ކ. މާލެ
|
8 އޯގަސްޓް 2017 | އަންގާރަ 00:44
ރައީސް ނަޝީދު ރައީސް މައުމޫނާއެކު
ރައީސް ނަޝީދު ރައީސް މައުމޫނާއެކު
ޓްވިޓަރ
ގުޅިފައިވާ ސިޔާސީ ޕާޓީތައް
ރާއްޖޭގައި ވެރިކަމަށް އާދެވެނީ އިއްތިހާދަކުން، އެކަމަށް ޤާނޫނު އަސާސީ އިސްލާހް ކުރަން ޖެހޭ:ރައީސް ނަޝީދު
އެއްވެސް އިންތިޚާބެއްގައި ރައްޔިތުންގެ އަޣްލަބިއްޔަތު އެއްސިޔާސީ ޕާޓީއެއްގެ ނުވަތަ އެއް ސިޔާސީ ލީޑަރެއްގެ ފަހަތަށް އަރާފައެއް ނެތް
އަޅުގަނޑުމެންގެ ޤާނޫނު އަސާސީއަށް އިއްތިހާދުވުވުން ބީރައްޓެހިކަމަށް ޤާނޫނީ މާހިރުން އެބަ ފާހަގަ ކުރައްވާ
އިއްތިހާދުވުން ބީރައްޓެހިވެ އޮވެ ކުޑަ އަޣްލަބިއްޔަތެއް ލިބި ސަރުކާރެއް އެކުލަވާލާ ޕާޓީން އެންމެބޮޑު އިސްކަމެއް ދެނީ އެޕާޓީ ފައްކާކުރުމަށް

ރާއްޖޭގައި މިހާރު އިއްތިހާދަކުން ނޫން ގޮތަކަށް ވެރިކަމަށް އާދެވެން ނެތް ކަމަށާއި އެގޮތަށް ޤާނޫނު އަސާސީ އިސްލާހު ކުރަން ޖެހޭ ކަމަށް އާ ޤާނޫނު އަސާސީގެ ދަށުން ފުރަތަމަ ރައީސުލް ޖުމްހޫރިއްޔާ ކަމަށް ވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޤާނޫނު އަސާސީ ދެމެހެއްޓުމުގެ ނަމުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހޯމަ ދުވަހުގެރޭ މ ކުނޫޒްގައި ބޭއްވި ޖަލްސާގައި ވީޑިއޯ ކޯލް މެދުވެރިކޮށް ދެއްކެވި ވާހަކަ ފުޅުގައެވެ.

އިއްތިހާދު ރޫޅުމުން 2012 ވަނަ އަހަރު ވެރިކަމުން ފައިބާ ވަޑައިގަންނަވަން ޖެހިވަޑައިގެންނެވި ރައީސް ނަޝީދު ވިދާޅުވީ މިއަދު ޢަމަލު ކުރަމުން މިދާ ޤާނޫނު އަސާސީގެ ދަށުން މުޅި ރާއްޖެ ވާދަވެރި ކިތަންމެ އިންތިޚާބަކަށް ހިނގައްޖެ ކަމަށާއި ދެ ރިޔާސީ އިންތިޚާބާއި  ދެރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އަދި ތިން ލޯކަލް ކައުންސިލްގެ އިންތިޚާބު  އޭގެ ތެރޭގައި ހިމެނޭ ކަމަށެވެ. މިއިން އެއްވެސް އިންތިޚާބެއްގައި ރައްޔިތުންގެ އަޣްލަބިއްޔަތު އެއްސިޔާސީ ޕާޓީއެއްގެ ނުވަތަ އެއް ސިޔާސީ ލީޑަރެއްގެ ފަހަތައް އަރާފައި ނުވާ ކަމަށް ވިދާޅުވިއެވެ..

" ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ މިވަނީ އެންމެގިނަ ވޯޓު ހޯދާ ޕާޓީއަށް ވެފައި. ތެދުފުޅެއް އެންމެ ގިނަ ދިވެހިރައްޔިތުން ތާއީދުކުރާ ޕާޓީއަކީ ވެސް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ. އެހެންނަމަވެސް އެމްޑީޕީއަކަށް ވެސް 50 ޕަސެންޓަށް ވުރެ އިތުރަކަށް ވޯޓު ހޯދިފައެއް ނުވޭ. 2008 ވަނަ އަހަރުގެ ފުރަތަމަ ބުރުގައި އަޅުގަނޑު ތަމްސީލްކުރި އެމްޑީޕީއަށް ލިބުނީ ނެގުނު ވޯޓުގެ 24 ޕަސެންޓް. ރައީސް މައުމޫން އެއިންތިޚާބުގައި ހޯއްދެވި 44 ޕަސެންޓް. އެހެން ނަމަވެސް އެފަހަރު ސަރުކާރު އުފެދިގެން އައީ އަޅުގަނޑުގެ ރައީސް ކަމުގައި. ރިޔާސީ އިންތިޚާބެއްގެ ދެވަނަ ބުރަށް އަޅުގަނޑު ދިޔައީ އިއްތިހާދެއްގެ ތެރެއިން. 2013 ވަނަ އަހަރު ވެސް ކަންދިމާވީ މިބީދައިން. ރައީސް ޔާމީން ތަމްސީލް ކުރެއްވި ޕީޕީއެމަށް ލިބުނީ 26 ޕަސެންޓް. އަޅުގަނޑު ތަމްސީލްކުރި އެމްޑީޕީއަށް ލިބުނީ 47 ޕަސެންޓް. އެހެންނަމަވެސް ސަރުކާރު އުފެދިގެން އައީ ރައީސް ޔާމީންގެ ރިޔާސަތުގައި. ރައީސް ޔާމީން ވެސް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ވަޑައިގަތީ އިއްތިހާދެއްގެ ތެރެއިން" ރައީސް ނަޝީދު ވިދާޅުވިއެވެ.

މިކަން މިހެންވާއިރު އެމަނިކުފާނު ވިދާޅުވި ގޮތުގައި އަޅުގަނޑުމެންގެ ޤާނޫނު އަސާސީއަށް އިއްތިހާދުވުން ބީރައްޓެހިކަމަށް ޤާނޫނީ މާހިރުން އެބަ ފާހަގަ ކުރައްވާ ކަމަށާއި  އިއްތިހާދުވުން ބީރައްޓެހިވެ އޮވެ ކުޑަ އަޣްލަބިއްޔަތެއް ލިބި ސަރުކާރެއް އެކުލަވާލާ ޕާޓީން އެންމެބޮޑު އިސްކަމެއް ދެނީ އެޕާޓީ ފައްކާ ކުރުމަށް ކަމަށެވެ.

