ރާއްޖޭގެ ކަންކަން މިހާރު ގޮސްފައިވާ ހާލަތުން ރަނގަޅު ކުރެވޭނެ ހަމައެކަނި ގޮތަކީ ރައްޔިތުން ޤާނޫން އަސާސީން ރައްޔިތުންނަށް ދީފައިވާ ބާރުތައް ރައްޔިތުންގެ އަތްމައްޗަށް އަނބުރާ ނެގުން ކަމަށް މިހާރު މިއޮތް ޤާނޫން އަސާސީ އެކުލަަވާލި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ޑްރާފްޓިންގ ކޮމެޓީގެ މުޤައްރިރު އިބްރާހީމް އިސްމާއީލް (އިބުރާ) ވިދާޅުވެއްޖެއެވެ.
އިބުރާ މިހެން ވިދާޅުވީ މިހާރު އަމަލް ކުރަމުންދާ ޤާނޫނު އަސާސީ ތަސްދީގު ކުރި ދުވަސް ކަމަށްވާ އޮގަސްޓް 7 ވަނަ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރާއްޖެ ޓީވީން ގެނެސްދިން ޚާއްޞަ ޕްރޮގްރާމްގައި ސްކައިޕް މެދުވެރިކޮށް ވާހަކަ ދައްކަވަމުންނެވެ.
އިބުުރާ ވިދާޅުވީ ރާއްޖޭގައި މިހާރު މިއޮތް ޤާނޫނު އަސާސީއަކީ ރައްޔިތުންގެ ޙައްޤުތައް ވަރަށް ރަނގަޅަށް ބަޔާން ކޮށްފައިވާ ދުނިޔޭގެ ފެންވަރުގައި ފާހަގަ ކޮށްލެވޭ ޤާނޫނު އަސާސީއެއް ކަމަށެވެ. އަދި މި ޤާނޫނު އަސާސީއަކީ އިސްލާމްދީނާއި އިސްލާމީ އުސޫލުތަކުގެ މަތިން ޑިމޮކްރެޓިކް ހަމަތަކަކަށް ޢަމަލް ކުރެވޭނެ ޤާނޫނު އަސާސީއެއް ކަމަށެވެ.
އެގޮތުން މިހާރު މިއޮތް ޤާނޫނު އަސާސީ އެކުލަވާލުމަށްޓަކައި އޭރުގެ ޚާއްޞަ މަޖިލީހުން އޭޝިޔާގެ ޤައުމުތަކާއި ޔޫރަޕްގެ ޤައުމުތަކުގެ އިތުރުން ޢަރަބި އިސްލާމީ ޤައުމުތައް ހިމެނޭގޮތައް ޖުމްލަ 21 ޤާނޫނު އަސާސީއަކަށް ބަލާފައިވާނޭ ކަމަށް ވިދާޅުވިއެވެ..
އިބުރާ ވިދާޅުވީ ޤާނޫނު އަސާސީން ހުރިހާ ކަމަކަށް ވެސް ހައްލު ހޯދަައިދީ އިންސާފާއި ހަމަހަމަކަން ޤާއިމް ކުރެވޭނެ ކަމަށާއި ނަމަވެސް މައްސަލައަކީ ރާއްޖޭގައި ޤާނޫނު އަސާސީގައި އޮތް ގޮތަށް ކަންކަން ކުރަމުން ނުދިއުން ކަމަށެވެ. އަދި ޤާނޫނު އަސާސީގައި އޮތްގޮތަށް ކަންކުރާނަމަ ރާއްޖޭގައި މިހާރު މިހިނގާ މައްސަލަތައް ނުހިނގާނެ ކަމަށް އިބުރާ ވިދާޅުވިއެވެ.
"އެހެންވީމާ ތަކުރާރުކޮށް މިދަންނަވަނީ ޤާނޫނު އަސާސީގައި އޮތް ގޮތަކަށް ނޫނޭ ކަންކަން ނިމިގެން ދަނީ. ޤާނޫނު އަސާސީގައި އޮތްގޮތަށް ހުރިހާ ބޭފުޅުންވެސް ކަންކުރައްވާނަމަ ޤައުމުގައި ހަމަޖެހުން ވެސް އޮންނާނެ، ވައްކަން ކުރާ މީހުން ވެސް މަދުވާނެ، މާރާމާރީ ހިންގާ މީހުން ވެސް މަދުވާނެ، އެކަންކަން ހިންގާ ބަޔަކަށް އަދަބުވެސް ދެވޭނެ. އެކަންކަން ހުއްޓުވޭނެ ހަމަ ބޮޑު ތަނުން." އިބުރާ ވިދާޅުވިއެވެ.