ވަކިވެވަޑައިގަތުމަށް ސިޓީ ފޮނުއްވިއެވެ.