ކ. މާލެ
|
2 މެއި 2024 | ބުރާސްފަތި 10:33
އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް -- ފޮޓޯ: އަނަޑޯލު
އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް -- ފޮޓޯ: އަނަޑޯލު
އައިސީސީގެ ނިންމުންތައް
ބައިނަލްއަގުވާމީ ޖިނާއީ ކޯޓަކީ ކޮބާ؟ އިސްރާއީލުގެ އޮފިޝަލުން ކަންބޮޑުވަނީ ކީއްވެ؟
 
އިސްރާއީލާއި އެމެރިކާ އާއި ރަޝިއާ އަދި ޗައިނާ އިން އެކޯޓްގެ ނިންމުންތައް ގަބޫލެއް ނުކުރޭ
 
އައިސީސީގެ މެމްބަރު 124 ގައުމަކުން ވަނީ ރޯމް ސްޓެޓިއުޓަށް އެއްބަސްވެ ސޮއިކޮށްފައި

އިސްރާއީލާއި ހަމާސް ހަނގުރާމައަށް ހަ މަހަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، ބައިނަލްއަގުވާމީ ކްރިމިނަލް ކޯޓުން އެ ގައުމުގެ ލީޑަރުން ހައްޔަރު ކުރުމުގެ އަމުރެއް ނެރެފާނެތީ އިސްރާއީލުގެ އޮފިޝަލުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އިސްރާއީލު ސިފައިންނާއި އޮފިޝަލުންނާ ދެކޮޅަށް އައިސީސީން އަޅާ ފިޔަވަޅުތަކާ ބެހޭ ގޮތުން ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މިނިވަންކަމާއެކު ސޯޝަލް މީޑިއާގައި ލިޔަމުންދާއިރު، އިސްރާއީލުގެ ހާރިޖީ ވުޒާރާއިން ވެސް ދަނީ އެކޯޓުން އަޅައިފާނެ ފިޔަވަޅުތަކާ ބެހޭގޮތުން ތަފާތު ވިސްނުމުގެ ޚިޔާލުތައް ފާޅުކޮށް މީޑިއާގައި ހަންފަތުރަމުންނެވެ.

އައިސީސީ އަކީ ދުނިޔޭގައި ހިންގާ ބޮޑެތި ޖަރީމާތަކުގެ ޒިންމާ އުފުލަން ޖެހޭ ފަރާތްތަކުގެ މައްޗަށް ދައުވާ ކުރުމަށާއި އެންމެ ފަހުގެ ނިޔާ ކަނޑައެޅުމަށް ކޯޓެއްގެ ގޮތުގައި 2002 ވަނަ އަހަރު އުފެއްދި ކޯޓެކެވެ.

އައިސީސީ އުފައްދައިދިން "ރޯމް ސްޓެޓިއުޓް" 1998 ވަނަ އަހަރު ބަލައިގަނެ އަމަލުކުރަން ފެށީ 2002 ވަނަ އަހަރުގެ ޖުލައި މަހުގެ އެއްވަނަ ދުވަހު 60 ގައުމެއްގެ ތާއީދު ލިބުމުންނެވެ. އދ.ގެ އާންމު މަޖިލީހުން އައިސީސީއަށް ތާއީދުކުރާއިރު، އެ ކޯޓަކީ މިނިވަން މުސްތަޤީއްލު ކޯޓެކެވެ.

ފުލުހުންގެ ބާރެއް ނެތި އައިސީސީން ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކުރުމަށް މެމްބަރު ގައުމުތަކުގެ މައްޗަށް ބަރޯސާވެފައި އޮތުމަކީ ދައުވާ ކުރުމަށް އޮތް ބޮޑު ހުރަހެއްކަން ވަނީ ސާބިތުވެފައެވެ.

ނަތަންޔާހޫ ސޯޝަލް ޕްލެޓްފޯމް އެކްސްގައި ހުކުރު ދުވަހު ބުނެފައިވަނީ އައިސީސީން ކުރާ އެއްވެސް މަސައްކަތެއް އިސްރާއީލުން އަމިއްލަ ދިފާއުގައި ބަލައިނުގަންނާނެ ކަމަށެވެ.

