ކ. މާލެ
|
22 އޭޕްރިލް 2024 | ހޯމަ 13:57
ވޯޓުލާ މަރުކަޒެއްގެ ކައިރީގައި ފުލުހުން ހަރަކާތްތެރިވަނީ
ވޯޓުލާ މަރުކަޒެއްގެ ކައިރީގައި ފުލުހުން ހަރަކާތްތެރިވަނީ
މޯލްޑިވްސް ޕޮލިސް ސާރވިސް
ހައްޔަރުކުރި މީހުން ދޫކޮށްލުން
އިންތިޚާބުގެ ތެރެއިން ހައްޔަރުކުރި 3 މީހުން ދޫކޮށްލައިފި
އެކަކު ހައްޔަރުކޮށްފައިވަނީ މާލެއިން
ދެމީހުން ހައްޔަރުކުރީ ގދ.ފިޔޯރީން

ރައްޔިތުން މަޖިލިސް އިންތިޚާބު ކުރިއަށްދަނިކޮށް ހަމަނުޖެހުން ހިންގައިގެން ހައްޔަރުކުރި މީހުން ދޫކޮށްލައިފިއެވެ.

ފުލުހުން ބުނީ ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ސެކިއުރިޓީ އޮޕަރޭޝަންގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ތިން މީހުންވެސް އާދިއްތަ ދުވަހުގެ ރޭ ދޫކޮށްލާފައިވާ ކަމަށެވެ.

އާދިއްތަ ދުވަހުގެ ހެނދުނު 8:00ން ފެށިގެން ހަވީރު 5:30 އާ ހަމައަށް މަޖިލިސް އިންތިޚާބު ވަނީ ކުރިއަށް ގެންގޮސްފައެވެ. އިންތިޚާބު ކުރިއަށް ދިޔަ ވަގުތު ހަމަނުޖެހުން ހިންގައިގެން ފުލުހުން ވަނީ ތިން މީހަކު ހައްޔަރުކޮށްފައެވެ.

ފުލުހުން ބުނީ އެކަކު ހައްޔަރުކުރީ ވޯޓު ކަރުދާސް ދެއްކި މައްސަލައަކާ ގުޅިގެން މާލެއިން ކަމަށެވެ. އަދި އަނެއް ދެ މީހުން ހައްޔަރުކުރީ ގދ. ފިޔޯރީން ވޯޓުލާ މަރުކަޒުގެ މަސްލަހަތު ނަގައިލާ ވޯޓުލުމަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން މަޖިލިސް އިންތިޚާބާއި ގުޅިގެން ގިނަ އަދަދެއްގެ ފުލުހުން ވަނީ މާލެސިޓީގެ އިތުރުން އަތޮޅުތެރޭގައި ހަރަކާތްތެރިވެފައެވެ. އަދި 19 އޭޕްރީލް 2024 ގައި އިންތިޚާބާ ގުޅިގެން ފުލުހުން ހިންގާ އޮޕަރޭޝަން ''ބްލޫ ޓައިޑް'' ގެ އޮޕަރޭޝަން ފޭސްގެ މަސައްކަތްތައް މުޅި ރާއްޖޭގައި ފަށައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮޕަރޭޝަނަލް ސްޓޭޓަސް އެންމެ މަތީ ދަރަޖަކަމަށްވާ ލެވަލް 3 އަށް ވަނީ މަތިކޮށްފައެވެ.

ފުލުހުން ބުނީ އިންތިޚާބުގެ ހުރިހާ ކަމެއް ވެސް ވަރަށް އަމާންކަމާއިއޮމާންކަމާއެކު ކުރިއަށް ގެންދެވުނު ކަމަށެވެ. 

މަޖިލިސް އިންތިހާބުގެ އެންމެހައި ކަންކަން އަމާން އޮމާން ކަމާއެކު ކުރިއަށް ގެންދިއުމުގައި ރައްޔިތުންގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުން ފުލުހުން ވަނީ ފާހަގަކޮށްފަައެވެ.

- ކޮމެންޓް