ކ. މާލެ
|
29 އޭޕްރިލް 2024 | ހޯމަ 07:28
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ރައީސް އޮފީސް
ނޫސްވެރިންނަށް ހުރަސްއެޅުން
ފޯނު ނުވެއްދޭ މައްސަލައިގައި ހައްލު ހޯއްދަވާނެކަމަށް ވިދާޅުވުމަށްފަހު ފޯނު ނުވެއްދޭ ވާހަކަ ތަރުޖަމާނު ދޮގުކުރައްވައިފި
 
ފޯނު މިއަދު ވެއްދުނު ނަމަވެސް ދެން އޮންނަ ބައްދަލުވުންތަކުގައި ފޯނު ނުވެއްދޭނެކަމަށް ރައީސް އޮފީހުން ބުނި
 
ފޯނު ނުވެއްދޭނެކަމަށް ބުނުމުން ނޫސްވެރިން ބައްދަލުވުމަށް ނުދާނެކަމަށް ބުނެ މަޑުކުރުމުން އެ ހުއްދަ ދިން
 
ރައީސް އޮފީހުގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމަށް ފޯނު ނުވެއްދޭނެކަމަށް ބުނީ ރައީސް އޮފީހުގެ މުވައްޒަފެއް

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮންނަ ނޫސްވެރިންގެ ބައްދަލުވުމަށްދާ ނޫސްވެެރިންނަށް ފޯނު ހިފައިގެން ނުވަދެވޭ މައްސަލައިގައި ހައްލު ހޯއްދަވާނެކަމަށް ވިދާޅުވުމަށްފަހު، ފޯނު ނުވެއްދޭނެކަމަށް އެންގި ވާހަކަ ތަރުޖަމާނު ހީނާ ވަލީދު ދޮގުކުރައްވައިފިއެވެ.

ރައީސް އޮފީހުގައި އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ދިޔަ ނޫސްވެރިން ޕްރެސް ހޯލަށް ވައްދަން ދިޔަ ރައީސް އޮފީހުގެ މުވައްޒަފު ބުނެފައިވަނީ ނޫސްވެރިންނަށް ފޯނު ހިފައިގެން ނުވަދޭވޭނެކަމަށެވެ. ނޫސްވެރިން ފޯނު ނުލާ ވަންނަން ދެކޮޅު ހެދުމުން، އޭގެ 20 ވަރަކަށް މިނެޓު ފަހުން އެ މުވައްޒަފު ބުނެފައިވަނީ އެއީ ޕްރޮޓޮކޯލް ކަމަށާއި، އެގޮތަށް ބަދަލުކޮށްފައިވާކަން ކުރިން އަންގާފައިނުވާތީ އާދީއްތަ ދުވަހު ފޯނު ހިފައިގެން ވަނުމުގެ ހުއްދަ ދޭނެކަމަށެވެ. ނަމަވެސް ދެން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް ފޯނު ހިފައިގެން ނުވަދެވޭނެ ކަމަށެވެ.

މިކަމާއި ގުޅިގެން ނޫސްވެރިންގެ ބައްދަލުމުގައި ކަންބޮޑުވުން ފާޅުކުރުމުން، ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ރައީސް އޮފީހުގައި އޮންނަ ޕްރޮޓޮލޯކް އަކީ އެއްވެސް ގޮތަކަށް 'ސޭ އެއް' އޮންނަ ކަމެއް ނޫން ކަމަށެވެ. އެއީ އެމްއެންޑީއެފުން ކުރިއަށްގެންދާ ކަމެއް ކަމަށާއި، ކުރިއަށް އޮތްތަނުގައި އެ މައްސަލަ ތަކުރާރު ނުވާނެ ގޮތަކަށް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

އަދި ތަކުރާރު ނުވާނެކަމަށް އެވިދާޅުވަނީ ފޯނު ނުވެއްދުނު މައްސަލަތޯ ސުވާލު ދެންނެވުމުން ހީނާ ވިދާޅުވީ "މިއަދު މި ދިމާވި މައްސަލަ ތަކުރާރުނުވާނެ ގޮތަކަށް ކުރިއަށް ގެންދިއުމަށްޓަކައި އަޅުގަނޑުމެން މަސައްކަތް ކުރާނަން" މިހެންނެވެ.

އެ މައްސަލަ (ފޯނު ނުވެއްދޭ މައްސަލަ) އިތުރަށް ތަކުރާރު ނުވާނެ ގޮތަކަށް އެރޭންޖްމަންޓް ކުރިއަށް ގެންދިއުމަށްޓަކައި އަޅުގަނޑުމެން މަސައްކަތް ކޮށްދޭނަމޭ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު

ނަމަވެސް ނޫސްވެރިންގެ ބައްދަލުވުން ނިމި، ނޫސްވެރިންނަށް ފޯނު ނުވެއްދޭ ވާހަކަ ސޯޝަލް މީޑިއާއާއި ހަބަރުފަތުރާ ވަސީލަތްތަކުގައި ޖެހުމުން ފޯނު ނުވެއްދޭނެކަމަށް އެންގިކަން ދޮގުކުރިއެވެ.

ރައީސް އޮފީހުގެ ހަބަރުގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވާން ދޔަ ނޫސްވެރީންނަށް ފޯނު ހިފައިގެން ރައީސް އޮފީހަށް ނުވަދެވުނުކަމަށް ބުނެ ބައެއް މީޑިއާތަކާ ނޫސްވެރިންގެ ޖަމިއްޔާތަކުން ރިޕޯޓްކުރަމުން ދަނީ ވަރަށް ބޮޑު ދޮގު ޚަބަރެެއް ކަމަށެވެ. އަދި ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ހުރިހާ ނޫސްވެރިން ވެސް ބައިވެރިވީ ފޯނާ އެކުގައި ކަމަށެވެ.

އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކިއުރިޓީ ޕްރޮޓޮކޯލްގައި ޢަމަލުކުރަމުންދާ އާއްމު އުސޫލަކީ އެކި ބައްދަލުވުންތަކަށް ވަޑައިގަންނަވާ ބޭފުޅުން، އެއީ ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންކަމުގައި ވިޔަސް ސެކިއުރިޓީއާ ފޯނު ހަވާލުކުރެއްވުމެވެ.

ނަމަވެސް މިއަދު ވެސް އަދި މީގެފަހުން ވެސް ނޫސްވެރިންގެ ބައްދަލުވުންތަކަށް ރައީސް އޮފީހަށް ވަޑައިގަންނަވާ ނޫސްވެރީންނަށް ފޯނާ އެކު ބައްދަލުވުމުގައި ބައިވެރިވެވޭނެ އިންތިޒާމު ރައީސް އޮފީހުގެ ސެކިއުރިޓީ ޕްރޮޓޮކޯލުން ވަނީ ހަމަޖައްސާފައި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވިދާޅުވިކަަމަށް ބުނެ ވަނީ ހަބަރެއް ޝާއިއުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް