ކުރީ ސަރުކާރުން އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް މި ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެއެވެ.
5 މަސް ދުވަހުގެ މެދުކެނޑުމަކަށްފަހު ރައީސް އޮފީހުގެ އައު ތަރުޖަމާނު ހީނާ ވަލީދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހީނާ ވިދާޅުވީ ކަނޑައެޅިފައި އޮންނަ ގޮތުގެ މަތިން އެއްބަސްވުންތަކާއި ގުޅޭ މައުލޫމާތު ނޫސްވެރިންނާއި ހަމައަށް ފޯރުކޮށްދެމުންދާނެ ކަމަށެވެ. އަދި އިންޑިއާ އެކު ހެދިފައި ހުރި އެއްބަސްވުންތަކުގެ މައުލޫމާތު ވެސް ކަނޑައެޅިފައި އޮންނަ ނިޒާމުގެ ތެރެއިން ނޫސްވެރިންނާއި ހަމައަށް ފޯރުކޮށްދެމުން ގެންދާނެ ކަމަށެވެ.
ހީނާ ވިދާޅުވީ މައުލޫމާތު ހާމަކުރުމުގެ ސިޔާސަތަކަށް ބަދަލެއް ނާންނަ ކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތަކީ ވީހާވެސް ބޮޑަކަށް އެ މައުލޫމާތުތައް ހާމަކޮށްގެން ކުރިއަށްގެންދިއުމުގެ ސިޔާސަތު ކަމަށާއި، އެ ސިޔާސަތަކަށް ބަދަލެއް ނާންނަ ކަމަށެވެ.
މައުލޫމާތު ހާމަކުރުމުގެ ސިޔާސަތަކަށް ބަދަލެއް އައިކީއެއް ނޫން. އެކަމަކު އެއްބަސްވުންތަކުގެ މައުލޫމާތު ހާމަކުރުމުގައި އެބައޮވޭ ގާނޫނީ ނިޒާމުގެ ތެރެއިންވެސް އެއް އެއްބަސްވުންތަކުގެ މައުލޫމާތު ހާމަކުރެވޭ ގޮތްތަކެއް އެބަހުރި. މިސާލަކަށް އަސްކަރީ އެއްބަސްވުންތަކެއް ނުވަތަ އެހެންކަހަލަ އެއްބަސްވުމެއް، އެ އެއްބަސްވުންތަކުގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް އެ މައުލޫމާތު ހާމަކުރެވޭ ނިޒާމެއްވެސް އެބައޮވޭ. އެކަމާއި ގުޅުންހުރި މައުލޫމާތެއް އެކަމާއި ގުޅުންހުރި ނިޒާމުގެ ތެރެއިން އެފަރާތަކަށް ހާމަކުރަމުންދާނަން. އަދި ނޫސްވެރިންނަށް ވެސް އެ މައުލޫމާތު ހާމަކުރެވެން ހުރި މިންވަރަކުން އެ މައުލޫމާތު ކުރިއަށް އޮތްތަނުގައި ހާމަކުރަމުން ގެންދާނަން.ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު
މީގެ ކުރިން ރައީސް އޮފީހުން ބުނެފައިވަނީ ރާއްޖެއިން އިންޑިއާއާއެކު ހަދާފައިވާ 101 އެއްބަސްވުން ދިރާސާ ކުރުމަށްފަހު ހާމަކުރާނެ ކަމަށެވެ. ނަމަވެސް ސަރުކާރަށް 5 މަސް ވެގެން ދިޔައިރު ވެސް މިހާތަނަށް އެއްވެސް އެއްބަސްވުމެއްގެ އެއްވެސް މިންވަރެއް ހާމައެއް ނުކުރެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ވައުދުވެފައިވަނީ އެމަނިކުފާނުގެ ވެރިކަމެއްގައި ސިއްރު އެއްވެސް އެއްބަސްވުމެއް ނުވާނެ ކަމުގައެވެ. އަދި ފާއިތުވި ސަރުކާރުން ކޮށްފައިވާ އެއްބަސްވުންތައްވެސް ހާމަކުރައްވާނެކަމަށެވެ.
އެހެންނަމަވެސް މިހާތަނަށް އެއިން އެއްވެސް އެއްބަސްވުމެއް ހާމަކޮށްފައިނުވެއެވެ. ކަންކަން ހާމަކުރައްވާނެ ކަމަށާއި، އެއްވެސް ކަމެއް ރައްޔިތުންނަށް ސިއްރު ނުކުރައްވާނެ ކަމަށް ވިދާޅުވިނަމަވެސް މިހާތަނަށް ވެސް އެއްވެސް ކަމެއް ހާމަކުރައްވާފައި ނުވެއެވެ.