މިމަހުގެ 1 ވަނަ ދުވަހު ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ވަޅިން ހަމަލާދީ މަރާލި ރ. މީދޫ އުމުރުން 25 އަހަރުގެ މުހައްމަދު އަނަސް ބައެެއް ގާތިލުން އަތުލައިގަނެވިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި މ.އަސަރީހިޔާއިން ޖުމްލަ 12 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި އޭގެ ތެރޭގައި ލިޓަސް ސާވިސް ސެންޓަރުތެރޭގައި ވަޅިޖެހި މައްސަލައިގައި ބައިވެރިވި މީހުން ހިމެނޭ ކަމަށެވެ. އަދި މާލޭގައި ހިންގާފައިވާ މާރާމާރީތަކާއި ގުޅިގެން ހޯދާ މީހުން ހިމެނޭ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ހައްޔަރުކުރި މީހުންގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭ ކަމަށް ފުލުހުން ބުނެ އެވެ.
މަންޒަރު ފެނުނު ބައެއް މީހުން ބުނި ގޮތުގައި ޒުވާނާއަށް ހަމަލާދިނީ ތިން ސައިކަލުގައި ދިޔަ މޫނު ނިވާކޮށްގެން ތިބި ބައެކެެވެ.
އަނަސްގެ ބޭބެއެއް ރާއްޖެއެމްވީއަށް މަޢުލޫމާތު ދެމުން ބުނީ މަރުވި އަނަސް ވަޒީފާ އަދާކުރަނީ ލޯންޗެއްގައި ކަމަށާއި އޭނާ ލިޓަސް ސަރވިސް ސެންޓަރަށް ގޮސްފައިވަނީ ރައްޓެއްސަކާ ބައްދަލުކުރުމަށް ކަމަށެވެ.
އޭނާއަކީ އާންމުކޮށް އެތަނަށް ގޮސް އުޅޭ ކުއްޖެއް ކަމަށާއި އެރޭ އެ ހާދިސާ ހިނގައިފައިވަނީ އެތަނަށް އޭނާ ދިޔަތާ ބައި ގަޑިއިރުވެސް ނުވަނީސް ކަމަށް އޭނާގެ ބޭބެ ބުންޏެވެ.
މި ދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލޭގައި ފަހިވެހި އިޖްތިމާއީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވި ގޮތުގައި، ލިޓަސް ފިހާރަތެރޭގައި ވަޅިން ހަމަލާދީ ކޮށާލި ރ. މީދޫ ފެންފިޔާޒުގޭ އުމުރުން 25 އަހަރުގެ މުހައްމަދު އަނަސްގެ ކުށެއް ނެތް ކަމަށާއި، ކުށްވެރިވަނީ އޭނާ ލައިގެން ހުރި ޓީޝާޓްކަމަށެވެ.