އަބުރުގެ ބިލް ހުށަހެޅުއްވި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ޖައުފަރު ދާއޫދުގެ އަބުރު ގެއްލިފައިވާ ކަމަށް ބުނެ ޚަބަރު ލިޔުނު ރާއްޖެ އެމްވީގެ އަޒްމޫން އަހުމަދާ ދެކޮޅަށް މީޑިއާ ކައުންސިލަށް މައްސަލައެއް ހުށަހަޅުއްވައިފިއެވެ.
މެންބަރު ދާއޫދު މީޑިއާ ކައުންސިލަށް ޝަކުވާ ހުށަހަޅުއްވާފައި ވަނީ ރާއްޖެ އެމްވީގައި އަޒްމޫން "ބިޑަކާ ނުލައި ހދ ދިއްޕަރުފުށި މެންބަރު ޖައުފަރު ދާވޫދަށް ދީފި" މިސުރުޚީގެ ދަށުން ލިޔެފައިވާ ޚަބަރާ ގުޅިގެންނެވެ. އެއީ އަބުރު ގެއްލޭފަދަ ދޮގު ޚަބަރެއް ކަމަށާއި އެޚަބަރުގެ ސަބަބުން މެންބަރު ދާވޫދުގެ ދާއިރާގެ ރައްޔިތުންނާއި ރާއްޖޭގެ އެކި ކަންކޮޅުތަކުން ތަފާތު މީސްމީހުންގެ ނަޒަރުގައި އެފަރާތްތަކުން އެމެންބަރާމެދު ކުރަމުން އައި ޤަދަރަށް އުނިކަން ލިބި އެފަރާތްތަކުން ކުރަމުން އައި އިޙްތިރާމަށް ވަނީ ބުރޫ އަރާފައި ކަމަށް މީޑިޔާ ކައުންސިލަށް ހުށަހެޅުއްވި ޝަކުވާގައި ބުނެފައިވެއެވެ.
މެންބަރު ދާއޫދު މީޑިޔާ ކައުންސިލަށް ހުށަހެޅުއްވި ޝަކުވާގައި ވިދާޅުވެފައިވާ ގޮތުގައި ހދ ދިއްޕަރުފުށި ކުއްޔަށް ދޫކުރުމަށް ޓޫރިޒަމް މިނިސްޓްރީން ޢާއްމުކޮށް ހުޅުވާލިކަން އިއުލާން ކުރުމުން އެރަށަށް ޕްރޮޕޯސަލް ހުށަހަޅާފައިވާނޭ ކަމަށް ބުނެފައިވެއެވެ. އަދި އެޕްރޮޕޯސަލް ހުށަހަޅާފައިވާނީ އެފަދަ ރަށްރަށަށް ޕްރޮޕޯސަލް ހުށަހެޅުމާބެހޭ ޤަވާއިދާ އެއްގޮތަށް އެޤަވާއިދުގައިވާ އެންމެހައި ކަންކަން ފުރިހަމަ ކޮށްގެން ކަމަށް ވެސް މައްސަލަ ހުށަހެޅި ލިޔުމުގައި ބުނެފައިވެއެވެ.
އަދި އެޕްރޮޕޯސަލް ޓޫރިޒަމް މިނިސްޓްރީން ބަލައިގަނެ އެޕްރޮޕޯސަލް އިވެލުއޭޓް ކުރުމަށް ފަހު އެހެންވެސް އެފަދަ ޕްރޮޕޯސަލްތަކަށް އިޖާބަދެއްވާ ފަދައިން މެންބަރު ދާއޫދު ހުށަހެޅުއްވި ޕްރޮޕޯސަލްގައިވާ ގޮތަށް ޓޫރިޒަމް ތަރައްޤީ ކުރުމަށް ހދ ދިއްޕަރުފުށި ބޭނުން ކުރުމަށް 20 ނޮވެމްބަރ 2016 ގައި އެމިނިސްޓްރީން އެމެންބަރަށް ދައުވަތު ދީފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
މެންބަރު ދާއޫދު ވިދާޅުވީ އެފަދަ ގޮތަކަށް ހިނގާފައިވާ ކަމެއްގައި ބިޑަކާ ނުލައި އެމެންބަރު ފަޅު ރަށެއް ހޯދިކަމަށް ލިޔެ ޢާއްމު ކުރުމުން ދާއިރާ އާއި ރާއްޖޭގެ އެކިކަންކޮޅުތަކުން ސޯޝަލް މީޑިއާ އާއި އެނޫން ވެސް ވަސީލަތްތަކުން އަބުރަށް ހުތުރުވާގޮތަށް ވަރަށް ގިނަ ފަރާތްތަކުން ދައުލަތުގެ މުދާ ނާޖާއިޒް ގޮތުގައި ބޭނުން ކުރާކަން ދޭހަވާ ގޮތަށް އެކިއެކި ވާހަކަތައް އެމެންބަރަށް ވެސް ރައްދު ކޮށްފައިވާ ކަމަށެވެ.
އެހެން ކަމުން ރާއްޖެ އެމްވީގައި 23 މާރޗް 2017 ގައި ލިޔެފައިވާ ޚަބަރު ލިޔެފައިވާ އަޒްމޫންގެ މައްސަލަ ބައްލައިވައި އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލް ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ ދަށުން އަދަބު ކަނޑައަޅުއްވައި ދެއްވުމަށް ދާއޫދު ވަނީ މީޑިއާ ކައުންސިލްގައި އެދިފައެވެ.
މިއަހަރުގެ މާރޗް މަހު 23 ވަނަ ދުވަހު އަޒްމޫން ރާއްޖެ އެމްވީގައި ލިޔެފައިވާ ޚަބަރުގައި ބުނެފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޖައުފަރު ދާއޫދަށް ދިއްޕަރުފުށި ދީފައިވާއިރު، އަދި މިހާތަނަށް އެކުއިޒިޝަން ކޯސްޓަށްވާ ފައިސާ ސަރުކާރަށް ނުދައްކާ ކަމަށެވެ. އެ ފައިސާ ދެއްކުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށް ވިދާޅުވެ ޖައުފަރު ވަނީ ޓޫރިޒަމް މިނިސްޓްރީއަށް ޖެނުއަރީ މަހުގެ ތެރޭގައި ސިޓީތަކެއް ފޮނުއްވާފަ އެވެ.
އަދި މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ޓޫރިޒަމް މިނިސްޓްރީއިން ވަނީ އެކުއިޒިޝަން ކޯސްޓް ދެއްކުމަށް ޖައުފަރަށް ދީފައިވާ މުއްދަތު އިތުރު ކޮށްދީފަ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ޑިޕިއުޓީ މިނިސްޓަރު ހުސެއިން ލިރާރު ސޮއިކޮށް ޖައުފަރަށް ފޮނުއްވާފައިވާ ސިޓީއެއްގައި ބުނެފައިވާ ގޮތުގައި މާޗް މަހުގެ 29 ވަނަ ދުވަހުގެ ކުރިން އެކުއިޒިޝަން ކޯސްޓަށްވާ ފައިސާ ދައްކަންޖެހޭނެ އެވެ. އަދި އެއީ ފައިސާ ދައްކަން ދޭ ފަހުގެ މުހުލަތު ކަމަށް ވެސް ސިޓީގައި ބުނެފައިވެ އެވެ.
އެކުއިޒިޝަން ކޯސްޓް ދެއްކުމުގެ މުއްދަތު އިތުރުކޮށްދީފައިވަނީ ސިޓީގައި ބުނެފައިވާ ގޮތުގައި، ދިއްޕަރުފުށި އޮންނަ ސަރަހައްދުގެ ގޮތުން ރިސޯޓް ތަރައްގީކުރުމާއި ހިންގުމުގައި ދަތިތައް ކުރިމަތިވާނެތީ އެވެ. އަދި އެ ސަބަބަށްޓަކައި އެ ރަށަށް އިންވެސްޓް ކުރާނެ ފަރާތެއް ހޯދުމަށް ޖައުފަރަށް ދަތިވެދާނެ ކަމަށް ވެސް ސިޓީގައި ބުނެފައިވެ އެވެ.
ޖައުފަރު ދާވޫދަށް ދިއްޕަރުފުށި ދީފައި މިވަނީ ހުޅުވާލެވިފައިވާ ބިޑަކާ ނުލައި ރަށްތައް ދޫކުރެވޭ ގޮތަށް ޓޫރިޒަމާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ދަށުންނެވެ. އެ ގާނޫނުގައި ބުނާ ގޮތުން ޓޫރިޒަމްގެ ބޭނުންތަކަށް ބިޑް ކުރުމެއް ނެތި ބިމާއި ފަޅުތައް ކުއްޔަށް ދޫކުރެވޭނެ އެވެ.
ޖައުފަރު ދާވޫދުގެ މިޝަކުވާގެ މައްސަލައާއި ގުޅިގެން މީޑިއާ ކައުންސިލުން ވަނީ މިމަހުގެ 24 ވަނަ ދުވަހުގެ ކުރިން ލިއުމުން އެކައުންސިލަށް ޖަވާބު ދިނުމަށް ފުރުސަތު ދީފައެވެ.