ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ޕްރޮސެކިއުޓަރ ޖެނަރަލް (ޕީޖީ) އައިޝަތު ބިޝާމާ ބައްދަލު ކުރެއްވުމަށް އެޕޮއިންޓެމެންޓެއް ނުލިބިގެން ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ޕީޖީ އޮފީހަށް ހިނގައްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ތަރުޖަމާނު އަހުމަދު މަހުލޫފް ވިދާޅުވީ ޕީޖީއާ ބައްދަލު ކުރުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެދިފައިވާ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް ޕީޖީގެ އޮފީހުން އެސިޓީއަށް ޖަވާބު ދީފައިނުވާތީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސް ބޭފުޅުން ވަޑައިގެންނެވީ ކަމަށެވެ. އާދިއްތަ ދުވަހު ޕީޖީ އޮފީހަށް ދިއުމުން އެޕޮއިންޓްމެންޓު ލިބޭނެ ދުވަހެއް މިއަދު ނޫނީ މާދަމާ އަންގާނެ ކަމަށް ޕީޖީ އޮފީހުން ބުނެފައިވާ ކަމަށް މަހްލޫފް ވިދާޅުވި އެވެ.
އާދިއްތަ ދުވަހު ޕީޖީ އޮފީހަށް ވަޑައިގެންނެވި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސް ފަރާތްތަކުގެ ތެރޭގައި ޕީޖީ ބިޝާމާއާއެކު ބާއްވާ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ކަނޑައަޅާފައިވާ ބޭފުޅުންވެސް ހިމެނިވަޑައިގަންނަވަ އެވެ.
އެގޮތުން އެމްޑީޕީގެ ފަރާތުން އިސްކޮށް ޕީޖީ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގެންނެވި އިރު ޖޭޕީގެ ފަރާތުން އިސްކޮށް ހުންނެވީ އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒެވެ. ރައީސް މައުމޫންގެ ފަރާތްޕުޅުން ވަޑައިގެންނެވީ ދަރިކަނބަލުން ޔުމްނާ މައުމޫންގެ އިތުރުން އަދާލަތުގެ ޕާޓީގެ ނާއިބު ލީޑަރު އަލީ ޒާހިރު އެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވަނީ މިދިޔަ ޖުލައި މަހުގެ 30 ވަނަ ދުވަހު ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އާއިޝަތު ބިޝާމް އާއި ބައްދަލު ކުރުމަށް އެދި ސިޓީ ފޮނުވާފަ އެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ސޮއި ކުރައްވާ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށާއި ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ރާއްޖެއަށް މިވަގުތު ދިމާވެފައިވާ ސިޔާސީ މައްސަލަތަކަށް ހައްލެއް ހޯދުމަށް އަދުލްއިންސާފުގެ ދާއިރާއިން މިވަގުތުން މިވަގުތަށް ވެސް ކުރެވިދާނެ ކަންކަން އެބަހުރި ކަމަށެވެ.
އެހެންކަމުން އެކަންކަމާމެދު މަޝްވަރާކޮށް، ގައުމުގެ ހަމަޖެހުމާއި ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަން އަދި އާއްމު މަސްލަހަތު ހިމާޔަތްކޮށްދިނުމަށް ކުރެވިދާނެ މުހިއްމު ކަންކަމާއި މެދު މަޝްވަރާ ކޮށްލުމަށްޓަކައި ޖުލައި 30 ވަނަ ދުވަހުގެ ވަގުތެއްގައި އެޕޮއިންޓްމަންޓެއް ހަމަޖައްސާ ދެއްވުމަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވަރަށް ބޮޑު އެދިވަޑައިގަތުމެއް ކަމަށް ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ޕްރޮސެކިއުޓަރ ޖެނެރަލް އާއިޝަތު ބިޝާމް އަށް ފޮނުވި ސިޓީގައި ބުނެފައިވެއެވެ.