އިސްރާއީލުގެ އަމަލުތަކަށް އަދި އައިސީސީން ނެރޭ ހުކުމެއްގެ ސަބަބުން އެއްވެސް އަސަރެއް ނުކުރާނެ ކަމަށާއި ނަމަވެސް އެކަމުގެ ސަބަބުން ނުރައްކާތެރި ނަމޫނާއެއް ފެންނާނެ ކަމަށް އޭނާ ލިޔެފައިވެއެވެ.

އިސްރާއީލުގެ ޚާރިޖީ ވުޒާރާއިން އާދީއްތަ ދުވަހުގެރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިސްރާއީލުގެ ސިޔާސީ އަދި އަސްކަރީ އިސް އޮފިޝަލުން ހައްޔަރުކުރަން ކޯޓުން އަމުރުކޮށްފާނެ ކަމަށް ބުނެ ބޭރުގެ މިޝަންތަކަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް އެ ވާހަކަތައް ފެތުރުނު ސަބަބެއް މިނިސްޓްރީން ހާމައެއް ނުކުރެއެވެ.

އެ ކޯޓުގެ ޕްރޮސެކިއުޝަން އޮފީހުން އީމެއިލްކޮށް ނެރުނު ބަޔާނެއްގައި އެކަމާ ގުޅޭ ގޮތުން ތަފްސީލެއް ދޭން ވަނީ ދެކޮޅު ހަދާފައެވެ.

އައިސީސީ އަކީ ކޮބާ؟

އައިސީސީގެ މެމްބަރު 124 ގައުމަކުން ވަނީ ރޯމް ސްޓެޓިއުޓަށް އެއްބަސްވެ ސޮއިކޮށްފައެވެ. ހަނގުރާމައިގެ ޖަރީމާތަކާއި ޖިނާއީ ކުށްތަކާއި އެހެނިހެން ޖަރީމާތަކުގެ މައްޗަށް ކޯޓުގެ އިޚްތިޞާޞް އޮތްކަމަށް ޤަބޫލު ނުކުރާ އެތައް ޤައުމަކުން އެ މުއާހަދާގައި ސޮއިނުކޮށް އެބަތިއްބެވެ. އޭގެ ތެރޭގައި އިސްރާއީލާއި އެމެރިކާ އާއި ރަޝިއާ އަދި ޗައިނާ ހިމެނެއެވެ.

އައިސީސީގެ ބައިވެރިވުން އޮންނަނީ ގައުމުތަކުން އެ މީހުންގެ ސަރަހައްދުގައި ހިންގާ ޖަރީމާތަކުގެ ދައުވާ ކުރަން ނުކުޅެދިއްޖެ ނަމަ ނުވަތަ ނުރުހުމުންނެވެ. އިސްރާއީލުން ބުނަނީ އެގައުމަކީ ހިނގަމުންދާ ކޯޓު ނިޒާމެއް އޮންނަ ގައުމެއް ކަމަށާއި، ގައުމެއްގެ ގާބިލުކަމާ މެދު ނުވަތަ ދައުވާ ކުރަން ޝައުގުވެރިވުމާ މެދު އުފެދިފައިވާ ހިޔާލު ތަފާތުވުންތަކުގެ ސަބަބުން އައިސީސީއާއި ވަކިވަކި ގައުމުތަކުގެ މެދުގައި މީގެ ކުރިން އުފެދިފައިވާ ހިޔާލު ތަފާތުވުންތައް މިހާރު އަދި މާބޮޑަށް އިތުރުވެފައިވާ ކަމަށެވެ.

2020 ވަނަ އަހަރު އޭރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އައިސީސީގެ ޕްރޮސެކިއުޓަރާއި ޕްރޮސެކިއުޝަން އޮފީހުގެ އެހެން އިސް މުވައްޒަފަކަށް އިގްތިސާދީ އަދި ދަތުރުފަތުރުގެ ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. އަފްޣާނިސްތާނުގައި ހަނގުރާމައިގެ ޖަރީމާތައް ހިންގޭނެ ކަމަށް ޤަބޫލުކުރާ އެމެރިކާ އާއި އެމެރިކާގެ އެކުވެރި ގައުމުތަކުގެ ސިފައިންނާއި އިންޓެލިޖެންސް އޮފިޝަލުންގެ މައްސަލަ އައިސީސީގެ ސްޓާފުން އޭރު ބަލަމުން ދިޔައެވެ.

ޣައްޒާގެ ހަމަލާތަކަށް އަސްކަރީ ގޮތުންނާއި ސިޔާސީ ގޮތުން މުހިންމު އެހީތެރިކަމެއް ފޯރުކޮށްދީފައިވާ އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ 2020 ވަނައަހަރު އައީސީސީގެ މުވައްޒަފުންނަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތައް 2021 ވަނަ އަހަރު އުވާލާފައެވެ.

އައިސީސީން މިހާތަނަށް 17 ތަހުގީގެއް ހިންގާފައިވާއިރު، އެކޯޓުން ވަނީ ޖުމްލަ 42 މީހަކު ހައްޔަރުކުރުމުގެ އަމުރެއް ނެރެ، 21 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެ ކޯޓްގެ ފަނޑިޔާރުން 10 މީހެއްގެ މައްޗަށް ކުށް ސާބިތުވިކަމަށް ނިންމާފައިވާއިރު، ހަތަރު މީހަކު ވަނީ މިނިވަންވެސް ކޮށްފައެވެ.

އެ ކޯޓު އުފެދުނުތާ ކުރީކޮޅު އެފްރިކާގެ ކުށްތަކަށް އަލިއަޅުވާލާ އެމައްސަލަތައް ބަލައިފައިވާތީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ. އޭގެ ތެރެއިން 10 ތަހުގީގަކީ އެފްރިކާގެ ގައުމުތަކުގައި ހިންގި ތަހުގީގެއް ނަމަވެސް މިހާރު އޭޝިއާ، ޔޫރަޕް، މެދުއިރުމައްޗާއި ލެޓިން އެމެރިކާއަށް ވެސް އެ ކޯޓުގެ ތަހުގީގުތައް ވަނީ ފުޅާކޮށްފައެވެ.

އައިސީސީގެ ފަނޑިޔާރުންގެ މަޖިލިސް -- ފޮޓޯ: އަނަޑޯލު

އިސްރާއީލާއި ފަލަސްތީނުގެ ބިންތަކާ އައިސީސީގެ ގުޅުމަކީ ކޮބާ؟

އދ.ގެ އާންމު މަޖިލީހުން ފަލަސްތީނުގެ ދަރަޖަ 2012 ވަނަ އަހަރު އދ.ގެ އޮބްޒާވަރެއްގެ ކިބައިން މެންބަރު ނޫން އޮބްޒާވަރ ސްޓޭޓަކަށް މަތިކުރިއެވެ. އެކަމުގެ ސަބަބުން ފަލަސްތީނުގެ ބިންތައް އައިސީސީ ފަދަ ބައިނަލްއަގްވާމީ ޖަމިއްޔާތަކާ ގުޅުމުގެ ދޮރު ހުޅުވިގެން ދިޔައެވެ.

އައިސީސީން 2015 ވަނަ އަހަރު "ދަ ސްޓޭޓް އޮފް ފަލަސްތީން" މެންބަރެއްގެ ގޮތުގައި ބަލައިގަތީ ފަލަސްތީނުން އެ ކޯޓުގެ އިހްތިސާސް ބަލައިގަތްތާ އެއް އަހަރު ފަހުންނެވެ.

އޭރު އެ ކޯޓުގެ ޗީފް ޕްރޮސެކިއުޓާ ވަނީ ފަލަސްތީނުގެ ބިމުގައި ހިންގާފާނެ ކަމަށް ބެލެވޭ ޖަރީމާތަކުގެ ތަހުގީގެއް އެކަމަނާ ފައްޓަވާކަމަށް 2021 ވަނަ އަހަރު ވިދާޅުވެފައެވެ. ފަލަސްތީނުގައި އިސްރާއީލުން އިންސާނިއްޔާތާ ޚިލާފު ޖަރީމާތަކާއި ކުށްތަކަށް އަރައިގަންނަ ކަމުގެ ތުހުމަތުތައް އދ އާއި ބައިނަލްއަގްވާމީ މުވައްސަސާތަކުން ކުރާއިރު ނަތަންޔާހޫ ވަނީ އެ ތުހުމަތު ތަކާއި ނިންމުންތަކަކީ ޔަހޫދީންނާ ދެކޮޅު އަދި ހަރުކަށި ނިންމުން ތަކެއް ކަމަށް ބުނެ ފާޑުކިޔާފައެވެ.

އައިސީސީގެ މިހާރުގެ ޕްރޮސެކިއުޓަރ ކަރީމް ޚާން މިދިޔަ ޑިސެމްބަރު މަހު ރަމަالله އާއި އިސްރާއީލަށް ޒިޔާރަތްކުރައްވައި، ފަލަސްތީނުގެ އޮފިޝަލުންނާއި، އިސްރާއީލާއި ހަމާސް ހަނގުރާމަ ފެށުނު އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ދިން ހަމަލާގައި ހަމާސްގެ ހަނގުރާމަވެރިންގެ ހަމަލާގައި މަރުވި ނުވަތަ ރަހީނުކޮށްފައިވާ އިސްރާއީލުގެ މީހުންގެ އާއިލާތަކާ ބައްދަލުކުރެއްވިއެވެ.

އިމްރާން ވިދާޅުވީ ހަމާސްގެ އަމަލުތަކަކީ ވެސް އިންސާނިއްޔަތުގެ ނަފްސު ހަލާކުކޮށްލާ ބޮޑެތި ޖަރީމާތަކާއި އެއްހަމައެއްގައި ގިންތިކުރަންޖެހޭ އަމަލުތަކެއް ކަމަށެވެ.

އިމްރާން ވިދާޅުވީ އިސްރާއީލާއި ހަމާސް ހަނގުރާމައިގައި "ބައިނަލްއަގްވާމީ އިންސާނީ ގާނޫނުތައް އަމަލު ކުރަން ޖެހޭނެ" ކަމަށާއި " އަމަލު ކުރަން ޖެހޭ ގާނޫނު އިސްރާއީލުގެ އަސްކަރިއްޔާއަށް އެނގޭ" ކަމަށެވެ. މި ދަތުރުފުޅަށްފަހު އިމްރާން ވިދާޅުވީ ހަމާސްގެ ހަނގުރާމަވެރިންނާއި އިސްރާއީލު ސިފައިން ހިންގާ ޖަރީމާތަކާ ގުޅިގެން އައިސީސީން ކުރިއަށް ގެންދާ ތަހުގީގަކީ އޭނާގެ އޮފީހުން އިސްކަންދީގެން ކުރިއަށްގެންދާ ކަމެއް ކަމަށެވެ.

އައިސީސީން މީގެކުރިން ދައުވާ ކުރީ ކާކަށް ހެއްޔެވެ؟

މީގެ އަހަރެއްހާ ދުވަސް ކުރިން ޔޫކްރެއިންއިން ކުޑަކުދިން ވަގަށް ނެގި ކަމުގެ ތުހުމަތުގައި ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންގެ މައްޗަށް ކޯޓުން އަމުރެއް ނެރެފައިވެއެވެ. އެކަމަށް ރައްދު ދީ ރަޝިޔާއިން ވަނީ އިމްރާނާއި އައިސީސީގެ ފަނޑިޔާރުން ހައްޔަރުކުރުމުގެ އަމުރެއް އަމިއްލައަށް ނެރެފައެވެ.

ކޯޓުން ދައުވާ އުފުލާފައިވާ އެހެން ހައި ޕްރޮފައިލް ލީޑަރުންގެ ތެރޭގައި ސޫދާނުގެ ދާރުފޫރު ސަރަހައްދުގައި މީހުން މެރުމުގެ ކުށުގެ ތުހުމަތުގައި މަގާމުން ދުރުކޮށްފައިވާ އުމަރު އަލް ބަޝީރު ވެސް ހިމެނެއެވެ. ލީބިޔާގެ ކުރީގެ ލީޑަރު މުއައްމަރު ގައްޒާފީ ހަނގުރާމަވެރިންގެ ބެލުމުގެ ދަށަށް ގެންގޮސް މަރާލާފައިވަނީ 2011 ވަނަ އަހަރު ސަރުކާރާ ދެކޮޅު މުޒާހަރާތައް ހުއްޓުވުމުގައި އަނިޔާވެރިކޮށް އަމަލުކުރުމާ ގުޅުން ހުރި ތުހުމަތުގައި އޭނާ ހައްޔަރުކުރަން އައިސީސީން އަމުރެއް ނެރުނުތާ ކުޑަ އިރުކޮޅެއް ފަހުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް