ކ. މާލެ
|
7 އޯގަސްޓް 2017 | ހޯމަ 14:58
 ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް
ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް
ޕީޕަލް މެގަޒިން
ފައިސާ ގޯނި
ތަފާތުކުރުން ނައްތާލައި، ފާރިސް ހައްޔަރުކުރި ގޮތަށް މުހައްމަދު އިސްމާއިލް ވެސް ހައްޔަރުކުރުމަށް ޕީޖީގައި އެދިއްޖެ
ފައިސާ ގޯނި ހިއްޕަވައިގެން ވަޑައިގެން ބެއްސެވި ކަމަށް ވިދާޅުވި
މުހައްމަދު އިސްމާއިލްގެ މައްސަލަ ނުބެލުމަށް ފުލުހުން ވަނީ ނިންމާފަ
ފާރިސްއާ މެދު އަމަލުކުރި ގޮތަށް މުހައްމަދު އިސްމާއިލަށް ވެސް އަމަލުކުރުމަށް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަރިހަށް "ފައިސާ ގޯނި" ހިއްޕަވައިގެން ވަޑައިގެންނެވި ކަމަށް ވިދާޅުވި މަައްސަލައިގައި ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ހައްޔަރުކުރުމުގެ އަމުރެއް ނެރެދިނުމަށް ކްރިމިނަލް ކޯޓުގައި އެދިވަޑައިގަތުމަށް ޕްރޮސެކިއުޓަރ ޖެނެރަލްއަށް ދަންނަވައިފި އެވެ.

މެންބަރު މުހައްމަދު އިސްމާއިލް ހައްޔަރުކުރުމުގެ އަމުރަކަށް އެދިވަޑައިގަތުމަށް ޕްރޮސެކިއުޓަރ ޖެނެރަލްއަށް ދަންނަވާފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ހުށަހެޅުއްވި ކަމަށް ބުނާ މައްސަލައިގައި ހައްޔަރުކޮށްފައިވާ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ ނަމުގައި ގާނޫނީ ވަކީލް މައުމޫން ހަމީދު ހޯމަ ދުވަހު ފޮނުއްވި ސިޓީއެއްގަ އެވެ.

އެމްއެމްޕީއާރްސީ ޚިޔާނާތުގެ "ފައިސާ ގޯނި" ހިއްޕަވައިގެން މެންބަރުންގެ އަރިހަށް ވަޑައިގެން އެ ފައިސާ ބެއްސެވި ކަމަށް މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވީ މިދިޔަ އަހަރުގެ މާޗް މަހުގެ 9 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގަ އެވެ. އޭގެ ފަހުން އޭނާ ވަނީ ބައެއް ޓީވީ ޗެނަލްތަކުގައި ވެސް އެ ވާހަކަ ހަމަ އެގޮތަށް ދައްކަވާފަ އެވެ. އެ މައްސަލަ ނުބެލުމަށް ފުލުހުން ނިންމާފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން ދާދި ފަހުން މީޑިއާގައި އޭނާ ވަނީ  އެއީ ސިޔާސީ ގޮތުން އޭރު ދެއްކެވި ވާހަކައެއް ކަމަށް ވިދާޅުވެފައެވެ. 

ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމަށް ފޮނުއްވި ސިޓީގައި ފާރިސް ވިދާޅުވެފައި ވަނީ، އޭނާއަކީ ހިންގާފައިނުވާ އަމަލަކާ ގުޅިގެން ނިމިފައިނުވާ ތަހުގީގެއްގައި އުފުލާފައިނުވާ ދައުވާއަކަށް ފަށާފައިނުވާ ޝަރީއަތެއް ނިމެންދެން ބަންދުކޮށްފައިވާ މީހެއް ކަމަށެވެ. އަދި ސިޓީގެ މަގްސަދަކީ ބަޔަކު މީހުން ސިޔާސީ މަގްސަދެއް ހާސިލްކުރުމަށްޓަކައި ރަސްމީ އިދާރާތަކުގެ ބޭނުން ނުހަމަ ގޮތުގައި ބޭނުންކޮށް އޭނާގެ މައްޗަށް ކޮށްފައިވާ އިލްޒާމްތަކުގެ އަސާސެއް ނެތްކަން ހާމަކުރުން ނޫން ކަމަށެވެ.

އެ ސިޓީގެ މަގްސަދަކީ އެއްފަދަ ދެ މައްސަލައެއްގައި ޕްރޮސެކިއުޓަރ ޖެނެރަލް ގެންގުޅުއްވާފައިވާ ތަފާތުކުރުން ފާހަގަކޮށް، އެ ތަފާތުކުރުމުގައި ގާނޫނީ އެއްވެސް ހަމައެއް ނެތުމާއެކު ތަފާތުކުރުން ނައްތާލަދެއްވުމަށް ދެންނެވުން ކަމަށް ސިޓީގައި ބުނެފައި ވެއެވެ. 

ސިޓީގައި ބުނެފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދެއްވި ކަމަށް މުޅި ދުނިޔޭގެ ކުރިމަތީގައި މެންބަރު މުހައްމަދު އިސްމާއިލް އިއުތިރާފްވެވަޑައިގެންފައިވާ ކަމަށާއި ނަމަވެސް، އެ މައްސަލަ ބެލުމަށް ފުލުހުން އިންކާރު ކޮށްފައިވާއިރު، އެކަމާ ގުޅޭ ގޮތުން އެއްވެސް ފިޔަވަޅެއް ޕްރޮސެކިއުޓަރ ޖެނެރަލް އަޅުއްވަވާފައި ނުވާ ކަމަށެވެ. 

މެންބަރު މުހައްމަދު އިސްމާއިލް މައްޗަށް ތުހުމަތުކުރެވޭ ކުށުގެ އަމަލެއް ހިންގިކަމުގެ އިލްޒާމް ބަޔަކު ފާރިސްގެ އިސްތަށިފުޅުގައި ބަޔަކު މީހުން އެޅުވުމުން ފާރިސް ހައްޔަރުކޮށް، މެންބަރު މުހައްމަދު އިސްމާއިލް ހައްޔަރުނުކޮށް ތަފާތުވުން ގެންގުޅެފައިވާއިރު، އެ ތަފާތުކުރުން ބިނާވެފައިވާ އެއްވެސް ގާނޫނީ ހަމައެއް ވާނަމަ، އެ ހަމަ އަންގައި ދިނުމަށް ސިޓީގައި އެދިފައި ވެއެވެ.

މުޅި ދުނިޔޭގެ ކުރިމަތީގައި މެންބަރުންނަށް ރިޝްވަތު ދެއްވި ކަމަށް މުހައްމަދު އިސްމާއިލް އިއުތިރާފްވެވަޑައިގެންފައިވާއިރު، ކުށަށް އިންކާރު ކުރި ހާލުގައި ވެސް ފާރިސް ބަންދުކޮށް، ކުށަށް އިއުތިރާފްވި މީހާ މިނިވަންކަންމަތީ ހުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް ފުރުސަތު ފަހިކޮށްދިނުމަކީ ގާނޫނު ކުރިމަތީގައި އެންމެން ހަމަހަމަވުމުގެ އުސޫލާ ފުށޫއަރާ އިންސާފަށް ހުތުރު އަދި ގާނޫނު އަސާސީގެ ސަރީހަ އަމުރުތަކާ ކަނޑައެޅިގެން ޚިލާފް ކަމެއް ކަމަށް ސިޓީގައި ފާހަގަކޮށްފައި ވެއެވެ.

އެ ކަންތައްތައް ފާހަގަކޮށް ސިޓީގައި އެދިފައިވަނީ ގާނޫނު އަސާސީގެ ބާރު ދެމެހެއްޓުމަށް ފާރިސްއާ މެދު އަމަލުކޮށްފައިވާ ގޮތަށް، މުހައްމަދު އިސްމާއިލްއާ މެދު ވެސް އަމަލުކޮށް، އޭނާ ހައްޔަރުކުރުމުގެ އަމުރަކަށް އެދި ކްރިމިނަލް ކޯޓަށް ހުށަހެޅުމަށެވެ.

މިދިޔަ މަހުގެ 18 ވަނަ ދުވަހު ފާރިސް ހައްޔަރުކޮށްފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރުގެ މައްސަލައާ ގުޅިގެން މެންބަރުންނަށް ރިޝްވަތު ހުށަހެޅުއްވި ކަމަށް ބުނެ އެވެ. އެ މައްސަލައާ ގުޅިގެން ޝަރީއަތް ނިމެންދެން ފާރިސް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާއިރު، ފާރިސް ބަންދުކޮށްފައި ވަނީ މާފުށީ ޖަލުގަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް