މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން އުފެއްދި މަރު ކޮމިޝަން (ޑީޑީކޮމް) ގެ ހޯދުންތައް އެއްވެސް ބަޔަކާއި ހިއްސާ ނުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެ ކޮމިޝަނަށް އަންގައިފިއެވެ.
އެ ހޯދުންތައް ހާމަކުރުމަށް ގޮވާލާ ރާއްޖޭގެ 6 ޖަމިއްޔާއަކާއި ބައިނަލްއަގްވާމީ 6 ޖަމިއްޔާއަކުން ވަނީ ބަޔާނެއް ނެރެފައެވެ. އަދި މި މަހުގެ ތެރޭގައި އެ ކޮމިޝަން އުވާލުމުގެ ކުރިން އެ ކޮމިޝަނުގެ ހޯދުންތައް އާއިލާތަކަށް ހާމަކޮށް އާންމު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށް ވަނީ ގޮވާލާފައެވެ.
މަރު ކޮމިޝަން އުވާލަން ނިންމާފައިވަނީ 31 މެއި 2024 ގެ ނިޔަލަށެވެ. މިގޮތަށް ނިންމެވީ ރައީސް ޑރ. މުހައްމަދު މުއިއްޒުވެ. ޖަމިއްޔާތަކުން ބުނެފައިވަނީ މަރު ކޮމިޝަން މެދުވެރިކޮށް އިންސާފުގެ އިންތިޒާރުގައި ތިބި 20ށް ވުރެ ގިނަ އާއިލާތަކަށް އެ މައުލޫމާތު ހިއްސާކުރަންޖެހޭ ކަމަށެވެ. މީގެ އިތުރުން، މި މައްސަލައިގެ ތެރެއަށް ވަދެ، މަރު ކޮމިޝަންގެ ތަހުގީގުތަކުން ހޯދި ހޯދުންތައް އާއިލާތަކަށް ފޯރުކޮށްދިނުމަށް ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނަށް ވަނީ ގޮވާލާފައެވެ.
ޖުމްލަ 12 ޖަމިއްޔާއަކުން ގުޅިގެން ނެރުނު މި ބަޔާނުގައި ބުނެފައިވަނީ މަރު ކޮމިޝަނުގެ ތަހުގީގުތަކުން ހޯދި ހޯދުންތައް ހަމައެކަނި ރައީސް އޮފީހާ ހިއްސާކުރުމަށް އަންގާ، އެކަމުގެ އެއްވެސް މައުލޫމާތެއް ހާމަނުކުރުމަށް 7 މެއި ގައި އެ ކޮމިޝަނަށް އަންގާފައިވާކަމަށެވެ.
އަދި ރިޔާސީ ކޮމިޝަންތަކުގެ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ) ގެ ދަށުން މަރާލާފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ ވާރިސުންނާއި އާއިލާތަކަށް އެ މައުލޫމާތު ހާމަކުރަންޖެހޭނެ ކަމަށާއި، އެކަން ހާމަކުރުމުގައި މަރު ކޮމިޝަނަށް ޝަރުއީގޮތުން ހުރަހެއް ނެތް ކަމަށް ގަބޫލުކުރާ ކަމަށް ވެސް މި ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން އާއިލާތަކުގެ އިތުރުން މަދަނީ ޖަމިއްޔާތަކާއި، ޖަމާއަތްތަކުން ވެސް އެއްބަސްވީ ހެކިންނަށް ރައްކާތެރިކަން ލިބޭނެ ގޮތަށް އެ ރިޕޯޓް ދިނުމަށް ކަމަށާއި، ތަހުގީގުތަކުގެ ހޯދުންތަކާ ބެހޭ މައުލޫމާތު ހިފެހެއްޓުމަކީ މައުލޫމާތު ހޯދުމުގެ ހައްގާއި އިންސާފު ހޯދުމުގެ ހައްގު ހިމެނޭ ގޮތަށް ޝިކާރައަކަށްވާ މީހުންގެ އާއިލާތަކުގެ އެތައް އިންސާނީ ހައްގުތަކަކާ ހިލާފު ކަމެއް ކަމަށް ވެސް ބުނެފައިވެއެވެ.
އަދި ރިޔާސީ ކޮމިޝަންތަކުގެ ގާނޫނު (ގާނޫނު ނަންބަރު 2019/4) ގައި ޝިކާރައަކަށް ވެފައިވާ މީހުންގެ އާއިލާތަކަށް ހޯދުންތައް ހާމަކުރަން ހުރަސްއެޅޭ ކަމަށް ބުނާ ވަކި މާއްދާއެއް ސާފުކޮށްދިނުމަށް މަދަނީ ޖަމިއްޔާތަކުގެ މަންދޫބުން އެތައް ފަހަރަކު އެދުމުން، މަރު ކޮމިޝަނުން އެކަމަށް އިޖާބަ ދީފައިނުވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި އޭގެ ބަދަލުގައި މަރު ކޮމިޝަނުން ތަކުރާރުކޮށް ބުނެފައިވަނީ އެ ކޮމިޝަނަށް އަންގާފައިވާ ގޮތުގެ މަތިން ހޯދުންތައް ރައީސަށް ހުށަހަޅާނެ ކަމަށް ވެސް މި ބަޔާނުގައި ބުނެފައިވެއެވެ.
އަޅުގަނޑުމެން ކައިރީގައި ބުނެފައި އޮތީ ރިޑެކްޓް ކޮށްފައިވާ ރިޕޯޓެއް އެކަމުގެ އަސަރު ކުރި އާއިލާތަކާ ހިއްސާ ކުރާނެ ކަމަށް. އެކަން ނުކުރުމަށް އެންމެ ފަހު ވަގުތު ނިންމުމަކީ ބަލައިގަނެވޭނެ ނިންމުމެއް ނޫން. އެއީ އަޅުގަނޑުމެންނަށް އިންސާފު ހޯދުމަށް އޮތް ހަމައެކަނި މަގު. އަޅުގަނޑުމެން ޑީޑީކޮމްއަށް އަޅުގަނޑުމެންގެ ތާއީދު ފޯރުކޮށްދިން ނަމަވެސް، ޑީޑީކޮމްއަކީ ހަމައެކަނި ޤާނޫނީ ވާޖިބުތަކުގައި ނާކާމިޔާބުވެފައިވާ ބައެއް ނޫން، ހަޤީޤަތަށް އަޚްލާޤީ ވާޖިބުތަކުގައިވެސް ނާކާމިޔާބުވެފައިވާ ބައެއް. އަޅުގަނޑުމެން މިތިބީ ގޮތް ހުސްވެފައި.ޔާމީން ރަޝީދުގެ ކޮއްކޮ އައިޝަތު ރަޝީދު
ބްލޮގަރ ޔާމީން ރަޝީދު ރަހުމްކުޑަގޮތަކަށް މަރާލާފައިވަނީ 23 އޭޕްރީލް 2017 ގައި މާލޭގައި އޭނާ ދިރިއުޅުނު ގޭގައެވެ. އޭނާ އަކީ 8 އޮގަސްޓް 2014 ގައި ގަދަކަމުން ގެއްލުވާލި ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ އަށް އިންސާފު ހޯދުމަށް ކުރިއަށް ގެންދިޔަ ކެމްޕޭންގެ ލީޑް އޯގަނައިޒަރެވެ.
2019 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހު މަރު ކޮމިޝަނުން ހާމަކޮށްފައިވަނީ، ރިލްވާން މަރާލާފައިވަނީ 9 އޮގަސްޓް 2014 ގައި ކަމަށެވެ. އަދި ޔާމީނާއި ރިލްވާނަކީ، އިންސާނީ ހައްގުތަކަށް ވަކާލާތުކޮށް، ސަރުކާރުތަކުން ކުރަމުންދިޔަ ކަންކަމުގެ ހަގީގަތް ހާމަކޮށް، އަނިޔާވެރި ހަރުކަށި ފިކުރުތަކާ ވަރަށް ބޮޑަށް ދެކޮޅު ހެދި ދެ މީހުންކަމަށް މަރު ކޮމިޝަނުން ބުނެފައިވެއެވެ.
2023 ވަނަ އަހަރުގެ ފަހުކޮޅު ކްރިމިނަލް ކޯޓުން ވަނީ މަރު ކޮމިޝަނުގެ ތަހުގީގާއި ގުޅިގެން ދެ މައްސަލައެއްގައި ދައުވާ އުފުލާފައިވާ ތިން މީހެއްގެ މައްޗަށް އުފުލާފައިވާ ދައުވާގައި އެކަށީގެންވާ ހެކިތައް ނެތްކަމަށް ބަޔާންކޮށް، އެ މައްސަލަ ބޭރުކޮށްލާފައެވެ. އޭގެ ފަހުން ޕްރޮސެކިއުޓާ ޖެނެރަލް ވަނީ އެ މައްސަލަތައް އިސްތިއުނާފު ނުކުރާނެ ކަމަށް ބުނެފައެވެ.