"ރައީސުލް ޖުމްހޫރިއްޔާ ވެސް މަސައްކަތް ކުރައްވަނީ އެބޭފުޅާގެ ބާރު އިތުރުކުރުމަށް. އެބޭފުޅާގެ ކިބައިގާ ވެރިކަމުގެ ގިނަ ބާރު ބެހެއްޓެވުމަށް. ނަތީޖާއަކަށް ވެދަނީ ސިޔާސީ ވާދަވެރިންނަށް އަނިޔާވުން. ޤާނޫނު އަސާސީ އުއްމީދުކުރާ ފިޔަވަޅުގައި ވެރިކަމުގެ ކަންކަން ކުރިއަށް ނުދިއުން. އިއްތިހާދު ވުމުގެ ހަމަތަކާއި އުސޫލުތައް އެންމެ ރައްޓެހި ވެރިކަމުގެ ނިޒާމަކީ ބަރުލަމާނީ ނިޒާމް. މިއަދުގެ ޤާނޫނު އަސާސީގައި މިވަނީ ފުރިހަމަ ރިޔާސީ ނިޒާމެއް. އިއްތިހާދު ބީރައްޓެހި ނިޒާމެއް. މިއަދުގެ ޤާނޫނު އަސާސީގެ ދަށުން ވެރިކްނަ ކުރައްވާ ވެރިޔާ ވެރިކަމުގެ ބާރު އެއްކުރުމުގެ ނިޔަތުގައި އެބޭފުޅާގެ ވާދަވެރިން އެކަހެރި ކުރަން މަސައްކަތް ކުރައްވައިފިނަމަ ވެރިކަން ވެއްޓޭ ކަމީ މިއަދުގެ ދިވެހިރާއްޖެ އަޅުގަނޑުމެންނަށް ސާފުކޮށްދީފައިވާ ވަރަށް ރަނގަޅު ޙަޤީގަތެއް. އަދި ވަކިން ޚާއްޞަކޮށް އަޅުގަނޑަށް ސާފުވެފައިވާ ބޮޑު ޙަޤީގަތެއް. ރައީސް ޔާމީންގެ ވެރިކަން ވެއްޓިއްޖެ.  ވެރިކަމަށް ވަޑައިގެންނެވި އިއްތިހާދު ރޫޅިއްޖެ. ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު ގެއްލިއްޖެ. މިއަދު ރައީސް ޔާމީންގެ ވެރިކަން ދެމެހެއްޓޭނޭ ހަމަ އެއްގޮތެއްވެސް ނެތް." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ދުސްތޫރެއްގައި ބަޔާން ކުރަނީ އުސޫލުތަކަކާއި ހަމަތަކެއް ކަމަށާއި ޤާނޫނު އަސާސީގައި ބަޔާން ކުރަނީ ބޭނުންވާ ޖުމްލަ އަދަދު ކަމަށެވެ. އަދި  އެއަދަދަށް ވާސިލްވާނޭ ގޮތުގެ ތަފްސީލް ހިސާބެއް ޤާނޫނު އަސާސީ ނުދޭ ކަމަށާއި އޭގައިވަނީ ރައްޔިތުންގެ ޙައްޤުތައް އެކަނި ނޫން ކަމަށް ވިދާޅުވިއެވެ.

ރައްޔިތުންގެ މަސްއޫލިއްޔަތުތައް ވެސް ވަނީ އޭގައި ކަމަށާއި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގައި ބުނާ ޖުމްލަ އަދަދަކީ ރަނގަޅަށް އުޅޭށޭ ބުނާ ބުނުން ކަމަށް ވިދާޅުވިއެވެ. އަދި ރަނގަޅަށް އުޅުމަކީ އެކަކު އަނެކަކަށް އިހާނެތިކޮށް ނުހެދުން ކަމަށާއި ރިވެތި ދިރިއުޅުމެއް އާރާސްތުކުރަމުން ގެންދިއުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ރާއްޖޭގެ ޤާނޫނު އަސާސީގައި ވެރިކަމަށް އައުމަށް އުފައްދާ އިއްތިހާދުގެ ދައުރާ ބާރު ބަޔާންކުރާކަށް ނުޖެހޭ. އޭގައި އެބުނާ ބަސްތައް އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ސާފުވޭ. އިއްތިހާދަކުން ވެރިކަމަށް ވަޑައިގެންފިނަމަ ހަމަ ކަށަވަރުންވެސް އެއިއްތިހާދު ރޫޅާލައި ތިމަންނާގެ އަމިއްލަ ބާރުގެ ދަށަށް މުޅި ވެރިކަން ދީލާލާ ވާދަވެރިން ހިފާ ހައްޔަރުކޮށް ދައުލަތުގެ ބައިތުލްމާލަށް ޚިޔާނާތްތެރިވެ ވައްކަމާއި ފަސާދައިގާ ތިމާ ތުހުމަތުވެ، ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލް ނުރައްކަލަށް ގެނެސް އަދި އަމުދުން ތިމާގެ އަމިއްލަ ލޭ ހިނގާ ގާތްތިމާގެ މީހުންނަށް އަނިޔާ ކުރާން  ފެށީމާ އެއުޅެވެނީކީ ރަނގަޅަކަށް ނޫން. ޤާނޫނު އަސާސީ ބުނާ އެންމެފަހުގެ ޖުމްލަ އަދަދަކީ ރަނގަޅަށް އުޅުމަށް. ރަނގަޅަށް ނޫޅެވޭއިރު އެހުރީ ޤާނޫނު އަސާސީއާ ޚިލާފްވެފައި." ރައީސް ނަޝީދު ވިދާޅުވިއެވެ.

- ކޮމެންޓް