މިއަހަރުގެ މިހާތަނަށް 19 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވާ ކަމަށާއި، އެތަކެތީގެ މަގުމަތީ އަގު 104 މިލިއަނަށްވުރެ މަތިކަަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުންގެ ފަރާތުން ކުރަމުންދާ މަސައްކަތް ހިއްސާކުރަމުން ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ނާފިޒް ވިދާޅުވީ، އޭޕްރީލް މަހު 2 ޑްރަގް ކާޓަލް ބަންދު ކުރެވިފައިވާ ކަމަށާއި، މިއަހަރުގެ މިހާތަނަށް 5 ކާޓަލްއެއް ބަންދުކޮށްފައިވާ ކަމަށެވެ.
އޭގެ އިތުރުން، އޭޕްރީލް މަހު 812 މީހުން ބަލައި ފާސްކޮށްފައިވާ ކަމަށާއި، މިއަހަރުގެ މިހާތަނަށް 3000ށް ވުރެ ގިނަ މީހުން މަސްތުވާތަކެތީގެ މައްސަލަތަކުގައި ބަލައި ފާސްކޮށްފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން ބުނީ، އޭޕްރީލް މަހު 70 ދިވެހިން ޑްރަގް މައްސަލަތަކުގައި ހައްޔަރު ކޮށްފައިވާ ކަމަށާއި މިއަހަރު މިހާތަނަށް 260 ދިވެހިން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އަދި މިއަހަރުގެ މިހާތަނަށް 16 ބިދޭސީއަކު މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރު ކޮށްފައިވާކަމަށްވެސް ފުލުހުން މައުލޫމާތު ދިނެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނެފައިވާ ގޮތުގައި މިއަހަރުގެ މިހާތަނަށް 19 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވެއެވެ. އެތަކެތީގެ މަގުމަތީ އަގު 104 މިލިއަނަށްވުރެ މަތިކަން ފުލުހުން ފާހަގަކުރިއެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި އެންޑީއޭގެ މަސައްކަތްތަކުގެ މައުލޫމާތުވެސް ވަނީ ހިއްސާކޮށްފައެވެ. އެގޮތުން ކޮމިއުނިޓީ ފަރުވާގައި 400ށް ވުރެ ގިނަ މީހުން ތިބިއިރު ޑިޓޮކްސިފިކޭޝަން ފަރުވާގައިވެސް އެ އަދަދަށް މީހުން ފަރުވާ ހޯދަމުންދާކަމަށް އެންޑީއޭއިން މައުލޫމާތު ދެއެވެ،
އަދި އެނޫނަސް އިތުރު ފަރުވާތައް އެކި ފަރާތްތަކުން ދަނީ ހޯދަމުންނެވެ.
އެންޑީއޭއިން މައުލޫމާތު ދޭ ގޮތުގައި މުޅި ރާއްޖޭގައި މިވަގުތު އެ އިދާރާއިން ފަރުވާ ހޯދަމުންދާ މީހުންގެ އަދަދަކީ 1240 އެވެ.
އެހެންނަމަވެސް ފަރުވާއަށް ވެއިޓްލިސްްޓް ކޮށްގެން ތިބި މީހުންގެ އަދަދު ނުހަނު ގިނަކަމަށް އެންޑީއޭއިން މައުލޫމާތު ދެއެވެ. އެގޮތުން ޑިޓޮކްސިފިކޭޝަން އަދި މެތަޑޯން ޓްރީޓްމަންޓަށް ވެއިޓްލިސްޓް ކޮށްފައިވާ މީހުން އޭގެ ތެރޭގައި ގިނަކަަމަށް އެންޑީއޭއިން ބުނެއެވެ.