ކ. މާލެ
|
7 އޯގަސްޓް 2017 | ހޯމަ 11:17
ރައްޔިތުންގެ މަޖިލިހުން އެންމެ ފަހުން ބޭއްވި ޖަލްސާގެ ތެރެއިން--
ރައްޔިތުންގެ މަޖިލިހުން އެންމެ ފަހުން ބޭއްވި ޖަލްސާގެ ތެރެއިން--
ޓްވިޓަރ
ރައްޔިތުންގެ މަޖިލީސް
އަތްފުހޭ ކަރުދާސް ރޯލެއްގައި ރޯވެގެން މަޖިލިސް ތަޅުލި ގޮތަށް ބަޚަބަރު!
އަލިފާން ރޯވިއިރު، ސީސީޓީވީ ކެމެރާތައް ހުރީ ނިއްވާލާފައި ކަމަށް ބައެއް މެމްބަރުން ވިދާޅުވޭ
އަލިފާނުގެ އެ ހާދިސާގެ ތަހުގީގު ކުރާކަމެއް، ތަހުގީގު ގޮސްފައިވާ ހިސާބެއް، އޮޅުންފިލާގޮތް ވަނީ ނުވެފައި
މަސީހު އިންނަވާ ރިޔާސަތުގެ މޭޒު ވަށައިގެން ބިއްލޫރި ކޮށްޓެއް ޖަހަންއުޅޭ އަޑުތަކެއް ވެސް ވަނީ ފެތުރިފައި

ރައްޔިތުންގެ މަޖިލީހުގެ އިދާރައިގެ ފާޚާނާއެއްގެ ތެރޭގައި ހުރި އަތްފުހޭ ކަރުދާސް ރޯލެއްގައި ރޯވެގެން މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލި ގޮތަށް ދެން މަޖިލީހުގެ ޖަލްސާއެއް ބޭއްވޭނެ ދުވަހެއް އެނގޭ ގޮތެއް ނުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ފާޚާނާއެއްގެ ތެރޭގައި މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ އިރުއޮއްސުނު ވަގުތު ހިނގި ކުޑަ އަލިފާނުގެ އެހާދިސާއާ ގުޅިގެން، ޖެހިގެން އައި އަންގާރަ ދުވަހު ބާއްވަން ތާވަލް ކުރި މަޖިލީހުގެ ޖަލްސާ ވެސް ވަނީ ކެންސަލް ކޮށްފަ އެވެ. 

މަޖިލީހުގެ އެޖަލްސާ ކެންސަލް ކުރިކަން އަންގާ މެންބަރުންނަށް ފޮނުވި މެސެޖްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ހަވާލާ ދެއްވާ މަޖިލީހުގެ އިދާރާއިން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ހޯމަ ދުވަހު އިރުއޮއްސެން އުޅެނިކޮށް ހިނގި އަލިފާނުގެ ހާދިސާ އަކާއި ގުޅިގެން ތަން ޢާއްމު ހާލަތަކަށް ގެނައުމަށާއި ކަމާ ގުޅޭގޮތުން އަޅަންޖެހޭ އެހެން ފިޔަވަޅުތައް އެޅުމަށް ވަގުތު ބޭނުންވާތީ އަންގާރަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނުބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ދެން ޖަލްސާއެއް އޮންނާނެ ތާރީޚެއް ފަހުން އަންގަވާނެ ކަމަށް މެންބަރުންނަށް ފޮނުވި މެސެޖްގައި ވަނީ ބުނެފައެވެ.

އަލިފާނުގެ އެ ކުޑަ ހާދިސާއަށް މިއަދަށް ހަފްތާއެއްވީ އިރުވެސް، މަޖިލީހުގެ ޖަލްސާއެއް ބާއްވާފައެއް ނުވެއެވެ.

އަލިފާނުގެ އެމައްސަލައާ ގުޅޭ މައުލޫމާތާއި މަޖިލީހުގެ ޖަލްސާއެއް ދެން ބޭއްވޭނެ ދުވަހެއް އޮޅުން ފިލުވުމަށް މަޖިލީހުގެ އިދާރާގެ ބަހެއް ހޯދުމަށް ކުރިމަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފަ އެވެ.

މީގެ އިތުރުން އަލިފާނުގެ އެ ހާދިސާގެ މައުލޫމާތާއި ތަހުގީގު ކުރިއަށް ގޮސްފައިވާ ހިސާބެއް ބެލުމަށް ފުލުހުންނަށް ގުޅުމުން ވެސް އެ މައުލޫމާތު ލިބޭގޮތް ވަނީ ނުވެފަ އެވެ.

މަޖިލީހުގެ އިދާރާގައި އަލިފާނުގެ އެ ހާދިސާ ހިނގިއިރު ސީސީޓީވީ ކެމެރާތައް ނިއްވާލާފައި ކަމަށް މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން، ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ގެއްލުމާ އެކު، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅިފައި ވަނިކޮށް، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ގިނަ މެމްބަރުންގެ މައްޗަށް އެކިއެކި ތުހުމަތުތައްކޮށް، ތަހުގީގު ހިންގާ ޝަރީއަތް ވެސް ދަނީ ކުރަމުންނެވެ. އަދި ޝަރުއީ ހުކުމަކާ ނުލައި މިވަގުތު ވެސް ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރަކު ހުންނެވީ ޖަލުގަ އެވެ.

މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު މަޖިލީހުގެ ތެރެއަށް ފުލުހުންނާއި ސިފައި ވަދެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ނެރެފައި ވެއެވެ. މަޖިލީހުން މެމްބަރުން ނެރެން އުޅުމުގެ ތެރޭގައި ގިނަ މެމްބަރުންތަކަކަށް ވަނީ އެކި ވަރުގެ އަނިޔާތައް ވެފަ އެވެ.

ޖުލައި މަހުގެ 24 ވަނަ ދުވަހާއި 31 ވަނަ ދުވަހު މަޖިލީހުގައި ހިނގާދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ދެން އަޑުއިވިގެން ދިޔައީ މަޖިލީހުގެ ރިޔާސަތު ބަލަހައްޓާ މޭޒު ވަށައިގެން ބިއްލޫރި ކޮށްޓެއް ޖަހާ ވާހަކަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
11 އޯގަސްޓް 2017 | ހުކުރު 21:52
ގާދިރު
މަޖިލީހުގެޖަލްސަބާއްވަނީފާހާނާގަތަ