މިހާރު މިއޮތް ރައީސް ޔާމީންގެ ވެރިކަން ރަށްމެދުވެއްޖެ ކަމަށާއި އެވެރިކަމުގައި ހަލާލުކަމެއް ނެތްކަމަށް ރާއްޖޭގެ ކުރީގެ ރައީސުލް ޖުމްހޫރިއްޔާ ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޤާނޫން އަސާސީ ދެމެހެއްޓުމުގެ ނަމުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހޯމަ ދުވަހުގެރޭ މ ކުނޫޒްގައި ބޭއްވި ޖަލްސާގައި ވީޑިއޯ ކޯލް މެދުވެރިކޮށް ދެއްކެވި ވާހަކަ ފުޅުގައެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް އިއްތިހާދަކުން ރައީސް ކަމަށް ވަޑައިގެންނެވި ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ޤާނޫނު އަސާސީ މާނަ ކުރުމުގައި ވަރަށް މުހިއްމު ޙަޤީގަތެއް ވަނީ ސާފުވެފައި ކަމަށާއި 2012 ވަނަ އަހަރު ރާއްޖޭގެ ވެރިކަން ބަދަލުވެގެން އައިގޮތާ ގުޅޭގޮތުން ރާއްޖޭގެ އެންމެހާ ސިޔާސީ ފަރާތްތަކާއި އަދި މުޅި ދިވެހި ދައުލަތާއި ބައިނަލްއަޤްވާމީ މުޖުތަމައު ވަނީ ނިންމުންތަކެއް ނިންމާފައި ކަމަށެވެ.
"ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ (ކޯނީ) ގެ ނިންމުންތައް. އެނިންމުމުގައިވާ ބަސްތައް އެބަސްތަކުގެ އެންމެ ސާފު އެއް ހަޤީގަތަކީ ވެރިކަމަށް އައުމަށް އުފައްދާ އިއްތިހާދު ރޫޅިއްޖެނަމަ ވެރިކަމުގެ ސައްޙަކަން، ހަލާލުކަން ގެއްލި ދިޔައީ. ރައީސް ޔާމީންގެ ވެރިކަން ރަށްމެދުވެއްޖެ. އޭގައި ޙަލާލު ކަމެއް ނެތް. މިރާއްޖޭގެ ދުސްތޫރީ ޙަޔާތް އަލިމިވިލެނީ އަނެއްކާވެސް މުޅިން އާ ފަތިހަކަށް. އެހަޔާތް އިރާދަކުރެއްވިއްޔާ ބިނާކުރާނީ މުޅިން އެހެން ޤައުމިއްޔަތެއް. އިންސާނީ ޙައްޤުތައް ހުރުމަތްތެރިކޮށް ހިތާ ޤައުމިއްޔަތެއް. އިސްލާމީ ތަހުޒީބީ ޒަމާނީ ޤައުމިއްޔަތެއް. ލާމެހިފައިވާ ދުނިޔެއެއްގައި ފަޚުރުވެރިކަމާއެކު ދިރިއުޅޭ ފުއްދުންތެރި ރައްޔިތެއްގެ ޤައުމިއްޔަތެއް." ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ތިމާމީހާއާ ދިމާވާ ހިތާމަޔާ އަނިޔާއާއި ދަތިތަކުން އެމީހާ މަރުނުވެ ކޮންމެފަހަރަކު އޭނާ އެތެދުވަނީ އޭނާ ކުރީގައި ހުރި މިންވަރަށްވުރެ އަދި މާގަދަކޮށް ކިތައްމެ ތަޖްރިބާއާއެކު ކަމަށާއި މި ދިވެހި ޤައުމުގެ ހަޔާތުގައި އެތައް ކަމެއް މިޤައުމު ތަޖްރިބާކޮށްފި ކަމަށެވެ.
" މި ދިވެހި ޤައުމުގެ ހަޔާތުގައި އެތައް ކަމެއް މިޤައުމު ތަޖްރިބާކޮށްފި. ކިތައްމެ ތަކުލީފެއް އުފުލައިފި. ގިނަގުނަ ދަރުސްތަކެއް ލިބިގެންފި. މި ޤައުމު އިރާދަކުރެއްވިއްޔާ ދާނީ ކުރިއަށް. އަޅުގަނޑުމެން މިދަނީ ކުރިއަށް. އަޅުގަނޑުމެން މިދަނީ ބާރަށް ކުރިއަށް. ޒިންދާބާދު ދިވެހި ޤައުމު" ރައީސް ނަޝީދު ވިދާޅުވިއެވެ.