ކ. މާލެ
|
7 އޯގަސްޓް 2017 | ހޯމަ 12:33
ސީރިއާ ހަނގުރާމައަށް ދިޔަ ކަމަށް ބުނާ ދިވެހިންތަކެއް
ސީރިއާ ހަނގުރާމައަށް ދިޔަ ކަމަށް ބުނާ ދިވެހިންތަކެއް
ރާއްޖެއެމްވީ
ހަނގުރާމަކުރުން
ހަނގުރާމައަށް ދިޔަ ކަމަށް ބުނެ އިތުރު ދެ މީހެއްގެ މައްޗަށް ދައުވާކޮށްފި
ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަށް ރާއްޖެ ދޫކޮށް ދިއުން
ދައުވާ އުފުލާފައިވަނީ އޭޕްރީލް މަހުގެ 24 ވަނަ ދުވަހު
ހޯމަ ދުވަހު އިބްތިދާއީ އަޑުއެހުން ބޭއްވި

ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައަކަށް ދިޔަ ކަމަށް ބުނެ އިތުރު ދެ މީހެއްގެ މައްޗަށް ދައުވާކޮށްފި އެވެ.

އެގޮތުން ދައުވާ ކޮށްފައިވަނީ ގދ. ވާދޫ، ސީސަންގޭ، އަލީ ހަމްޒަތާއި، ގއ. ކަނޑުހުޅުދޫ، ޗާންދަނީގޭ އަހުމަދު އަހުޒަރު އަޒީމްގެ މައްޗަށެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫޏުގެ ދަށުން އެ ދެ މީހުންގެ މައްޗަށް ކޮށްފައިވަނީ ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަށް ދިވެހިރާއްޖެ ދޫކޮށް ދިއުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާ ކޮށް މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ އޭޕްރީލް މަހުގެ 24 ވަނަ ދުވަހު އެވެ.

އެ ދެ މީހުންގެ މައްޗަށް ކޮށްފައިވާ ދައުވާގެ އިބްތިދާއީ އަޑުއެހުން ހޯމަ ދުވަހު ވަނީ ބާއްވާފަ އެވެ. އެ އަޑުއެހުމުގައި ދެ މީހުން ވެސް ވަނީ ގާނޫނީ ވަކީލަކާއެކު ކުރިއަށް ދިއުމަށް ބޭނުންވާ ކަމަށް ބުނެފަ އެވެ.

އެގޮތަށް އެދުމުން ގާޒީ ވަނީ ވަކީލަކު ހަމަޖެއްސުމަށް ހަތް ދުވަހުގެ ފުރުސަތެއް ދީފަ އެވެ. މި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު ކަމަށް ގާޒީ ވިދާޅުވި އެވެ.

އެ ދެ މީހުންގެ ޝަރީއަތް ފަށާފައިވާއިރު، ހަނގުރާމައަށް ދިއުމުގެ މައްސަލަތަކުގައި އިތުރު ނުވަ މީހެއްގެ މައްސަލަ ކްރިމިނަލް ކޯޓުގައި މިހާރު ވެސް ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ސީރިއާއަށް ދިޔަ ކަމަށް ބުނާ މީހުންނާއި ޕާކިސްތާނަށް ދިޔަ ކަމަށް ބުނާ މީހުންނެވެ.

ސަލްޓަން ޕާކުގައި 2007 ވަނަ އަހަރު ދިން ބޮމުގެ ހަމަލާ އަށް ފަހު، އެކަމާ ގުޅުންހުރި ގިނަ އަދަދެއްގެ ދިވެހިން ޕާކިސްތާނަށް ގޮސް ފިލިއިރު، އެގައުމާއި އަފްޣާނިސްތާނުގައި ހިނގާ ހަނގުރާމައިގައި ދިވެހިން ބައިވެރިވަމުން ގޮސްފައިވާ ކަމަށް ބޭރުގެ ޖާސޫސީ އިދާރާތަކުން އެއިރު ބުނެފައިވެ އެވެ.

ސީރިއާގައި ހަނގުރާމަ ފެށުމާއެކު، މިހާރު ދިވެހިން ޖިހާދަށް ކަމަށް ބުނެ ދަނީ އެ ގައުމަށެވެ. އެގޮތުން 100 އަށް ވުރެ ގިނަ ދިވެހިން ސީރިއާ ހަނގުރާމައިގައި ބައިވެރިވަމުންދާ ކަމަށް ޖާސޫސީ އިދާރާތަކުން ބުނާއިރު، ދިވެހި ސަރުކާރުން އެކަން ދޮގުކުރެ އެވެ. ސަރުކާރުން ލަފާކުރާ ގޮތުގައި ހަނގުރާމާގައި ބައިވެރިވާ ދިވެހިންގެ އަދަދު 50 އަށް ވުރެ މަދުވާނެ އެވެ.

- ކޮމެންޓް