ކ. މާލެ
|
7 އޯގަސްޓް 2017 | ހޯމަ 12:54
ދިއްގަރު ދާއިރާގެ މެންބަރ އަހުމަދު ފާރިސް މައުމޫން ކޯޓުން ނެރެގެން ގެންދަނީ
ދިއްގަރު ދާއިރާގެ މެންބަރ އަހުމަދު ފާރިސް މައުމޫން ކޯޓުން ނެރެގެން ގެންދަނީ
މުހައްމަދު ޝަރުހާން
ފާރިސްގެ އިސްތިއުނާފް
ފާރިސް ބަންދުކުރުމަށް ނެރުނު އަމުރުގެ އިސްތިއުނާފް އަޑުއެހުން ފަސްކޮށްފި
ފާރިސްގެ ވަކީލުންގެ ފަރާތުން އެދިވަޑައިގަތުމުން
ހައްޔަރުކުރުމަށް ނެރުނު އަމުރާއި ބަންދުކުރި އަމުރު
ފާރިސް ބަންދުކޮށްފައިވަނީ މާފުށީ ޖަލުގައި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަަރު އަހުމަދު ފާރިސް މައުމޫން ބަންދުކުރުމަށް ނެރުނު އަމުރުގެ އިސްތިއުނާފް ޝަރީއަތުގައި ހޯމަ ދުވަހަށް ތާވަލުކުރި އަޑުއެހުން ފަސްކޮށްފި އެވެ.

ޝަރީއަތް ނިމެންދެން ފާރިސް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ އިސްތިއުނާފް ޝަރީއަތުގައި ހޯމަ ދުވަހުގެ 1:30 އަށް ތާވަލުކުރި އަޑުއެހުން ފަސްކޮށްފައިވަނީ ފާރިސްގެ ވަކީލުންގެ އެދުމުގެ މަތިންނެވެ.

ފާރިސް ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރާއި، ތުހުމަތު ކުރެވޭ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ނެރުނު އަމުރު ވެސް ހައިކޯޓުގައި ވަނީ އިސްތިއުނާފް ކޮށްފަ އެވެ.

ފާރިސް ބަންދުކުރި މައްސަލައިގެ ފުރަތަމަ އަޑުއެހުން ބޭއްވީ އާދިއްތަ ދުވަހު އެވެ. އެ އަޑުއެހުމުގައި ފާރިސްގެ ގާނޫނީ ވަކީލުން ވަނީ އިސްތިއުނާފް ކުރާ މައިގަނޑު 11 ނުކުތާއެއް ހުށަހަޅާފައެވެ. ހޯމަ ދުވަހުގެ އަޑުއެހުމަށް ތާވަލުކޮށްފައި އޮތީ، ދައުލަތުގެ ފަރާތުން ޖަވާބުދާރީވުމެވެ.

އަޑުއެހުމަށްފަހު ނިކުމެވަޑައިގެން ގާނޫނީ ވަކީލު އިބްރާހިމް ޝަމީލް ވިދާޅުވީ މީހަކު ހައްޔަރުކޮށްފިނަމަ ލަސްނުކޮށް އެންމެ ކައިރީގައިވާ ފުލުހުންގެ މަރުކަޒަކަށް އެ މީހަކު ގެންދަންވާނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 45 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، ފާރިސް ހައްޔަރުކުރުމަށް ފަހު އެންމެ ކައިރީގައިވާ ފުލުހުންގެ މަރުކަޒަކަށް ގެންދިއުމެއް ނެތި، ގާނޫނާ ޚިލާފަށް ފާރިސް ގެންގޮސްފައިވަނީ ދޫނިދޫއަށްކަން ފާހަގަކޮށްފައިވާނެ ކަމަށެވެ.

ޝަމީލް ވިދާޅުވީ ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނާ ޚިލާފަށް ފާރިސް ބަންދުކޮށްފައިވާކަން ފާހަގަކޮށްފައިވާނެ ކަމަށެވެ. އެގޮތުން ތަހުގީގު މަރުހަލާގައި އެ މީހަކު ބަންދުގައި ބެހެއްޓޭނީ ކަސްޓޯޑިއަލް ޖަލެއްގައި ކަމަށް ޖަލުތަކާއި ޕެރޯލްގެ ގާނޫނުގައި ބަޔާންކޮށްފައިވާއިރު، ކްރިމިނަލް ކޯޓުން ފާރިސް ބަންދުގައި ބެހެއްޓުމަށް ނިންމި ނިންމުމުގައި ކަނޑައަޅާފައި އޮތީ ތަހުގީގު ހިނގަމުންދާ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ރިމާންޑް ޖަލެއްގައި ބަންދުކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ. 

ޝަމީލް ވިދާޅުވީ މި މައްސަލަައިގައި ވަގުތީ އަމުރަކަށް އެދުނީ ފާރިސްގެ އަސާސީ ހައްގުތަކެއް ގެއްލިގެންދާ ކަމަށް ފާހަގަކުރެވޭތީ ކަމަށާއި އެ އަސާސީ ހައްގުތައް ހިމާޔަތްކުރެވޭނެ އެންމެ އަވަސް ވަސީލަތަކީ މި މައްސަލައިގައި ހައިކޯޓުން ވަކި ގޮތަކަށް ނިންމަން ދެން ނަމަވެސް ވަގުތީ ގޮތުން އޭނާ ބަންދުން ދޫކުރުން ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ. ނަމަވެސް، އެފަދަ އަމުރެއް އެ އަޑުއެހުމުގައި ކޯޓުން ނެރެ ދީފައެއް ނުވެ އެވެ.

ފާރިސް ހައްޔަރުކުރުމަށް ނެރުނު އަމުރުގެ ދަށުން، ޖުލައި 18 ވަނަ ދުވަހު އޭނާ ހައްޔަރުކުރުމަށް ފަހު، ބަންދާއި މެދު ގޮތެއް ނިންމުމަށް ޖުލައި 19 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުން، ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށް ޝަރީއަތް ނިމެންދެން ހޯމް މިނިސްޓްރީއިން ކަނޑައަޅާ ތަނެއްގައި ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.

ފާރިސް ބަންދުކޮށްފައިވަނީ މާފުށީ ޖަލުގަ އެވެ. އެހެންނަމަވެސް، އޭނާގެ މައްޗަށް ހިންގާ ތަހުގީގު ކުރިއަށް ގެންދިއުމަށް ދޭތެރެދޭތެރެއިން ދޫނިދޫއަށް ގެންދެ އެވެ.

ފާރިސް ހައްޔަރު ކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ފާސްކުރުމަށް މަޖިލިހަށް ހުށަހެޅީ 42 މެންބަރުންގެ ސޮޔާއެކު ކަމަށް، އޭޕްރީލް 17 ވަނަ ދުވަހު މަޖިލީހުން ފާސްކުރުމާ ގުޅިގެން، މަޖިލީހުގެ ރައީސްގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމަށް، 42 މެންބަރުންގެ ސޮއި ހޯދުމަށް މަޖިލިސް މެންބަރުންނަށް ނުފޫޒު ފޯރުވައި ގާނޫނާ ޚިލާފަށް މަސައްކަތްތަކެއް ކޮށްފައިވާކަމުގެ ތުހުމަތުގަ އެވެ.

އެ މައްސަލައިގައި އޭނާ ހައްޔަރުކޮށް ބަންދުކޮށްފައިވާއިރު، ޝަޙްސް އޮޅުވާލުމުގެ ދައުވާކޮށް އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުގައި ޝަރީއަތެއް ދަނީ ހިންގަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް