އާދީއްތަ ދުވަހު ވޯޓުލުން ކުރިއަށްދާއިރު ބަރު އުޅަނދު ދުއްވުން މަނާކޮށްފިއެވެ.
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން ބުނީ 21 އޭޕްރީލް 2024 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން ކުރިއަށްދާ ވަގުތުތަކުގައި މާލޭގެ މަގުތަކުގައި 4 ކެޓަގަރީއެއްގެ އުޅަނދުއްތައް ދުއްވުމަކީ މަނާ ކަމެއްކަމުގައެވެ.
1- C2 އަދި CO ކެޓަގަރީގެ އުޅަނދުތައް.
2- D ކެޓަގަރީގެ އުޅަނދުތައް.
3- E ކެޓަގަރީގެ އުޅަނދުތައް.
4- V ކެޓަގަރީގެ އުޅަނދުތައް.
މި އެންގުމާއި ޚިލާފުވާ ފަރާތްތަކާމެދު ޤާނޫނު ނަންބަރު 2009/5 (އެއްގަމުދަތުރުފަތުރުގެ ޤާނޫނު) ގެ 67 އަދި 68 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅޭނެ ކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024ގެ ވޯޓުލުން ފެށޭނީ ހެނދުނު 8:00 ގައެވެ. އަދި ވޯޓުލުން ނިމޭނެ ގަޑިއެއްކަމުގައި ވަނީ ހަވީރު 5:30 ކަމުގައި ހަމަޖައްސާފައެވެ. މީގެ އިތުރުން ވޯޓުލާ ދުވަހު ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ވަނީ އޮޕަރޭޝަން ބްލޫ ޓައިޑްގެ އޮޕަރޭޝަނަލް ފޭސް ރަސްމީކޮށް ފަށާފައެވެ.
އިސްކަންދަރު ކޮށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، އޮޕަރޭޝަނަލް ފޭސް ރަސްމީކޮށް ފައްޓަވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ސުޖާއުއެވެ.
ރަސްމިއްޔާތު ފައްޓަވައި ދެއްވައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ސުޖާޢު ދެއްކެވި ވާހަކަފުޅުގައި، މިމަހުގެ 21 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ފުލުހުންނާއި މަތިކުރެވިފައިވާ މަސްއޫލިއްޔަތު އަދި އިންތިޚާބުގެ ސެކިއުރިޓީގެ ކަންކަން ބެލެހެއްޓުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައްވެފައިވާކަމަށް ވިދާޅުވިއެވެ.
ހަމައެއާއެކު މިއަންނަ އާދިއްތަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އަމާން އޮމާންކަމާއެކީ، ވޯޓްލާން އަންނަ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުވެފައިވާ އިންތިޚާބެއްގެ ގޮތުގައި ފަށައި، އެގޮތުގައި އިންތިޚާބުގެ ކަންކަން ނިމިގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވިއެވެ. އަދި މި އޮޕަރޭޝަނުގައި ދިވެހި ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރާ ހުރިހާ ފުލުހުން ބައިވެރިވާ ހަރަކާތަކަށްވުމާއެކު ކޮންމެ ފުލުހަކު އެފުލުހަކަށް ހަވާލުކުރެވިފައިވާ މަސައްކަތް ވަރަށް އިހްލާސްތެރިކަމާއެކު އަދާކުރެއްވުމަށް ސަމާލުކަން ދެއްވުމަށާއި ވޯޓުލާ މަރުކަޒުތައް ހިމެނޭ ސަރަހައްދުތަކުގައި ހަރަކާތްތެރިވާއިރު ވޯޓުލާން އަންނަ ފަރާތްތަކާއި މުއާމަލާތް ކުރައްވާއިރު ހިނިތުންވުމާއެކު ރީތި ބަހުން މުއާމަލާތްކުރެއްވުމަށް ސަމާލުކަން ދެއްވުމަށް އެދިލެއްވިއެވެ. ކަނޑައެޅިފައިވާ މިންގަނޑަށް ތައްޔާރުވެގެން ޑިއުޓީއަށް ހާޒިރުވުމަށާއި ފުލުހުންގެ ތަސައްވުރަށް ކިލަނބުކަން އަންނާނެ ފަދަ އެއްވެސްކަމެއް ނުކުރުމަށް އިލްތިމާސްކުރެއްވިއެވެ.