ކ. މާލެ
|
23 އޭޕްރިލް 2024 | އަންގާރަ 12:47
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
މަޖިލިސް
20 ވަނަ ރައްޔިތުންގެ މަޖިލިސް
އައު މަޖިލިސް ހުވާކުރުން މެއި 28ގައި
ވަގުތީ ނަތީޖާއަށް ބަލާއިރު، ޕީއެންސީން ވަނީ 66 ގޮނޑި ކާމިޔާބުކޮށްފައި
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކާމިޔާބުކުރެއްވި މެންބަރުން ހުވާކުރުން އޮންނާނީ އަންނަ މެއި މަހުގެ 28 ވާ އަންގާރަ ދުވަހު
ހިނގަމުން މިދާ މަޖިލީހުގެ ފަސް އަހަރުގެ ދައުރު ނިމޭނީ މެއި 15ގައި

20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެފައިވާ މެންބަރުން ހުވާކުރުމަށް ބާއްވާ ޖަލްސާ ކުރިއަށް އޮތް މެއި މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

އަންގާރަ ދުވަހު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެކަން ހާމަކުރެއްވީ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމްއެވެ. އަސްލަމް ވިދާޅުވީ ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވި ކެންޑިޑޭޓުން ހުވާކުރުން އޮންނާނީ އަންނަ މެއި މަހުގެ 28 ވާ އަންގާރަ ދުވަހު ކަމަށާއި ހުވާކުރުމާ ގުޅޭ ތައްޔާރީތައް މަޖިލީހުގެ އިދާރާއިން ވަމުންދާ ކަމަށެވެ.

އެހެންކަމުން މިހާރު ހިނގަމުން މިދާ މަޖިލީހުގެ ފަސް އަހަރުގެ ދައުރު ނިމޭނީ މެއި 15ގައި ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި މަޖިލީހުން އެހެން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު މިދައުރުގެ އެންމެ ފަހުގެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 13 ވަނަ ދުހަވު ކަމަށް މަޖިލީހުގެ ރައީސް އިއުލާންކުރެއްވިއެވެ.

މަޖިލިސް އިންތިޚާބުގެ ވަގުތީ ނަތީޖާއަށް ބަލާއިރު، ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީއިން ވަނީ 66 ގޮނޑި ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން ޕީއެންސީއިން އެންޑޯސްކޮށްފައިވާ އަމިއްލަ ގޮތުން ވާދަކުރި 5 ކެންޑިޑޭޓަކު ވެސް ވަނީ ގޮނޑި ކާމިޔާބުކޮށްފައެވެ. އަދި މި ވަގުތު ސަރުކާރާއި އެކުގައި މަސައްކަތް ކުރާ 3 ޕާޓީއަކަށް އެއް ގޮނޑި ވަނީ ކާމިޔާބުވެފައެވެ.

އިދިކޮޅު އެމްޑީޕީއަށް މި އިންތިޚާބުގައި ކާމިޔާބުވެފައިވަނީ 12 ގޮނޑިއެވެ. އަދި އަމިއްލަ ގޮތުން ވާދަކުރާ ޖުމުލަ 11 ކެންޑިޑޭޓުން ވަނީ ގޮނޑި ކާމިޔާބުކޮށްފައެވެ. އަދި މި އިންތިޚާބުގައި އަދާލަތު ޕާޓީ އާއި ދަ ޑެމޮކްރެޓްސްގެ އެއްވެސް ކެންޑިޑޭޓަކަށް ގޮނޑިއެއް ކާމިޔާބުކުރެވިފައި ނުވެއެވެ.

- ކޮމެންޓް