ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އަމާޒަކީ ހުދުމުހުތާރުވެރިކަމެއް ރާއްޖޭގައި ގާއިމްކުރެއްވުން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް އަހަރެއް ވެގެންދިޔަ އިރު މި ސަރުކާރާއި ދޭތެރޭގައި ދެކޭގޮތް ބުނަން ވަރަށް ސާފުކަމަށެވެ. އެއީ މި ސަރުކާރުގެ އަމާޒަކީ ހުދުމުހުތާރު ވެރިކަމެއް ރާއްޖޭގައި އަލުން ގާއިމްކުރުން ކަމަށާއި، ބާރުތައް ގެންދަނީ އިންތިހާއަށް މުށުތެރެއަށް ލަމުން ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނާއި، އޭސީސީ މުށުތެރެއަށް ލައިފި. އެމްއެމްއޭގެ ބާރުތައް ރައީސް އޮފީހުގެ ތެރެއަށް ނަގައިފި. މަނިޓަރީ ޕޮލިސީގެ މިނިވަންކަން މުޅިން ނައްތާލައިފި. ބޭންކް އޮފް މޯލްޑިވްސްގެ ތެރެއަށް އަތް ބާނައިފި. އެ ބޭންކުގައި ހުރި ރައްޔިތުންގެ ސޭވިންގ އެކައުންޓުގައި ހުރި ފައިސާއާއި ދޭތެރޭގައި މިއަދު ކަށަވަރު ކަމެއް ނެތް. ނަގާ ބަހަން އެ ތައްޔާރުވަނީ. މަޖިލިސް އެއްކޮސް ހިސޯރުކޮށްފި. ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި އޮތް ރައްޔިތުންގެ ބާރު މުޅިން ދުއްވާލައިފި. މަޖިލީހުގެ މެންބަރުން ވަކިކުރުމުގެ ބާރު ޕާޓީއެއްގައި އޮންނަ ފިޔަވަޅު އަޅާ ކޮމިޓީއަކަށް ދީ ނިންމައިފި.ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު
ރައީސް ޞާލިހުު ވިދާޅުވީ ގާނޫނު އަސާސީގެ 75 ވަނަ މާއްދާ އަދިވެސް އެބަ އޮތް ކަމަށެވެ. އަދި އެ މާއްދާގައި ބުނަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަމަލުކުރަންވާނީ ގައުމި މަސްލަހަތާއި ރައްޔިތުންގެ ލާބައާއި މަންފާއަށް އިސްކަންދީގެން ކަމަށެވެ. އަދި އެއްވެސް މެންބަރަކު އެމީހަކުގެ ހާއްސަ ގުޅުމެއް އޮތް އެހެން މީހެއްގެ ޒާތީ މަސްލަހަތެއް ކުރިއެރުވުމަށް މަގާމުގެ ބޭނުންކޮށްގެން ނުވާނެ ކަމަށެވެ.
މީގެ އިތުރުން އެމީހުން އިންތިހާބުވި ދާއިރާތައް ތަމްސީލުކުރުމުގައި މުޅި ގައުމާއި ހުރިހާ ރައްޔިތުންގެ ލާބައާއި މަންފާއަށް ރިއާޔަތްކުރަންވާނެ ކަމަށެވެ. ރައިސް ސާލިހު ވަނީ ގާނޫނު އަސާސީއަށް ގެނައި ބަދަލާއެކު މެންބަރުން މިފަދައިން މަސައްކަތް ކުރާނީ ކިހިނެއްތޯ ސުވާލު އުފައްދަވާފައެވެ.
އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިތަނުން ކޮންމެވެސް އެއް މާއްދާއެއް މިތަނުގައި އޮންނަންވާނީ. ރައްޔިތުންގެ ލާބައާއި މަންފާއަށް ގައުމީ މަސްލަހަތު އިސްކޮށްގެން މަސައްކަތް ކުރާނީތޯ ނޫނީ ޕާޓީން ބުނާގޮތަށް މަސައްކަތްކުރާނީތޯ. ދެގޮތުން ކުރެ އެއްގޮތެއް އަޅުގަނޑުމެން ނިންމަންޖެހޭ. މި ދެމާއްދާއަކަށް އެއްތަނުގައި އޮވިދާނެކަމަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ. އަޅުގަނޑު ހިތުން ސުޕްރީމްކޯޓުން މިކަމަށް ރަނގަޅު ނިންމުމެއް، ރައްޔިތުންގެ ތެރޭގައި ބާރު އޮންނާނެ ގޮތަކަށް ސުޕްރީމް ކޯޓުން ގޮތެއް ނިންމާނެ ކަމަށް އަޅުގަނޑު އުއްމީދުކުރަން.ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު
ރައީސް ޞާލިހު ވިދާޅުވީ މި މައްސަލައާއެކު ސަރުކާރުން ދެން ފެނިގެންދާނީ ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރާތަން ކަމަށެވެ. އަދި އެކަން ނުކޮށް ހުއްޓާ ނުލާނެ ކަމަށާއި، ސަރުކާރުގެ ހަގީގީ ސިފަ ފެނިގެންދާނީ އޭރުން ކަމަށެވެ. އަދި އޭގެ ފަހުން މި ސަރުކާރުން ހުދުމުހުތާރުވެރިކަމެއް ރާއްޖޭގައި ކުރާތަން ފެނިގެންދާނެ ކަމަށެވެ.