މިހާރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ރައްޔިތުންގެ މަޖިލީހަށް ވުރެ ގިނަ އިން ހާޒިރުވެވަޑައިގަންނަވަން ޖެހިފައި ވަނީ ފުލުސް އޮފީހަށް ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް ( އިބޫ) ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވަމުން ގެންދަވާ އިބޫ ހޯމަ ދުވަހު ފުލުސް އޮފީހަށް ހާޒިރުވެވަޑައިގަތުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ގާނޫނު އަސާސީއަށް އަމަލު ކުރަން ފެށިތާ ނުވަ އަހަރު ފުރޭއިރު މިއަދަކީ ދުސްތޫރީ ހަޔާތުގައި ހިތާމަވެރި ދުވަހެއް ކަމަށެވެ. އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް މަޖިލީސް ކުރާ ގެއަށް ވަނުމުން ކުރަމުން ދަނީ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ ކަމަށެވެ.
" އެންމެންގެ މައްޗަށް މި ކުރަނީ އެއް ތުހްމަތެއް. ފުލުހުންގެ ސަފެއް ފާޅާލާފައި ދިޔަ ވާހަކައެއް މި ދައްކަނީ. ދެން ހުއްދަ ނޫން ތަނަކަށް ވަނުން. ދެން ހުއްދަ ނޫން ތަނަކީ ކޮބައިތޯ އޮޅުންފިލުވިއިރު މި ވަނީ ރައްޔިތުންގެ މަޖިލިސް،" އޭނާ ވިދާޅުވި އެވެ.
އިބޫ ހޯމަ ދުވަހު ވެސް ފުލުސް އޮފީހަށް ހާޒިރު ކުރެއްވީ ފުލުހުން އޭނާގެ މައްޗަށް ހިންގަމުންދާ ޖިނާއީ ތަހްގީގާ ގުޅިގެންނެވެ. ފުލުހުންގެ ސަފުތައް ފަޅާލައި، ރައްޔިތުންގެ މަޖިލީސްކުރާ ގެއަށް ވެންނެވި ކަމަށްބުނާ މައްސަލާގައި މީގެ ކުރިން ވެސް އޭނާ ފުލުސް އޮފީހަށް ހާޒިރުކޮށް، ބަޔާން ނަގާފައިވެ އެވެ. އަދި ހޯމަ ދުވަހު އަލުން ފުލުސް އޮފީހަށް ހާޒިރުކޮށް ބަޔާން ނަގާފައިވާއިރު އިބޫ ވިދާޅުވީ އަލުން ހާޒިރުކޮށް ނަގާފައިވަނީ ބަންދުގައި ހުރި މީހެއް ކަމަށް ބަލައިގެން ކަމަށް ވާތީ ކަމަށެވެ. އިބޫ ވިދާޅުވި ގޮތުގައި އެ ގޮތަކަށް ދިމާވަނީ ޖިނާއީ އިޖްރާއަތުގެ ގާނޫނަށް ފުލުހުން އަހްލުވެރިނުވުމުގެ ސަބަބުން ކަމަށެވެ.
" ކުރިން ދުވަހު އަޅުގަނޑުގެ ތަހްގީގު ކުރިއަށް ގެންދެވުނީ ހައްޔަރުގައި ހުރި މީހެއް ކަމަށް ބަލައިގެން. ޖިނާއީ އިޖްރާއަތަށް އަހްލުވެރިވުމުގައި އުޅޭ މައްސަލައެއް ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ،" އިބޫ ފާހަގަ ކުރެއްވި އެވެ.
ހޯމަ ދުވަހު ފުލުސް އޮފީހަށް އިބޫ ހާޒިރުވެވަޑައިގެންނެވިއިރު އެ ސަރަހައްދުގައި ހުންވައިގެން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ މެމްބަރުން ތަކެއް ހައްޔަރުކޮށް ޖިނާއީ ދައުވާތައް ކުރި ނަމަވެސް ރައީސް އަބްދުﷲ ޔާމިނަށް ރައްޔިތުންގެ ތާއިދެއް ދެން ނުލިބޭނެ ކަމަށެވެ. އަދި މިހާރު ރައީސް ޔާމިން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަކީ މެމްބަރުންނަށް ބިރު ދެއްކުމަށް ކުރައްވާ މަސައްކަތެއް ކަމަށްވެސް ވިދާޅުވި އެވެ. ނަމަވެސް ބިރު ދައްކައިގެން އިދިކޮޅު މެމްބަރުންގެ މަސަކަތް ނުހުއްޓުވޭނެކަން ގަބޫލު ކުރައްވަމުން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.