ކ. މާލެ
|
1 މެއި 2024 | ބުދަ 07:20
ރާއްޖެޓީވީ ރޯކޮށްލުން
ރާއްޖެޓީވީ ރޯކޮށްލުން
ރާއްޖެއެމްވީ
މީޑިއާތަކަށް އިންޒާރުދިނުން
މީޑިއާތަކަށް އިންޒާރުދިނުން ސަރުކާރުން ކުށްވެރިކޮށްފި
 
ނޫސްވެރިންގެ ޙިމާޔަތުގައި ދިވެހި ސަރުކާރުން ފުރިހަމަ ސަމާލުކަމާއެކު މަސައްކަތްކުރާނެ
 
ނޫސްވެރީންނަށާއި މީޑިއާތަކަށް އިންޒާރުދެމުންދާތީ އެކަމުގެ ތަޙުޤީޤު ދިވެހި ފުލުހުންގެ އިދާރާއިން ފަށާފައިވޭ

މީސް މީޑިއާގައި އަދި ފޯނު މެދުވެރިކޮށް ކާކުކަން ދެނެނުގަނެވޭގޮތަށް ފޮރުވިގެން ތިބެ ރާއްޖޭގެ ބައެއް މީޑިއާތަކަށް ބަޔަކު އިންޒާރުދެމުންދާތީ، ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން މި ޢަމަލު ކުށްވެރިކޮށްފިއެވެ.

އަދި ދިވެހި މީޑިއާތަކާ ނޫސްވެރިންގެ ޙިމާޔަތުގައި ދިވެހި ސަރުކާރުން ފުރިހަމަ ސަމާލުކަމާއެކު މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ސަރުކާރުން ވަނީ ދީފައެވެ.

ފޮރުވިގެންތިބެ ނޫސްވެރީންނަށާއި މީޑިއާތަކަށް އިންޒާރުދެމުންދާތީ އެކަމުގެ ތަޙުޤީޤު ދިވެހި ފުލުހުންގެ އިދާރާއިން ފަށާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި އެކަން އެކުރާ ބަޔަކު ދެނެގަތުމަށް ފުލުހުންނަށް ލިބިފައިވާ ހުރިހާ ވަސީލަތަކާ ޤާބިލްކަމެއްގެ ބޭނުންކޮށްގެން މަސައްކަތްކުރަމުން ދާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

އެއްވެސް މީޑިއާއަކަށް ނުވަތަ ނޫސްވެރިއަކަށް ބިރުދެއްކުމުގެ އެއްވެސް ޢަމަލެއް އެއްވެސް ފަރާތަކުން ހިންގަމުންދާނަމަ، ނުވަތަ އެފަދަ ކަމެއް ކުރަން އުޅޭކަމުގެ މަޢުލޫމާތެއް ލިބިފައިވާނަމަ، ޤައުމީ މަޞްލަޙަތު އިސްކުރުމުގެ ޒިންމާ ކޮންމެ ދިވެހި ރައްޔިތަކު ވެސް އަދާކޮށް، އެކަން ފުލުހުންނަށް އަވަހަށް ރިޕޯޓްކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.

އަދި ނޫސްވެރީންގެ އަޑުއަހައި، މީޑިއާތަކުގެ މަސައްކަތް ކުރިއަރުވައި، ޒިންމާދާރުކަމާއެކު ޚަބަރާ މަޢުލޫމާތު ފެތުރުމަށް ފުރުޞަތު ދިނުމަކީ މި ސަރުކާރުން އަބަދުވެސް ނަގަހައްޓާނޭ ސިޔާސަތެއް ކަމަށް ބުނެފައިވެއެވެ. އަދި ނޫސްވެރިންނަށާއި މީޑިއާތަކަށް ބިރުދައްކައި، ޤައުމުގެ އަމްނަށް ނުރައްކާވާނެގޮތަށް ކުރާ ކޮންމެކަމެއް ހުއްޓުވައި ދިވެހި މުޖްތަމަޢުގެ މަސަލަސްކަމާއި ހަމަޖެހުން ހިފެހެއްޓުމުގައި ސަރުކާރުގެ ކަމާބެހޭ ހުރިހާ އިދާރާއަކުން ވެސް ވަފާތެރިކަމާއި އިޚްލާޞްތެރިކަމާއެކު ރެޔާދުވާލު މަސައްކަތްކުރަމުން ގެންދާނެ ކަމަށް ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް