ކ. މާލެ
|
7 އޯގަސްޓް 2017 | ހޯމަ 14:35
ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު
ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު
ގޫގުލް
އަފްރާޝީމް އަލީގެ މަރު
ދައުލަތުގެ އިސްވެރިއަކާ ހުމާމު ބައްދަލުކުރި ކަމަށް ބުނާ މައްސަލަ ތަހްގީގުކުރި، ނަމަވެސް ހެއްކެއް ނުލިބޭ: އުމަރު ނަސީރު
އުމަރުގެ ހޯމް މިނިސްޓަރުކަމުގައި އެ މައްސަަލަ ބަލަންފެށި
އޭރު ޖަލުގެ 10 ވަރަކަށް އޮފިސަރުންނާއި ސުވާލުކުރެވުނު
ގާޑުގެ ހެކި ބަހަކީ އޭހާ ބާރުހުރި ވާހަކައެެއް ނޫން

އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގައި މަރަން ހުކުމްކޮށްފައިވާ ހުސައިން ހުމާމާއި ދައުލަތުގެ ކުރީގެ އިސްވެރިއަކު ރިސޯޓެއްގައި ބައްދަލުކުރިކަމުގެ ތަހުގީގު ކުރަމުންދާ އިރު އެކަމުގައި އެކަށީގެންވާ ހެކި ފެނިފައިނުވާ ކަމަށް އުމަރު ނަސީރު ވިދާޅުވި އެވެ.

ރާއްޖެއެމްވީއަށް ދިން އިންޓަރވިއުއެއްގައި ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ، ދައުލަތުގެ އިސްވެރިއަކާ އެކު ހުމާމު ރިސޯޓެއްގައި ބައްދަލުކުރި ކަމަށް ބުނެ، ތަހުގީގު ކުރިއަށްގެންދިޔަ ކަމަށާއި ގާތްގަނޑަކަށް ޖަލުގެ 10 ވަރަކަށް އޮފިސަރުންނާ އެކަމާ ގުޅޭ ގޮތުން ސުވާލުކޮށްފައިވާ ކަމަށެވެ.

މި ތަހުގީގު ފަށާފައި ވަނީ ރައީސް އަބްދުﷲ ޔާމީންނަށް ލިިބިވަޑައިގެންނެވި މައުލޫމާތަކަށް ބިނާކޮށް އެމަނިކުފާނުގެ އެދުމުގެ މަތިން ކަމަށް އޭނާ ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ، އޭނާ ހޯމް މިނިސްޓަރުކަމުގައި ހުންނެވި އިރު މި މައްސަަލަ ބަލަން ފެށުނު އިރު އެއީ ތުހުމަތުތަކެއް ކަމަށާއި އެކަމަކީ ހިނގި ކަމެއް ކަމަށް ސާބިތުކުރެވޭނެ ހެކިތަކެއް ފެނިފައިނުވާ ކަމަށެވެ.

" ކޮންމެ ތުހުމަތަކީ ސާބިތުވާ އެއްޗެއް ނޫން. ތުހުމަތު ކުރެވޭނެ ބައިވަރު ކަންކަމުގައި. އެކަމަކު އެއީ ތަހުގީގެއްގައި ހާމަކުރާ އެއްޗެއް ނޫން. ދެން ރައީސް އެ ނިންމެވީތާ ހާމަކުރަން. އެ މައްސަލައިގައި ބާރުވެރިކަމެއް އެކުލެވިގެން ނުވޭ. އެބުނާ ގާޑުގެ ވާހަކައަކީ ވެސް އެހާ ބާރުވެރި ވާހަކައެއް ނޫން. ރައީސުލްޖުމްހޫރިއްޔާ އަށް މިހާރު އެނގޭނީ އެ މައްސަލައިގައި މިހާރު ކަންކަން ކުރައްވަމުންދާ ގޮތް. އަޅުގަނޑު މިދެންނެވީ ހޯމް މިނިސްޓަރުގެ މަޤާމުގައި ހުންނެވި އިރު ކަންކަން ކުރައްވަމުންދާ ގޮތް،" އުމަރު ނަސީރު ވިދާޅުވި އެވެ.

އުމަރު މިހެން ވިދާޅުވެފައިވާ އިރު ޕީޕީއެމްއަށް މެންބަރުންތަކެއް ސޮއިކުރުމަށް، ސްޓެލްކޯ ބިލްޑިންގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވީ، ޑރ. އަފްރާޝީމުގެ މަރުގެ މައްސަލައިގައި ހުމާމު ހައްޔަރުކޮށްފައިވާ އިރު ދައުލަތުގެ އޭރުގެ އިސް ފަރާތަކުން ސިއްރުން އޭނާއާ ބައްދަލުކޮށްފައިވާ ކަމަށެެވެ. ހުމާމާއެކު ދައުލަތުގެ އިސްފަރާތުން ބައްދަލުކޮށްފައިވަނީ ރިސޯޓެއްގައި ކަމަށްވާއިރު، އެކަމަށް ޖަލުގެ ސެކިއުރިޓީ ގާޑަކު ބަޔާންދީފައިވާ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

މި މައްސަލައިގައި އިތުރު ސެކިއުރިޓީ ގާޑެއްގެ ހެކިބަސް ނަގައި، ހުމާމާ ބައްދަލުކުރި ދައުލަތުގެ އިސްފަރާތަކާއި ސުވާލު ކުރެވޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް