މާރާމާރީ އާއި އަނިޔާވެރި އަމަލުތައް ނުހުއްޓުވޭ ނަމަ ސަރުކާރުގެ މުއައްސަސާތަކުގައި ތިއްބެވި ވެރިން އިސްތިއުފާ ދެއްވުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ގޮވާލެއްވުމުން ޕީޕީއެމްގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ ރުޅިގަދަވެ ރަތަށް އަރައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވަމުން ގެންދަވާ އަބްދުއްރަހީމް ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ގައުމު އަމާންތަނަކަށް ހެދުމުގައި ފެއިލްވީ ކޮން ބައެއް ކަން ރައްޔިތުންނަށް އެނގޭ ކަމަށެވެ.
Gaumu amaan thanakah hedhumugai fail vee konba'eh kan Rayyithun nah eba en'gey.adhi Qaanoon thanfeez nukurevunee konbayakah kan ves en'gey.
— Abdul Raheem Abdulla (@Banafsaa) August 6, 2017
އަބްދުއްރަހީމް ވިދާޅުވީ ވެރިކަމުގައި ގާނޫނުތައް ތަންފީޒް ނުކުރެވުނީ ކޮން ބަޔަކަށް ކަން ރައްޔިތުންނަށް ވަަރަށް ސާފުކޮށް އެނގޭ ކަމަށެވެ.
މީގެ އިތުރުން ކުރީގެ ވެރިންގެ ވެރިކަމުގައި މާރާމަރީ ހިންގާ މަގުތައް މަތީ ދިވެހި ދަރިން ކަތިލަމުން ދިޔައިރު އިސްތިއުފާ ދެއްވާފައި ނުވާތީ އެކަމާ އަބްދުއްރަހީމް ވަނީ ސުވާލު ކުރައްވާފައެވެ.
Thima thimaa menge verikamuga maaraa maaree hingaa maguthah mathee hama dhivehi Dharin kathilamun dhiya'iru Isthi'ufaa nudhehvee keehvethoa?
— Abdul Raheem Abdulla (@Banafsaa) August 6, 2017
ރައީސް މައުމޫންގެ އޮފީހުން ނެރުނު ނޫސްބަޔާނުގައި ވިދާޅުވެފައި ވަނީ މާލޭގައި މިހާރު ހިނގަމުންދާ މާރާމާރީތަކާއި އަނިޔާވެރި އަމަލުތައް ނުހުއްޓުވޭނަމަ ސަރުކާރުގެ މުއައްސަސާތައް ހިންގަވަން ތިއްބެވި އިސްވެރިން އިސްތިއުފާ ދެއްވުމަށް ގޮވާލައްވާ ކަމަށެވެ.
ރައީސް މައުމޫންގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ސަރުކާރުން ސިޔާސީ ފަރާތްތައް ފްރޭމްކޮށް ފަހާ ދުވުމުގެ ބަދަލުގައި، މިހާރު ރާއްޖޭގައި ހިނގަމުންދާ މާރާމާރީތައް ހުއްޓުވުމަށް ގޮވާލާކަމަށެވެ.
ރައީސް މައުމޫންގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި މާލޭގައި ހިނގަމުންދާ ގްރޫޕް މާރާމާރީތައް ހުއްޓުވައި ރައްޔިތުންނަށް އަމާންކަމާ އެކު އުޅެވޭނެ މަގު ފަހިކޮށްދިނުމަކީ ކަމާ ގުޅުންހުރި ހުރިހާ މުއައްސަސާތަކުގެ ޒިންމާއެކެވެ. ނަމަވެސް އެކަންކަން ހުއްޓުވުމުގެ ބަދަލުގައި ސަރުކާރުގެ ދޯދިޔާ ސިޔާސަތުތައް ފޮރުވުމަށް މަސައްކަތް ކުރުމުންދާ ކަމަށްބުނެފައި ވެއެވެ.
ވޭތުވެދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ވެރިރަށް މާލޭގައި ހަތް މާރާމާރީއެއް ހިނގައި ދެ ޒުވާނަކު އަނިޔާވެރި ގޮތަކަށް މަރާލާފައި ވާއިރު، ކަމާ ގުޅުންހުރި މުއައްސަސާތަކުން އެކަށީގެންވާ ފިޔަވަޅު އަޅާފައި ނެތުމަކީ، ރައްޔިތުންނަށް އަމާންކަން ޤާއިމް ކޮށްދިނުމުގައި މި ސަރުކާރު ނުކުޅެދިފައިވާ މިންވަރު ސާފުކޮށް ސާބިތުވާ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.
ރައީސް މައުމޫންގެ އޮފީހުގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި މީގެ ކުރިން ސިޔާސީ މީހުން ހައްޔަރު ކުރުމުގައި ކަމާ ބެހޭ އިދާރާތަކަށް (އިންޓެލިޖެންސް ރިޕޯޓްތައް) ލިބުނު ނަމަވެސް މިފަދަ ރައްޔިތުންގެ މަސްލަހަތު ހިމެނޭ ނުރައްކާތެރި ކަންކަންކަމުގައި އެތަކެއް ބައެއް މިދުނިޔެއާ ވަކިވެދާއިރު، ކަމާއިބެހޭ އިދާރާތަކުގެ ]އިންޓެލިޖެންސް ރިޕޯޓް[ ތައް ނުލިބުމުން އެކަށީގެންވާ ފިޔަވަޅު އެޅިފައި ނުވުމަކީ ރައްޔިތުންނަށް ބަލައިގަންނަން ފަސޭހަ ކަންކަމަށް ނުވާނެ ކަމަށް ބުނެފައިވެއެވެ.
ރައީސް މައުމޫންގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި ރައްޔިތުންނަށް ރައްކާތެރިކަން ޤާއިމްކޮށްދޭން ޙަވާލުވެ ތިއްބެވި ފަރާތްތަކުން އެ ޒިންމާ ނުނަންގަވާ އަދި އެކަމުން ރެކިވަޑައިގަތުމުގެ ގޮތުން ވާދަވެރި ސިޔާސީ ފަރާތްތަކުގެ ބޮލުގައި އެއްވެސް ހެއްކެއް ޤަރީނާއެއް ނެތި އެކިއެކި އިލްޒާމް އަޅުވައި އަދި އެއީ ސިޔާސީ ކަމެއް ކަމަށް ރައްޔިތުންނަށް ދެއްކުމަށް ނޫސްވެރިންގެ ބައްދަލުވުން ތަކުގައްޔާއި ސޯޝަލް މީޑިއާގައި ވާހަކަ ދައްކަވަމުން ގެންދަވަނީ ކަމުގެ ހަޤީޤަތް ރައްޔިތުންނަށް އޮޅުވާލުމުގެ ބޭނުމުގައެވެ. އެހެން ކަމުން އެފަދަ ކަންކަން މިހާރުން މިހާރަށް ހުއްޓާލުމަށް ރައީސް މައުމޫންގެ ބަޔާނުގައި ވަނީ ގޮވާލާފައެވެ.
މީގެއިތުރުން ރައީސް މައުމޫންގެ ބަޔާނުގައި ބުނެފައި ވަނީ ސަލާމަތީ ބާރުތައް ނުހަމަ ގޮތުގައި ބޭނުން ކުރައްވައިގެން ސިޔާސީ ފަރާތްތައް ހިފާ ހައްޔަރުކުރުމާއި، ޤާނޫނު އަސާސީން ލިބިދީފައިވާ ހައްޤުތަކުގެ ބޭނުން ކުރުން ހުއްޓުވުމުގެ ބަދަލުގައި އެ މުއައްސަސާތަކުގެ ބޭނުން ހެޔޮގޮތުގައި ހިފައި، މާލޭގައި ހިނގަމުންދާ މާރާމާރީތައް ހުއްޓުވުމަށް މިހާރުން މިހާރަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.