ކ. މާލެ
|
7 މެއި 2024 | އަންގާރަ 12:54
ޑޯޓްމަންޑުގެ ކޯޗު އެޑިން ޓާޒިކް
ޑޯޓްމަންޑުގެ ކޯޗު އެޑިން ޓާޒިކް
ރޮއިޓާސް
ޔުއެފާ ޗެމްޕިއަންސް ލީގު
ފުރަތަމަ ލެގުން ފެނުނު ޕޮޒިޓިވް ކަންތައްތަކާއެކު، ޑޯޓްމަންޑު އޮތީ ފުރިހަމައަށް ތައްޔާރަށް
 
ފުރަތަމަ ލެގުގައި ދެއްކި ކުޅުމާއި، އެ ލެގުގެ ނަތީޖާ އިން ފަރު ޖައްސާލެވެން ނެތް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ފެނުނު ޕޮޒިޓިވް ކަންތައްތަކާއެކު، ބޮރޫޝިއާ ޑޯޓްމަންޑު އޮތީ ދެ ވަނަ ލެގަށް ފުރިހަމަ އަށް ތައްޔާރަށް ކަމަށް އެ ޓީމުގެ ކޯޗު އެޑިން ޓާޒިކް ބުނެފި އެވެ.

އޭނާ މިހެން ބުނީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ދެ ވަނަ ލެގުގައި ފްރާންސް ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ. ޑޯޓްމަންޑުގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު އެ ޓީމުން ކާމިޔާބު ކުރީ 1-0 އިންނެވެ.

ޓާޒިކް ބުނީ، ޕީއެސްޖީގެ ދަނޑުގައި އެ ޓީމުން ދައްކާނެ ފެންވަރާއި، ބުންވަރު ޑޯޓްމަންޑުގެ ކުޅުންތެރިން އަދި އޭނާ އަށް ވެސް އިނގޭ ކަމަށެވެ. އަދި ޚާއްސަކޮށް، ފުރަތަމަ ލެގުގައި ދެއްކި ކުޅުމާއި، އެ ލެގުގެ ނަތީޖާ އިން ފަރު ޖައްސާލެވެން ނެތް ކަމުގައި ވެސް ޓާޒިކް ވަނީ ބުނެފަ އެވެ. ނަމަވެސް ފުރަތަމަ ލެގުން ފެނުނު ޕޮޒިޓިވް ކަންތައްތަކާއެކު، ޓީމު އޮތީ އިތުރަށް ތައްޔާރުވެ ފުރިހަމަ އިތުބާރާއެކު ކަމަށް ޓާޒިކް ބުންޏެވެ.

އިތުރަށް ޓާޒިކް ބުނީ، ޕީއެސްޖީއާ ދެކޮޅަށް ކުޅޭ މެޗުގެ މުޅި 90 މިނެޓަށް ޑޯޓްމަންޑުން ވިސްނައި، ފުރިހަމަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށެވެ. އެ މެޗުގައި ޕީއެސްޖީ އަށް ވުރެ އިތުރަށް ހިތްވަރު ލާން ޖެހިއްޖެ ނަަމަ، ޑޯޓްމަންޑުގެ ކުޅުންތެރިން އިތުރަށް 90 ކިލޯމީޓަރަށް ދުވަން ވެސް ދުވާނެ ކަމަށް ޓާޒިކް ވަނީ ފާހަގަކޮށްފަ އެވެ. އޭނާ ބުނީ ޑޯޓްމަންޑުން ބޭނުންވާ އަމާޒެއް އޮތް ކަމަށާއި، ހާސިލު ކުރަން ބޭނުންވާ ލަނޑުދަނޑިތަކެއް ވެސް އޮތް ކަމަށެވެ.

ޕީއެސްޖީގެ ދަނޑުގައި ޑޯޓްމަންޑުން އެ ޓީމާ ދެކޮޅަށް ނިކުންނާނީ އަންގާރަ ދުވަހުގެ ރޭ ދަންވަރު ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް