ނިމިގެން ދިޔަ މަޖިލިސް އިންތިހާބު 2024 ގައި ޖުމްލަކޮށް އިދާރީ އިންތިޒާމްތައް ރަނގަޅު ކަމަށާއި، ހާމަކަން ބޮޑު އަދި ސުލްހަވެރިކަމާއެކު ކުރިއަށްދިޔަ އިންތިހާބެއް ކަމުގައި ދެކޭކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024ށް ފަހު ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ނެރުނު ރިޕޯޓުގައި ބުނެފައިވަނީ ވޯޓުލާ މަރުކަޒުތަކުގެ ތެރެއިން 99.5 އިންސައްތަ މަރުކަޒުތައް ވޯޓުފޮށި ބަންދުކުރަން ހަމަޖެހިފައިވާ ގަޑީގެ ބައިގަޑިއިރު ތެރޭގައި ބަންދުކުރެވުނު ކަމަށެވެ. އަދި ވޯޓުލާ މީހުންގެ ރަޖިސްޓްރީ ޖުމްލަކޮށް ފުރިހަމަ ކަމަށް ބުނެފައިވެއެވެ. އަދި ވޯޓުލެވޭ މީހުންގެ ލިސްޓުގައި މައްސަލަ ހުރުމުގެ ސަބަބުން ވޯޓުނުލެވި ދިޔައީ ވަރަށް މަދު ފަރާތްތަކަށް ކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން 78.6 އިންސައްތަ މަރުކަޒުތަކުގައި މީހުން އެހެން މީހެއްގެ އެހީ ތެރިކަމާއެކު ވޯޓު ލާފައިވާކަމަށް ރިޕޯޓްކޮށްފައިވެއެވެ. އަދި ވޯޓުލާ މަރުކަޒުތަކުގެ ތެރެއިން 3.4 އިންސައްތަ މަރުކަޒުގައި ވަގުތީ ގޮތުން ވޯޓުލުން ހުއްޓާލާފައި ވާއިރު، އޭގެތެރެއިން 70.5 އިންސައްތަ ހާލަތްތަކުގައި ވޯޓުލުން ހުއްޓާލާފައިވަނީ ވޯޓުލާ މަރުކަޒުގެ އިސްވެރިޔާގެ އެންގުމުގެ މަތިން ކަމަށް ބުނެފައިވެއެވެ.
އަދި 11.6 އިންސައްތަ މަރުކަޒުތަކަށް ފުލުހުން ވަދެފައިވާއިރު 66.6 އިންސައްތަ މަރުކަޒުތަކުގައި ފުލުހުން ވޯޓުލާ މަރުކަޒުތަކަށް ވަދެފައިވަނީ ގާނޫނާ އެއްގޮތަށް، ވޯޓުލާ މަރުކަޒުގެ އިސް ވެރިޔާގެ އެދުމުގެ މަތިން ކަމަށް ބުނެފައިވެއެވެ.
އަދި ވޯޓު ގުނުން ކުރިޔަށް ދިޔައިރު، ކެންޑިޑޭޓުންގެ ތަމްސީލުވުން ފުޅާ ދާއިރާއެއްގައި ލިބިގެން ގޮސްފައިވުން އެއީ މިއިންތިހާބުގެ ނަތީޖާގެ ހާމަކަން އިތުރުވެ އިތުބާރު ލިބިގެންދާނޭ ސަބަބެއްކަމުގައި ދެކޭ ކަމަށް ޓްރާންސްޕޭރެންސީން ބުނެފައިވެއެވެ. އަދި ވޯޓުގުނުން ކުރިޔަށް ދިޔައިރު 96.1 އިންސައްތަ މަރުކަޒުގައި ކެންޑިޑޭޓުން ތަމްސީލުކުރާ އޮބްޒާވަރުން މަރުކަޒުގައި ތިބިކަން ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން ވޯޓުގެ ނަތީޖާ އިއުލާނުކުރިއިރު ގުނުމުގެ ކަންކަމާ ގުޅޭ ހައްލުނުވެ ހުރި ދެބަސްވުންތައް ހުރިކަމަށް ރިޕޯޓް ކޮށްފައިވަނީ 12.6 ފޮށީގައެވެ.
އެހެންނަމަވެސް، އިންތިހާބުގެެ ނިޒާމުގައި ހުރި ބޮޑެތި މައްސަލަތައް ކަމުގައިވާ ވޯޓު ގަތުމާ، ސިޔާސީ ފައިސާގެ ހާމަކަން ނެތުމާ، ދައުލަތުގެ ފައިސާއާއި ވަސީލަތްތައް އިންތިހާބީ ބޭނުމަށް ނަހަމަ ގޮތުގައި ބޭނުންކުރުމާއި، އިންތިހާބުތަކުގައި އަންހެނުން ބައިވެރިވުމަށް ހުރި ހުރަސްތަކާއި، އިންތިހާބީ ގާނޫނުތަކުގައި ހުރި މައްސަލަތައް ހައްލުކުރުމަށް އަވަސް މަސައްކަތްތަކެއް ކުރުމަށް ކަމާއިގުޅުންހުރި ހުރިހާ ފަރާތްތަކަށް ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ވަނީ ގޮވާލާފައެވެ.