ކ. މާލެ
|
13 ނޮވެންބަރ 2024 | ބުދަ 17:07
ކުރީގެ ރައީސް ޞާލިހު އެމްޑީޕީގެ 'ފުދިއްޖެ، ފުނޑިއްޖެ' ޖަލްސާގައި ވާހަކަ ދައްކަވަނީ
ކުރީގެ ރައީސް ޞާލިހު އެމްޑީޕީގެ 'ފުދިއްޖެ، ފުނޑިއްޖެ' ޖަލްސާގައި ވާހަކަ ދައްކަވަނީ
އެމްޑީޕީ
ދައުލަތުގެ ރިޒަރވް
ޔާމީންގެ ވެރިކަން ނިމުނު އިރު ރިޒާވްގައި ހުރީ 572 މިލިއަން ޑޮލަރު، ޔޫޒަބަލް ރިޒާވްގައި ހުރީ 162 މިލިއަން ޑޮލަރު، އެސްޑީއެފްގައި ހުރީ 1.9 ބިލިއަން ރުފިޔާ - ޞާލިހު
ދައުލަތުގެ ރިޒާވްއެއް ހުރިއްޔާ އޮތީ ޖީއެމްއާރުއަށް ދީފައި
މިއަދު މި ފެންނަނީ އިގްތިސާދުގެ ކުރިއެރުން ހުއްޓިފައިވާތަން
ވެރިކަމުން ފޭބި އިރުގައި އެސްޑީއެފްގެ ސައިޒަކީ 7.7 ބިލިއަން ރުފިޔާ

ރައީސް ޔާމީންގެ ވެރިކަން ނިމުނު އިރު ރިޒާވްގައި ހުރީ 572 މިލިއަން ޑޮލަރު ކަމަށާއި، ޔޫޒަބަލް ރިޒާވްގައި ހުރީ 162 މިލިއަން ޑޮލަރާއި، އެސްޑީއެފްގައި ހުރީ 1.9 ބިލިއަން ރުފިޔާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހުރޭ ގިނަ ބަޔަކު ހާޒިރުވި އާޓިފިޝަލް ބީޗް ގައި އޮތް ޖަލްސާގައި، ރައީސް ޔާމީން ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވާ އެމަނިކުފާނު ވިދާޅުވީ ވެރިކަމުން ފައިބައިވަޑައިގެންނެވި އިރު 1 ބިލިއަން ޑޮލަރު ރިޒާވުގައި ހުންނާނެކަމަށް ދެއްކެވި ވާހަކައަކީ ބުހުތާނު ދޮގެއް ކަމަށެވެ. ރައީސް ޞާލިހު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަން ނިމި ވެރިކަން ބަދަލުވި އިރު ނޮވެމްބަރު މަހުގައި ދައުލަތުގެ ރިޒާވުގައި ހުރީ 572 މިލިއަން ޑޮލަރު ކަމަށެވެ.

އަދި ޔޫޒަބަލް ރިޒާވުގެ ގޮތުގައި 200 މިލިއަން ޑޮލަރުވެސް ނެތް ކަމަށެވެ.

162 މިލިއަން ޑޮލަރު ހުރީ. މިއީ އެ ދުވަހުގެ ހާލަތު. އެހެން އޮއްވާ ކޮވިޑު އަޅުގަނޑުމެންނާއި ކުރިމަތިވީ. ދައުލަތުގެ ރިޒާވްއެއް ހުރިއްޔާ އޮތީ ޖީއެމްއާރުއަށް ދީފައި. 200 އެތައް މިލިއަން ޑޮލަރެއް. ދެން ކިހިނެއްތޯ ގައުމު ހިންގާނީ. ދައުލަތެއްގެ ވެރިކަމެއްގެ ބޭނުމަކީ ރައްޔިތުންނަށް ޖެހޭ ދަތި ދަނޑިވަޅުގައި އެހީތެރިވެދީ ރިސްކް ނެގުން. އަޅުގަނޑުމެން ކުރީ އެކަންތައް. މުސާރަ ބަރާބަރަށް ދިނިން. ވަޒީފާއަކުން މީހަކު ވަކި ނުކުރަން. ރިސޯޓްތަކުގެ ކުލި ފަސްކޮށްދިނިން. ވިޔަފާރިތަކަށް ލޯނު ދިނިން، އެހީތެރިކަން ދިނިން. މިއަދު މި ހާލަތުގެ ގައުމު މިއޮތީ އެދުވަހު މަސައްކަތް ކުރީމާ. ކެރިގެން މި ދަންނަވަނީ އެއީ އަޅުގަނޑުމެން ކުރި ރަނގަޅު ކަމެއް.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު

ރައީސް ޞާލިހު ވިދާޅުވީ މިއަދު ގައުމު ސަލާމަތްވެފައި އޮތީ އެދުވަހު ކުރި މަސައްކަތުން ކަމަށާއި، 2022 ވަނަ އަހަރު އައި އިރު އިގްތިސާދު އެހިސާބަށް ދިޔައީ އެދުވަހު އެ މަސައްކަތް ކުރުމުން ކަމަށާއި، ނަމަވެސް މިއަދު މި ފެންނަނީ އިގްތިސާދުގެ ކުރިއެރުން ހުއްޓިފައިވާތަން ކަމަށެވެ.

ރައީސް ޞާލިހު މިފަދައިން ވިދާޅުވެފައިވަނީ ކޮވިޑްގެ އާލަމީ ވަބާގައި، ރޭވުންތެރިކަމާއެކު، އެހީތައް ހޯދަ، އިގްތިސާދު ކޮޅަށްޖަހާ ކުރި މަސައްކަތަށް އިޝާރާތްކުރައްވައެވެ. އެގޮތުން އަވަށްޓެރި ގައުމުތަކުން މާލީ އެހީތެރިކަން ހޯދާ، ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދީ، ރިސޯޓްތަކުގެ ކުލި މާފްކުރައްވާ އިގްތިސާދީ އަދި މާލީ ކާރިސާއަކަށް ނުގޮސް އަރައިގަތުމަށް އެއިރުކުރެވުނު މަސައްކަތްތައް ހިމެނެއެވެ.

ކީއްތޯ މިވަނީ. ދުނިޔެއަށް ކާރިސާއެއް ކުރިމަތިވީތޯ. އިގްތިސާދީ ބޮޑު ދަށްޗެއް ކުރިމަތިވީތޯ؟ ފައިނޭންޝަލް ކްރައިސިސްއެއް އައިސްގެން އުޅެނީތޯ؟ ތެލުގެ އަގުބޮޑުވީތޯ؟ މިއިން އެއްވެސްކަމެއްވީއެއް ނޫން. ވެގެން އުޅޭކަމަކީ ހިންގަން ނޭނގުން. މެނޭޖްކުރަން ނޭނގުން.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު

ރައީސް ޞާލިހު ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެން އިރު އެސްޑީއެފްގައި ހުރީ 1.9 ބިލިއަން ރުފިޔާ ކަމަށެވެ. ނަމަވެސް ވެރިކަމުން ފައިބައިވަޑައިގެން އިރުގައި އެސްޑީއެފްގެ ސައިޒަކީ 7.7 ބިލިއަން ރުފިޔާ ކަމަށެވެ.

އެހެންކަމުން އަޅުގަނޑުމެން މި ދަންނަވަނީ މި ގައުމު ބަނގުރޫޓެއް ނުވާނޭ. ހިންގަން ނޭނގިގެން މިއުޅެނީ. 2025 ވަނަ އަހަރު ދައްކަންޖެހެ 500 މިލިއަން ޑޮލަރު ދެއްކޭނެ ގޮތް އަޅުގަނޑުމެން އޮންނާނީ ހޯދާފައި. އެ ފައިސާގެ ބޭނުންކޮށްގެން މި ސަރުކާރު މިއަދު ކުރިއަށްދަނީ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު

ރައީސް ޞާލިހު ވިދާޅުވީ 1 އަހަރު ފުރުނު އިރުގައި ތިބި ހާލާއިމެދު ވިސްނާލަންޖެހޭ ކަމަށެވެ. ދިވެހި ތާރީހުގައި މަސްވެރިން އެންމެ ހާލުގައި އުޅެންޖެހިފައިވާ ދުވަސްވަރަކީ މިއީ ކަމަށާއި، އަގުކުޑަކޮށް ފައިސާކޮޅު ނުދޭ ކަމަށެވެ. މަސްވެރި ސިނާއަތްކޮޅަށް ޖެހުމަށް ފެށި ހުރިހާ މަސައްކަތް މި ސަރުކާރުން ހުއްޓާލާފައިވާ ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

- ކޮމެންޓް