ރައީސް ޑރ.މުހައްމަދު މުއިއްޒު ގެންދަވަނީ އަވަހާރަފުޅު ނުލައްޕަވާ ހުންނަވައިގެން ވެސް ރައްޔިތުންނަށް އިތުރުފުޅު ހައްދަވަމުން ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަދި އެމްޑީޕީގެ އިސް އެންވައިޒަރ އިބްރާހިމް މުހައްމަދު ޞާލިޙު މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ އެމްޑީޕީން ބޭއްވި މިސްރާބު ހަމަމަގަށް ކެމްޕެއިން ހިނގާލުމުގެ ތެރޭގައި ވާހަކަދައްކަވަމުންނެވެ. ހޭލާ ހުންނަވައިގެން ވެސް ރައީސް މުއިއްޒު ކުރައްވާ ކަމަކީ ރައްޔިތުންނަށް އޮޅުވާލެއްވުމާއި މަކަރުހެއްދެވުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މަޖިލިސް އިންތިޚާބު ނިމުމުން، ކައުންސިލް އިންތިޚާބުގެ މެޖޯރިޓީ ދޭން ރައީސް މުއިއްޒު އެދިވަޑައިގަންނަވާނެ ކަަމަށާއި އެއަށް ފަހު ޖެހިގެން އޮތް 5 އަހަރަށް ވެރިކަމަށް ހޮވާދިނުމަށް އެދިވަޑައިގަންނަވާނެ ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ. އެހެން ނޫން ނަމަ ކަންކަން ނުކުރެވޭނެ ކަމަށް މި ސަރުކާރުން ބުނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް ރައްޔިތުން އެ މަޅީގައި ޖެހިގެން ނުވާނެ ކަމަށް ރައީސް ޞާލިޙު ވިދާޅުވިއެވެ. މި ސަރުކާރު ހިނގަމުންދާ ގޮތުގެ މައުލޫމާތު އާއްމުންނަށް ނޭނގޭކަމަށާއި އެއީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ވޯޓުލާ ދުވަހު ނުކުމެ މި އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުކުރުމަށް މަސައްކަތްކޮށްދިނުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގަންނަވާފައެވެ. އަދި އިރާދަކުރެއްވިއްޔާ މި އިންތިޚާބު ބޮޑުތަނުން އެމްޑީޕީ އަށް ކާމިޔާބުވާތަން ފެނިވަޑައިގަންނަވާ ކަމަށް ވެސް ރައީސް ޞާލިޙު ވަނީ ވިދާޅުވެފައެވެ. ސަރުކާރާއި އެއްކޮޅަށް ދޭ ވޯޓަކީ އެއީ ތަރައްޤީ އާއި ދެކޮޅަށް ދެވޭ ވޯޓެއްގެ ގޮތުގައި އެމަނިކުފާނު ވަނީ ސިފަކުރައްވާފައެވެ.
އެމަނިކުފާނު ކެމްޕެއިން އަށް އެތައް ރަށަކަށް ވަޑައިގެންނެވި އިރު ކޮންމެ ދިމާލަކުން ވެސް ފެނިވަޑައިގެންނެވީ މާޔޫސްކަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަންނަވަން ވެވަޑައިގެންނެވި ވައުދުތައް ފުއްދަވަމުން ނުގެންދަވާތީ އެކަމާއި މެދު އާއްމުން ކަންބޮޑުވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެ މަނިކުފާނު އިތުރަށް ވިދާޅުވީ އެކަން ބަދަލުކުރަން ޖެހޭ ކަމަށް ބުނެ ރާއްޖޭގެ ހުރިހާ ހިސާބެއްގައި އަޑު އުފުލަމުންދާ ކަމަށެވެ. އެމްޑީޕީ އިން އަނެއްކާވެސް ނުކުމެ އޮތީ ރާއްޖެ ހަމަމަގަށް އަޅުވާ އާއްމުންގެ އަޑު އިއްވުން ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބުމާއި އެކު މި ސަރުކާރު ޖަވާބުދާރީކުރުވަން ކުރަން ޖެހޭ ހުރިޙާ ކަމެއް ކުރައްވާނެ ކަމަށް ރައީސް ޞާލިޙު ވިދާޅުވިއެވެ،