ޖުމްލަ 12 ޖަމިއްޔާއަކުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އެ ދެ މައްސަލައިގައި އިންސާފު ހޯދަން ބޭނުންވާ ދެ އާއިލާއިން ވަކާލާތު ކުރަމުން އައީ މަރު ކޮމިޝަނުން ހާމަކަން ބޮޑުކޮށް، ކޮމިޝަނާ ހަވާލުކޮށްފައިވާ ހުރިހާ މައްސަލައެއްގައި އަވަހަށް އިންސާފު ހޯދައި ދިނުމަށް ކަމަށެވެ.
މަރު ކޮމިޝަން އުފެއްދީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވެރިކަމާ ހަވާލުވެވަޑައިގަތުމާއެކު 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. ހުރިހާ ތަހުގީގެއް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާނެ ކަމުގެ ޔަގީންކަން މަރު ކޮމިޝަނުން ފުރަތަމަ އާންމުންނަށް ދިން ނަމަވެސް، ފަސް އަހަރާއި ބައި ފަހުން އެއްވެސް މައްސަލައެއްގައި އިންސާފު ހޯދައި ދެވިފައެއް ނުވެއެވެ. މީގެ އިތުރުން މަރު ކޮމިޝަނުން ތަހުގީގުކުރި މައްސަލަތަކުގެ އަދަދު އަދިވެސް ސާފުނުވާއިރު، އެކި ނޫސްވެރިންގެ ބައްދަލުވުންތަކުގައި 24 އާއި 27 އާ ދެމެދުގެ އަދަދަކަށް އެ ކޮމިޝަނަށް މައްސަލަ ހުށަހަޅާފައިވާ ކަމަށް ބުނެފައިވެއެވެ.
މިކަމާ ގުޅޭގޮތުން 12 ޖަމިއްޔާއަކުން ނެރެފައިވާ މި ބަޔާނުގައި ބުނެފައިވަނީ، އާންމުންގެ ރައްކާތެރިކަމާއި މަސްލަހަތު ހިމެނޭ ކަންކަން ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމާއި، އާއިލާތަކުގެ ކުރިމަތީގައި އިންސާފު ހޯދުމަށް އެއްވެސް ހުރަހެއް ނެތުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށެވެ.
އަދި ހަވާލުކުރެވުނު 24/27 މައްސަލައިގެ ތެރެއިން އެއްވެސް މައްސަލައެއްގައި ދައުވާ އުފެލޭވަރަށް މަސައްކަތް ކުރެވިފައި ނެތުމުގެ އިތުރުން، އާންމު ވަސީލަތްތަކާއި ބައިނަލްއަޤްވާމީ އެހީ ބޭނުންކޮށްފައިވާތާ ފަސް އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާކަން މި ޖަމިއްޔާތަކުން ވަނީ މަރު ކޮމިޝަނަށް ހަނދާންކޮށްދީފައެވެ.
ހަމައެކަނި 2018 އާއި 2021 އާ ދެމެދު މަރު ކޮމިޝަނުގެ ހަރަދު 5.5 މިލިއަން ރުފިޔާ (ގާތްގަނޑަކަށް 357،000 އެމެރިކާ ޑޮލަރު) އަށް އަރާކަމަށް ބުނެފައިވެއެވެ. އަދި ޖަމިއްޔާތަކުން ގަބޫލުކުރާ ގޮތުގައި އެ ފައިސާ ބޭނުން ކުރެވިފައި ވަނީ ކިހިނެއްތޯ، އަދި ދައުވާތައް ކާމިޔާބު ނުވަނީ ކީއްވެގެންކަން ރާއްޖޭގެ ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށް ވެސް ބުނެފައިވެއެވެ.
އަދި ރިޔާސީ ކޮމިޝަންތަކުގެ ގާނޫނުގައި ހޯދުންތައް ހާމަކުރުމުގައި ކޮމިޝަނަށް މަނާކަމެއް ނެތް ނަމަވެސް، އާއިލާތަކުގެ މައުލޫމާތު ހޯދުމުގެ ދުސްތޫރީ ހައްގަށް މަރު ކޮމިޝަނުން އިހުތިރާމް ކުރަން ޖެހޭނެ ކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ. މީގެ އިތުރުން ނާކާމިޔާބުވުމުން އާއިލާތަކަށް މައުލޫމާތު ހާމަކުރުމަށް ދެކޮޅު ހެދުމަކީ އާއިލާތަކަށް އެ އާއިލާގެ މީހުންގެ މަދަނީ ހައްގު ހޯދުމަށް އިތުރު ހުރަސްއެޅޭނެ ކަމެއްކަމަށް ބުނެފައިވެއެވެ.
އަދި އާންމު ރައްކާތެރިކަމާއި މަސްލަހަތުގެ ކަންކަން ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމާއި، އިންސާފު ހޯދުމަށް ކުރާ މަސައްކަތުގައި ޝިކާރައަކަށްވާ މީހުންގެ އާއިލާތަކަށް ހުރަސްތަކެއް ކުރިމަތި ނުވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެެއް ކަމަށް ޖަމިއްޔާތަކުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން، އިންޓަރނޭޝަނަލް ކޮންވެންޝަން ފޮރ ފަ ޕްރޮޓެކްޝަން އޮފް އޯލް ޕަރސަންސް ފްރޮމް އެންފޯސްޑް ޑިސަޕިއަރިން ނުވަތަ ގަދަކަމުން ގެއްލުވާލާ މީހުންނަށް ރައްކާތެރިކަން ދިނުމާއި ބެހޭ މުއާހަދާފައި ރާއްޖޭއިން ވަނީ 2023 ވަނަ އަހަރުގެ ޖުލައި މަހުގައި ސޮއިކޮށްފައި ކަމަށާއި، މި މުއާހަދާ ފުރިހަމައަށް ތަންފީޒު ކުރުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް ސަރުކާރުން ވަގުތުން އަޅަން ޖެހޭ ކަމަށް ބުނެފައިވެއެވެ.
އަދި ކުރީގެ ރިޔާސީ ކޮމިޝަންތަކުން ރައްޔިތުންގެ އެތައް ފައިސާ ހަރަދުކޮށްފައިވާ އިރުވެސް، އެ ކޮމިޝަންތަކުގެ މެންޑޭޓްތައް ހާސިލުނުކޮށް، ނުވަތަ އެ ކޮމިޝަންތަކުގެ ހޯދުންތައް އާންމުންނަށް ހާމަނުކޮށް ވާއިރު، މިކަމުގެ ސަބަބުން ސަރުކާރުގެ ފަރާތުން މިނިވަންކަމެއް ނުލިބޭ ރިޔާސީ ކޮމިޝަންތަކަކީ ފައިދާހުރި ހައްލެއްތޯ ކަންބޮޑުވުމާއެކު ޖަމިއްޔާތަކުން ވަނީ ސުވާލު އުފައްދާފައެވެ.
މީގެއިތުރުން އިންސާފަށްޓަކައި، ރާއްޖޭގައި ޚާއްސަކޮށް އާންމު މަސްލަހަތާއި ރައްކާތެރިކަމުގެ ކަންކަމުގައި އިންސާފާއި މައުލޫމާތު ފޯރުކޮށްދިނުމުގައި ސަރުކާރުތަކުން މާޒީގައި ނާކާމިޔާބުވެފައިވާއިރު، ރައީސް މުއިއްޒުގެ އިންތިޚާބީ ވައުދުފުޅުތައް ފުއްދަވާ މަރު ކޮމިޝަނުގެ ހޯދުންތައް އާންމުންނާ ހިއްސާ ކުރާނެކަމަށް ކަށަވަރުކޮށްދިނުމަށް ވަނީ ގޮވާލާފައެވެ.
މި ބަޔާން ނެރެފައިވަނީ އެސޯސިއޭޝަން ފޯ ޑިމޮކްރަސީ އިން ދަ މޯލްޑިވްސް (އޭޑީއެމް)، ޓްރާންސްޕޭރެންސީ މޯލްޑިވްސް (ޓީއެމް)، ވީ އާ ޔާމީން، ޕްރޮޖެކްޓް ޒިންމާދާރު، ޒީރޯ ވޭސްޓް މޯލްޑިވްސް، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)، އިންޓަނޭޝަނަލް ފެޑެރޭޝަން ފޯ ހިއުމަން ރައިޓްސް (އެފްއައިޑީއެޗް)، އިންޓަނޭޝަނަލް ފޯރަމް ފޯ ހިއުމަން ރައިޓްސް އެންޑް ޑިވެލޮޕްމަންޓް (ފޯރަމް-އޭޝިއާ)، ހިއުމަން ރައިޓްސް ވޮޗް (އެޗްއާރުޑަބްލިއު)، ނޫސްވެރިން ހިމާޔަތްކުރާ ކޮމިޓީ (ސީޕީޖޭ)، އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) އަދި ރިޕޯޓަރސް ވިތައުޓް ބޯޑަރސް (އާރުއެސްއެފް) ގުޅިގެންނެވެ.