ކ. މާލެ
|
7 އޯގަސްޓް 2017 | ހޯމަ 19:18
ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙު އިބްރާހިމް: މެންބަރުންގެ ތާޢީދުނެތްނަމަ އިސްތިޢުފާ ދިނުމަށް ޤާނޫނުގައި ބުނެފައިވާކަން ޕީޖީއޭއިން ވަނީ ހަނދާންކޮށްދީފައި
ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙު އިބްރާހިމް: މެންބަރުންގެ ތާޢީދުނެތްނަމަ އިސްތިޢުފާ ދިނުމަށް ޤާނޫނުގައި ބުނެފައިވާކަން ޕީޖީއޭއިން ވަނީ ހަނދާންކޮށްދީފައި
މަޖިލިސް
ޕީޖީއޭ
މަސީހު އިސްތިއުފާދެއްވުމަށް ޕީޖީއޭ އިން "ހަނދާންކޮށްދީފި"
މެންބަރުންނަށް ގޯނާ ނުކުރުމަށް ވަނީ ގޮވާލާފަ
ރައްޔިތުންނާއި މެންބަރުންނަށް ގިނަ ޙައްޤުތަކެއް ކަށަވަރުކޮށްދިނުމަށް ވަނީ ގޮވާލާފަ
މަޖިލީހުގެ 4 މެންބަރުން ޖަލަށްލައި، ގިނަ މެންބަރުންތަކެއްގެ މައްޗަށް ޖިނާއީ ތުޙުމަތުކޮށް، 4 މެންބަރުންގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފަ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ނުވަތަ މަޖިލިސް ރައީސްގެ ނައިބުގެ މައްޗަށް އިތުބާރު ނެތް ކަމަށް މަޖިލީހުގެ އަގުލަބިއްޔަތު މެންބަރުން ނިންމާ ހިސާބުން އެފަރާތްތަކުން އިސްތިއުފާ ދެއްވުމަކީ، ދިވެހި ރާއްޖޭގެ ޤާނޫނުތަކުގައި ލިޔެފައިވާ ގޮތް ކަން، ޕާލިމެންޓޭރިއަންސް ފޯ ގްލޯބަލް އެކްޝަން (ޕީޖީއޭ) އިން "ހަނދާން ކޮށްދީފި" އެވެ.

142 ޤައުމުގެ ޤާނޫނު ހަދާ މަޖިލީސްތަކުގެ މެންބަރުން ހިމެނޭ، ޕާލިމެންޓޭރިއަނުންގެ ބައިނަލްއަޤުވާމީ އެންމެ ބޮޑު ޖަމިއްޔާ، ޕީޖީއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ދެކޮޅަށް އެކި ކަހަލަ ތުޙުމަތުކޮށް، ބައެއް މެންބަރުން ހައްޔަރުކޮށް، ދުސްތޫރީ އަދި ޑިމޮކްރެޓިކް ނިޒާމާއި ދެކޮޅަށް ގިނަ ކަންތައްތަކެއް ހިންގާތީ ކަންބޮޑުވާ  ކަމަށެވެ.

ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 21، 27، 28، 30، 32، 42، 45، އަދި 58 ގައި ކަށަވަރު ކޮށްދޭ ހައްޤުތައް އެންމެ ފުރިހަމައަށް، ހުރިހާ ރައްޔިތުންނަށް ހަމަހަމައަށް ކަށަވަރު ކޮށްދިނުމަށް މި ބaޔާނުގައި ވަނީ ގޮވާލާފައެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ނުވަތަ މަޖިލިސް ރައީސްގެ ނައިބުގެ މައްޗަށް އިތުބާރު ނެތް ކަމަށް މަޖިލީހުގެ އަގުލަބިއްޔަތު މެންބަރުން ނިންމާ ހިސާބުން އެފަރާތްތަކުން އިސްތިއުފާ ދެއްވުމަކީ، ދިވެހި ރާއްޖޭގެ ޤާނޫނުތަކުގައި ކަން ކުރުމަށް ކަނޑައަޅާފައިވާ ގޮތްކަން ޕީޖީއޭގެ ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ.

މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ އެކި މެންބަރުންނާއި، ސިޔާސީ އެކި ފަރާތްތަކާއި ދެކޮޅަށް ސަރުކާރުން މިހާރު ހިންގަމުންދާ އެކި އަމަލުތައް ކުށްވެރިކޮށް، އެ އަމަލުތައް ހުއްޓާލުމަށް މި ބަޔާނުގައި ގޮވާލާފައިވެއެވެ.

އަދި ހަމަ މިއާއިއެކު، 60 އަހަރަށްވުރެ ގިނަ ދުވަހަށް ފަހު، މަރުގެ ޙުކުމް ތަންފީޒުކުރަން އަލުން ފެށުމަށް ސަރުކާރުން ނިންމާފައިވާއިރު، ޝަރުޢީ ނިޒާމު އަދިވެސް އެންމެ ފުރިހަމައަށް މިނިވަންވެފައި ނުވުމާއި، އެ ނިޒާމަށް އިސްލާހީ ބަދަލުތަކެއް ގެންނަން ޖެހޭތީ، މިހާރު އޮތް ހާލަތުގައި މަރުގެ ޙުކުމް ތަންފީޒު ކުރުމާއި  މެދު ޕީޖީއޭއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.  

ޤާނޫނުހަދާ މަޖިލީސްތަކުގެ ބައިނަލްއަޤުވާމީ އެންމެ ބޮޑު ޖަމުޢިއްޔާއިން މިފަދަ ބަޔާނެއް ނެރެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ 4 މެންބަރުން ޖަލަށްލައި، އެ މަޖިލީހުގެ ގިނަ މެންބަރުންތަކެއްގެ މައްޗަށް ޖިނާއީ ތުޙުމަތުކޮށް، މަޖިލީހުގެ 4 މެންބަރުންގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް