ކ. މާލެ
|
21 ސެޕްޓެންބަރ 2025 | އާދީއްތަ 23:02
ފަލަސްތީނުގެ ދިދަ
ފަލަސްތީނުގެ ދިދަ
އީޕީއޭ
އިސްރާއީލް-ފަލަސްޠީން
ފަލަސްޠީނަކީ ދައުލަތެއް ކަމުގައި ބަލައިގަތުމުގެ މާނައަކީ ކޮބާ؟
މިހާރު އދ. ގެ 193 މެމްބަރު ޤައުމުތަކުގެ ތެރެއިން 75 އިންސައްތަ ގައުމުން ފަލަސްތީނު ވަނީ ބަލައިގަނެފައެވެ. މިކަން މިހެން އޮތް ނަމަވެސް އދ. ގައި ފަލަސްޠީނަށް ލިބިފައިވަނީ "ދާއިމީ އޮބްޒާވަރ ސްޓޭޓް"ގެ ދަރަޖައެވެ. މިއީ ޖަލްސާތަކުގައި ބައިވެރިވުމުގެ ފުރުޞަތު ލިބޭ ނަމަވެސް ވޯޓު ދިނުމުގެ ޙައްޤު ނުލިބޭ ދަރަޖައެކެވެ.

އިނގިރޭސިވިލާތާއި، ފްރާންސް އަދި އެހެން ޤައުމުތަކުން ފަލަސްޠީނު ދައުލަތެއްގެ ގޮތުގައި ބަލައިގަނެފައިވާ ކަމަށް ވަނީ އިޢުލާނުކޮށްފައެވެ. އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ މިކަމާ ގުޅިގެން ވަރަށް ބޮޑަށް ރުޅިގަދަވެ، މިއީ "ހަމާސްގެ ޓެރަރިޒަމަށް" ލިބޭ އިނާމެއް ކަމުގައި ބުނެފައިވެއެވެ. އެމެރިކާއިން ވެސް މިކަމާ ދެކޮޅު ހަދާފައިވެއެވެ.

ގިނަ އަދަދެއްގެ ގައުމުތަކުން ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ބަލައިގަނެ އެކަން އިއުލާނު ކުރަމުން ގެންދާއިރު، ދައުލަތެއްގެ ގޮތުގައި ބަލައިގަތުމޭ ބުނުމުގެ މާނައަކީ ކޮބައިތޯ އާއި އޭގެ ސަބަބުން ފަލަސްތީނު ރައްޔިތުންގެ ހާލަތައް އަންނަނީ ކޮން ބަދަލެއްތޯ އެއީ ގިނަ ބައެއްގެ ހިތުގައި އުފެދޭނެ ސުވާލެކެވެ.

ފަލަސްޠީނަކީ އެއް ވިސްނުމަކުން ބަލާއިރު މިހާރުވެސް ވުޖޫދުގައި އޮތް ދައުލަތެކެވެ. އަނެއް ނަޒަރަކުން ބަލާ އިރު އަދި އެއީ ނެތް ދައުލަތެކެވެ. ފަލަސްތީނަށް މިހާރު ވެސް ބައިނަލްއަޤްވާމީ ފެންވަރުގައި ވަރަށް ބޮޑު ބަލައިގަތުމެއް ލިބިފައި ވުމުގެ އިތުރުން، ބޭރު ޤައުމުތަކުގައި ފަލަސްތީނުގެ ޑިޕްލޮމެޓިކް މިޝަންތައް ވެސް ހުރެއެވެ. އަދި އޮލިމްޕިކްސް ހިމެނޭ ގޮތަށް ކުޅިވަރު މުބާރާތްތަކުގައި ބައިވެރިވެއެވެ. ނަމަވެސް އިސްރާއީލާ ދެމެދު އުފެދިފައިވާ ދިގު މުއްދަތެއްގެ ޚިލާފު ތަކުގެ ސަބަބުން، ބައިނަލްއަޤްވާމީ ގޮތުން އެއްބަސްވެފައިވާ ފަލަސްތީނުގެ ރަސްމީ ސަރަޙައްދީ ބޯޑަރުތަކެއް، ވެރިކަން ކުރާ ރަށެއް އަދި ސިފައިންގެ ބާރެއް ނެތެވެ. ވެސްޓް ބޭންކުގައި އިސްރާއީލުގެ އަސްކަރީ ހިސޯރު އޮތުމުގެ ސަބަބުން، 1990 ގެ އަހަރުތަކުގައި ސުލްޙަ އެއްބަސްވުންތަކުގެ ދަށުން އުފެދުނު ޕެލަސްޓައިން އޮތޯރިޓީ އަށް އެތަނުގެ ބިމާއި ރައްޔިތުންގެ މައްޗަށް ފުރިހަމަ ބާރެއް ނުފޯރުވެއެވެ. އިސްރާއީލުގެ ހިސޯރުގެ ދަށުގައިވާ ޣައްޒާގައި މިހާރު ދަނީ ނުރައްކާތެރި ހަނގުރާމައެއް ހިނގަމުންނެވެ.

ފަލަސްޠީނު މިހާރު އޮތް ހާލަތުގައި ދައުލަތެއްގެ ފުރިހަމަ ސިފަ ލިބިފައި ނެތުމާއެކު، ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަކީ ކޮންމެވެސް ވަރަކަށް ރަމްޒީ ކަމެކެވެ. މިއީ ވަރުގަދަ ސިޔާސީ މެސެޖެއް ކަމުގައިވިޔަސް، ޢަމަލީ ގޮތުން މާބޮޑު ބަދަލެއް ނާންނާނެއެވެ.

ކުރީގެ އިނގިރޭސި ފޮރިން ސެކްރެޓަރީ އަދި މިހާރު ޑެޕިއުޓީ ޕްރައިމް މިނިސްޓަރ ޑޭވިޑް ލެމީ ޖުލައި މަހު އދ. ގައި ދެއްކެވި ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި: "ދެ ދައުލަތުގެ ޙައްލަށް އެހީތެރިވުމުގައި އިނގިރޭސިންގެ މައްޗަށް ޚާއްޞަ ޒިންމާއެއް އެޅިފައިވެއެވެ."

އޭނާ އިތުރަށް ވިދާޅުވީ، ކުރީގެ ފޮރިން ސެކްރެޓަރީ އާތަރ ބެލްފޯ ސޮއިކުރެއްވި 1917 ގެ ބެލްފޯ ޑިކްލަރޭޝަން ގެ ސަބަބުން ފުރަތަމަ ފަހަރަށް "ފަލަސްޠީނުގައި ޔަހޫދީންގެ ޤައުމީ ގޮވައްޗެއް" ގާއިމު ކުރުމަށް އިނގިރޭސި ވިލާތުން ތާއީދު ކުރި ކަމަށެވެ. ނަމަވެސް އެ އިޢުލާނާއެކު، ލެމީ ވިދާޅުވި ގޮތުގައި، "ފަލަސްޠީނުގައި ދިރިއުޅޭ ޔަހޫދީ ނޫން މުޖުތަމަޢުތަކުގެ މަދަނީ އަދި ދީނީ ޙައްޤުތަކަށް އުނިކަމެއް ލިބޭނެ އެއްވެސް ކަމެއް ނުކުރުމުގެ" މުހިންމު ވަޢުދެއް ވެސް ހިމެނިފައިވެއެވެ.

އިސްރާއީލަށް ތާއީދު ކުރާ ފަރާތްތަކުން އަބަދުވެސް ފާހަގަކުރާ ގޮތުގައި ލޯޑް ބެލްފޯ ފަލަސްޠީނުގެ ރައްޔިތުންނަށް ނުވަތަ އެމީހުންގެ ޤައުމީ ޙައްޤުތަކަށް ސަމާލު ކަމެއް ދެއްވާފައެއް ނުވެއެވެ. ނަމަވެސް ކުރީގައި ފަލަސްޠީނު ކަމަށް އެނގިފައިވާ ސަރަޙައްދު ކަމުގައިވާ، 1922 އިން 1948 އަށް ލީގް އޮފް ނޭޝަންސްގެ މެންޑޭޓެއްގެ ދަށުން އިނގިރޭސިން އެ ބިމުގައި ވެރިކަންކުރި ސަރަޙައްދު، ދިގު މުއްދަތެއް ވަންދެން ބެލެވިފައި ވަނީ ނުނިމި އޮތް ބައިނަލްއަޤްވާމީ މައްސަލައެއްގެ ގޮތުގައެވެ.

އިސްރާއީލު ވުޖޫދަށް އައީ 1948 ގައެވެ. ނަމަވެސް އެއާ ޚިލާފަށް ފަލަސްޠީނު ދައުލަތެއް އުފެއްދުމުގެ މަސައްކަތްތައް ވަނީ ގިނަ ސަބަބުތަކާ ހުރެ ނާކާމިޔާބު ވެފައެވެ. ލެމީ ވިދާޅުވި ގޮތުގައި، ސިޔާސީ ވެރިން "ދެ ދައުލަތުގެ ޙައްލު" މި ޢިބާރާތް ބޭނުން ކުރުމަށް އާދަވެފައިވެއެވެ. މި ޢިބާރާތުން ދޭހަވަނީ 1967 ގެ ޢަރަބި-އިސްރާއީލު ހަނގުރާމައިގެ ކުރިން އޮތް ސަރަޙައްދުތަކުގެ ތެރެއިން، ވެސްޓް ބޭންކް އަދި ޣައްޒާ ސްޓްރިޕް ގައި ފަލަސްޠީނު ދައުލަތެއް އުފެއްދުމެވެ. އެތަނުގެ ވެރިކަން ކުރާ ރަށަކީ އިސްރާއީލުން އެ ހަނގުރާމައިގައި ހިސޯރު ކުރި އީސްޓް ޖެރޫސަލަމް އެވެ.

ނަމަވެސް ދެ ދައުލަތުގެ ޙައްލަކަށް ވާސިލުވުމަށް ކުރެވުނު ބައިނަލްއަޤްވާމީ މަސައްކަތްތައް ވަނީ ނާކާމިޔާބުވެފައެވެ. އަދި ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް، ވެސްޓް ބޭންކުގެ ބޮޑު ބައެއް އިސްރާއީލުން ހިފުމުގެ ސަބަބުން މި ކޮންސެޕްޓް ވަނީ ހަމައެކަނި ހުސް ޝިޢާރަކަށް ވެފައެވެ.

އދ. ގެ 193 މެމްބަރު ޤައުމުތަކުގެ ތެރެއިން 75 އިންސައްތަ ގައުމުން ފަލަސްތީނު ވަނީ ބަލައިގަނެފައެވެ. މިކަން މިހެން އޮތް ނަމަވެސް އދ. ގައި ފަލަސްޠީނަށް ލިބިފައިވަނީ "ދާއިމީ އޮބްޒާވަރ ސްޓޭޓް"ގެ ދަރަޖައެވެ. މިއީ ޖަލްސާތަކުގައި ބައިވެރިވުމުގެ ފުރުޞަތު ލިބޭ ނަމަވެސް ވޯޓު ދިނުމުގެ ޙައްޤު ނުލިބޭ ދަރަޖައެކެވެ. އިނގިރޭސި ވިލާތާއި ފްރާންސް ހިމެނޭ ގޮތަށް ގިނަ ޤައުމުތަކުން (ކެނެޑާ، އޮސްޓްރޭލިއާ، ބެލްޖިއަމް އަދި މޯލްޓާ ވެސް ހިމެނޭ) އދ. ގެ ޖެނެރަލް އެސެމްބްލީގެ ބައްދަލުވުމުގައި ފަލަސްޠީނު ބަލައިގަތުމަށް ވަޢުދު ވުމާއެކު، ސެކިއުރިޓީ ކައުންސިލުގެ ދާއިމީ މެމްބަރުންގެ ތެރެއިން ހަތަރު ޤައުމެއްގެ ތާއީދު ފަލަސްޠީނަށް ލިބޭނެއެވެ. ޗައިނާ އާއި ރަޝިޔާ އިން ފަލަސްޠީނު ބަލައިގަތީ 1988 ގައެވެ.

މިއާއެކު އިސްރާއީލުގެ އެންމެ ބޮޑު ރަހުމަތްތެރިޔާ އެމެރިކާ އިސްރާއީލުގެ ދިފާއުގައި އެކަނި ވިޔަސް އޮތީ މަސައްކަތް ކުރާށެވެ.

ވޮޝިންގްޓަނުން 1990 ގެ މެދުތެރޭ އަހަރުތަކުގައި އުފެދުނު، މިހާރު މަޙްމޫދު ޢައްބާސް އިސްކޮށް ހުންނަވާ ޕެލަސްޓައިން އޮތޯރިޓީ ބަލައިގަނެފައިވެއެވެ. އޭގެ ފަހުން ގިނަ ރައީސުން ފަލަސްޠީނު ދައުލަތެއް އުފެއްދުމަށް ތާއީދު ކުރައްވާފައި ވެއެވެ. ނަމަވެސް ޑޮނަލްޑް ޓްރަމްޕް ގެ ސިޔާސަތު މިއާ މުޅިން ތަފާތެވެ. އޭނާގެ ދެ ވެރިކަމުގައި ވެސް އެމެރިކާގެ ސިޔާސަތު ބޮޑަށް ބުރަވެފައި ވަނީ އިސްރާއީލަށެވެ.

ޓްރަމްޕް ސަރުކާރުން ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ބަލައިގަތުމާ ދެކޮޅުކަން އެއީ ސިއްރެއް ނޫނެވެ. ހުސްވި ހަފްތާގައި އިނގިރޭސިވިލާތައް ކުރެއްވި ދަތުރުފުޅުގައި ބުރާސްފަތި ދުވަހު ބޭއްވުނު ޖޮއިންޓް ޕްރެސް ކޮންފަރެންސެއްގައި އެމެރިކާގެ ރައީސް އަމިއްލަފުޅަށް އެކަން ފާހަގަ ކުރައްވާ، "ބޮޑުވަޒީރާ އެކަމުގައި ޚިޔާލު ތަފާތުވުމެއް އޮތް" ކަމަށް ވިދާޅުވިއެވެ.

ޙަޤީޤަތުގައި، އެމެރިކާގެ ވިސްނުން ވަނީ ފަލަސްޠީނަށް މިނިވަންކަން ދިނުމާ ދެކޮޅަށް އިތުރަށް ހަރުކަށި ވެފައެވެ. ޖޫން މަހު، މިހާރުގެ އެމެރިކާ އިން އިސްރާއީލަށް ކަނޑައަޅާފައި ހުންނަ ސަފީރު މައިކް ހަކަބީ ވިދާޅުވެފައި ވަނީ އޭނާ ދެކޭ ގޮތުގައި އެމެރިކާ އިން މިހާރު ފަލަސްޠީނު ދައުލަތެއް އުފެއްދުމަށް ތާއީދެއް ނުކުރާ ކަމަށެވެ. ފަހަކަށް އައިސް، އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ މާކޯ ރޫބިއޯ ވިދާޅުވެފައި ވަނީ ފަލަސްޠީނު ބަލައިގަތުމަށް ބައިނަލްއަޤްވާމީ ގޮތުން ކުރެވޭ މަސައްކަތްތަކުން ހަމާސް އަށް "އިތުރު ހިތްވަރެއް" ލިބޭނެ ކަމަށެވެ.

ނަތަންޔާހޫ ފާޅުކޮށް ބުނަމުން އަންނަނީ ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަކީ "ޓެރަރިޒަމަށް ލިބޭ އިނާމެއް" ކަމަށެވެ. އޭގެ އިތުރުން ފަލަސްތީނު ދައުލަތެއް ނޯންނާނެ ކަމަށް ވެސް ފާޅުގައި ނަތަންޔާހޫ އަންނަނީ ބުނަމުންނެވެ.

- ކޮމެންޓް