ކ. މާލެ
|
29 އޭޕްރިލް 2024 | ހޯމަ 15:43
ސިވިލް ވަޒީފާތަކަށް މީހުން މަދުކަމަށް ސަރުކާރުން ބުނޭ
ސިވިލް ވަޒީފާތަކަށް މީހުން މަދުކަމަށް ސަރުކާރުން ބުނޭ
މުހައްމަދު ޝަރުހާން
ސިވިލް ސަރވިސް ވަޒީފާ
އެކި ސަބަބުތަކަށްޓަކައި ސިވިލް ސަރވިސްގެ ވަޒީފާ ދޫކޮށްލައިފައިވާ މީހުން އަލުން ވަޒީފާ އަދާކުރުމުގެ ފުރުސަތު ދެނީ
 
މުވައްޒަފުން ވަކިވާ ސަބަބުތަކާއި، އެކަންކަމަށް ޙައްލު ހޯދިދާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވޭ
 
އެފަދަ ފަރާތްތަކަށް ޚާއްޞަ 'ޕޭ ސްޓްރަކްޗަރ' އެއް އެކުލަވާލެއްވުމަށް ވަނީ ނިންމާފައި
 
ވަޒީފާއިން ވަކިވެފައިވާ މީހުންގެ ދަފުތަރެއް އެކުލަވައިލުމަށް ވަނީ ނިންމާފައި

އެކި ސަބަބުތަކަށްޓަކައި ސިވިލް ސަރވިސްގެ ވަޒީފާ ދޫކޮށްލައިފައިވާ މީހުން އަލުން ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރުމުގެ ފުރުޞަތު ފަހިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ.

އެކިއެކި ސަބަބުތަކަށްޓަކައި ޚިދުމަތުން ދުރުވެފައިވާ ނަރުހުންނާއި، އެހެނިހެން ޞީއްޙީ ޚިދުމަތްތެރިން، އަނބުރާ ޚިދުމަތަށް ނުކުތުމުގެ މަގު ތަނަވަސްކޮށްދިނުމަށް ޚާއްޞަ ސިޔާސަތެއް އެކަށައެޅުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިންވަނީ ނިންމަވާފައެވެ.

އަދި ޞިއްޙީ ދާއިރާ އެކޭ އެއްގޮތަށް ސިވިލް ސަރވިސްގެ ވަޒީފާ އަދާކުރާ އެހެން ދާއިރާތަކަށްވެސް ފުރުޞަތު ދެއްވުމަށް މަސައްކަތްކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވެފައިވާގޮތަށް، އެކި ސަބަބުތަކަށްޓަކައި ސިވިލް ސަރވިސްގެ ވަޒީފާ ދޫކޮށްލައިފައިވާ މީހުން އަލުން ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރުމުގެ ފުރުޞަތު ފަހިކޮށްދެއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މި ވަނީ ނިންމަވާފައެވެ.

އެމަނިކުފާނު މިގޮތަށް ނިންމެވީ އާދީއްތަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމާއި ގުޅިގެން، ސިވިލް ސަރވިސްގައި މީހުން ލިބުން ދަތި ދާއިރާތަކުގެ މަގާމުތަކުގައާއި، ވަގުތީގޮތުން މީހުން ބޭނުންވާ މަގާމުތަކުގައި ވަޒީފާއަދާކުރުމަށް ޝައުޤުވެރިކަންހުރި، އެ ދާއިރާތަކުގައި ވަޒީފާއަދާކޮށް ވަޒީފާއިން ވަކިވެފައިވާ މީހުންގެ ދަފުތަރެއް އެކުލަވައިލުމަށް ވަނީ ނިންމަވާފައެވެ.

މިގޮތަށް މީހުން ބޭނުންވެއްޖެ ހިނދެއްގައި އެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ މީހުންގެ ތެރެއިން ވޭޖް އެމްޕްލޯއިމަންޓް އުސޫލުން މީހުން ހަމަޖެއްސެވުމަށްވެސް ވަނީ ނިންމަވާފައެވެ. ހަމަ އެއާއެކު އެކިއެކި ޓެކްނިކަލަ ދާއިރާތަކުން ތަމްރީނުވެގެން ރާއްޖޭގައި މަސައްކަތްކުރާ ދިވެހިން ސަރުކާރުގެ ވަޒީފާތަކަށް ގެނައުމަށް ބާރުއެޅުމަށްޓަކައި، އެ ފަރާތްތަކަށް އެކަށީގެންވާ މުސާރައެއް ކަނޑައެޅުމަކީ މުހިންމު ކަމެއްކަމަށްވުމާއެކު، އެފަދަ ފަރާތްތަކަށް ޚާއްޞަ 'ޕޭ ސްޓްރަކްޗަރ' އެއް އެކުލަވާލެއްވުމަށް ވަނީ ނިންމަވާފައެވެ. މީގެ އިތުރުން ހަޔަރ އެޑިޔުކޭޝަން ލޯން ސްކީމަށް ކަނޑައެޅޭ ބަޖެޓުގެ ތެރެއިން އެންމެ މަދުވެގެން 50 އިންސައްތަ ހުރިހާ ދާއިރާއެއްގެ 'ހައިލީ ޓެކްނިކަލް ފީލްޑްތަކަށް' ޚާއްޞަކުރުމަށްވެސް ވަނީ ނިންމަވާފައެވެ. 

ރައީސުލްޖުމްހޫރިއްޔާ މި ނިންމެވުން ނިންމަވާފައިވާ ސަބަބުތަކުގެ ތެރޭގައި ސިވިލް ސަރވިސްއަށް މީހުން ރެކްރޫޓްކުރުމުގެ އިޖުރާޢަތުތައް ހުރި ގޮތުން މީހުން ލިބުން ދަތިނޫން މަގާމުތަކަށްވެސް މީހުން ހަމަޖެއްސުން ލަސްވާތީ ބައެއް މުއައްސަސާތަކުން ޚިދުމަތް ދިނުމުގައްޔާއި، މުއައްސަސާތަކުން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ދަތިވާކަމަށް، ފާހަގަކުރެވުން ހިމެނެއެވެ. އަދި ދާއިމީ މަގާމުތަކަށް މީހުން ހޯދުމުގެ އިތުރުން އެކި ސަބަބުތަކަށްޓަކައި ދިގު މުއްދަތުގެ ޗުއްޓީ ނަގާ މުވައްޒަފުންގެ ބަދަލުގައި ވަގުތީ ގޮތުން މަސައްކަތްކުރާނެ މީހުން ރެކްރޫޓުކުރުމަށް ހުރި ދަތިކަންވެސް ހިމެނެއެވެ. 

އާދީއްތަ ދުވަހުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރެއްވުމުގައި، ސިވިލް ސަރިވިސް މުވައްޒަފުން ހޯދުމުގައި ހުރި ދަތިތަކާއި، ސިވިލް ސަރިވިސްއިން ދެއްވާފައިވާ މަޢުލޫމާތުތަކަށް ބިނާކޮށް މުވައްޒަފުން ވަކިވާ ސަބަބުތަކާއި، އެކަންކަމަށް ޙައްލު ހޯދިދާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
100%
ކޮމެންޓް