ސަރުކާރުގެ ރަސްމީ ސިޓީތަކާއި ލިޔުންތަކުގައި "ތަރިކަ" މަޝްރޫޢުގެ ލޯގޯ ބޭނުންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ހަމަޖައްސަވައިފި އެވެ.
ރައީސް އޮފީހުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވާ ގޮތުގައި ދިވެހީންގެ މެދުގައި އިސްލާމީ ވަޙްދަތާއި، ޤައުމީ ރޫޙު އުފައްދައި އާލާކުރުމުގެ މަޤްޞަދުގައި 6 މާރިޗު 2017 ގައި އިފްތިތާޙު ކުރައްވާފައިވާ ތަރިކަ މަޝްރޫޢަށް ކަނޑައަޅުއްވާފައިވާ ލޯގޯ ސަރުކާރުގެ ރަސްމީ ސިޓީތަކާއި ލިޔުންތަކުގައި ބޭނުންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.
އެހެން ކަމުން އޮގަސްޓު މަހުގެ 15 ވާ އަންގާރަ ދުވަހުން ފެށިގެން، ސަރުކާރުގެ ރަސްމީ ސިޓީތަކާއި ލިޔުންތަކުގައި، ތަރިކަ މަޝްރޫޢުގެ ލޯގޯ ޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސާފައިވާ ކަމަށް ރައީސް އޮފީހުގެ ބަޔާނުގައި ބުނެފައިވެއެވެ.
މިގޮތުން، ތަރިކަ ލޯގޯ ބޭނުންކުރައްވާނީ، އެއް އަހަރުދުވަހުގެ މުއްދަތަށް ކަމަށާއި، ދައުލަތުގެ މުއައްސަސާތަކުން ބާއްވާ ތަރިކަ އާ ގުޅުންހުރި އެކިއެކި ޙަރަކާތްތަކުގައި، މި ލޯގޯ ބޭނުންކުރަމުން ގެންދިއުމަށް ރައީސް ޔަާމީން އަންގަވާފައިވާ ކަމަށް ރައީސް އޮފީހުގެ ބަޔާނުގައި ބުނެފައިވެއެވެ.