ކ. މާލެ
|
6 އޯގަސްޓް 2017 | އާދީއްތަ 21:27
ހ. ލޮބީ ހުސެއިން ހުމާމް
ހ. ލޮބީ ހުސެއިން ހުމާމް
ގޫގުލް
އަފްރާޝީމްގެ މަރު
ރައީސް ޔާމީން އުޅުއްވަނީ އަފްރާޝީމް އަވަހާރަކުރުމަށް ފަންޑުކުރީ އަދީބު ކަމަށް ދައްކައި، މުޅި ވާހަކަ އޮއްބާލަން: ހުމާމްގެ އާއިލާ
ހުމާމާއި އަދީބު ރިސޯޓެއްގައި ބައްދަލުކުރި ވާހަކައަކީ ދޮގެއް
ރައީސް ޔާމީން އުޅުއްވަނީ ހަގީގަތް އޮޅުވާލައްވަން
އަދީބުގެ ބޮލަށް ހުރިހާ ކަމެއް ޖަހައި، ހުމާމް މަރާލަން

ރައީސް އަބްދުﷲ ޔާމީން އުޅުއްވަނީ، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމަށް ފަންޑުކުރީ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކަމަށް ދައްކައި، އެ މަރުގެ ވާހަކަ އޮއްބާލަން ކަމަށް، އެ މައްސަލައިގައި މެރުމަށް ހުކުމް ކޮށްފައިވާ ހުސެއިން ހުމާމްގެ އާއިލާއިން ބުނެފި އެވެ.

 

ހުމާމްގެ އާއިލާގެ ފަރާތުން ރާއްޖެއެމްވީއާ ވާހަކަ ދެއްކި މީހަކު ބުނީ ރައީސް ޔާމީން އުޅުއްވަނީ އަދީބާއި ހުމާމް "ލިންކު" ކުރުމަށް ފަހު އަފްރާޝީމްގެ މަރުގެ މައްސަލަ ނިމުނީ ކަމަށް ދައްކައި ރައްޔިތުންގެ ލޮލުގައި އަނދުނެއް އަޅުވަން ކަމަށެވެ. އެގޮތުން، ހުރިހާ ރައްޔިތުން ވެސް ސުވާލު އުފައްދަމުން ދަނީ އަފްރާޝީމް އަވަހާރަކޮށްލުމަށް ފަންޑުކުރީ ކާކުކަން ނޭނގިގެން ކަމަށާއި، ރައީސް ޔާމީން އުޅުއްވަނީ އެކަން އަދީބުގެ ބޮލަށް "ކަނޑާލަން" ކަމަށް އޭނާ ބުންޏެވެ.

 

ހުމާމުގެ އާއިލާއިން މިހެން ބުނެފައިމިވަނީ، އަފްރާޝީމުގެ މަރުގެ މައްސަލައިގައި ހުމާމު ހައްޔަރުކޮށްފައިވަނިކޮށް ދައުލަތުގެ އެއިރުގެ އިސް ފަރާތަކުން ސިއްރުން އޭނާއާ ރިސޯޓެއްގައި ބައްދަލުކޮށްފައިވާ ކަމަށް ރައީސް ޔާމީން އާދިއްތަ ދުވަހު ވިދާޅުވެފައިވަނިކޮށެވެ. ރައީސް ޔާމީން އެހެން ވިދާޅުވުމުގެ ކުރިން، 2014 ވަނަ އަހަރުގެ ތެރޭގައި ހުމާމާއި އަދީބު ބައްދަލުކޮށްފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަތަކެއް ފެތުރިފައިވެއެވެ.

 

"އަފްރާޝީމްގެ މަރުގެ މައްސަލައިގައިވެސް އަޅުގަނޑަށް މިހާރު ލިބިިގެން އުޅޭ މައުލޫމާތަކީ މި މައުލޫމާތަކަށް ހެކިދޭ، ނުވަތަ ދަލީލު ދޭ ކަންތައްތައްވެސް އެބަހުރި. ދިވެހި ދައުލަތުގެ އޭރުގެ އިސް ބޭފުޅަކު ވަރަށް އިސް ބޭފުޅަކު، ހުމާމު ޖަލުގައި ހުއްޓައި ޖަލުން ބޭރަށް ނެރެގެން، ރިސޯޓެއްގައި އޭނާއާ ބައްދަލުކުރި. އޭނާއާ ބައްދަލުކުރި ހުރިހާ މައުލޫމާތެއް އެ ރިސޯޓުގައި އެވަގުތު ތިބި މާފުށީ ޖަލުގެ ދެގާޑުން ހެކިބަސްދީފައި އެބަ ހުރި. ސްޓޭޓްމެންޓެއްވެސް ފުލުހުން ވަނީ ނަގާފަ. އެކަކު އެބަ އޮތް ބަޔާނެއް ދީފަ. އަޅުގަނޑު ބަލަން އެބަޖެހޭ، ކީއްވެގެންތޯ ޖަލުގައި ގާއިދީއަކު ހުއްޓާ ގަވައިދާ ހިލާފަށް އޭނާއާ ބައްދަލުކުރެއްވީ. އެ ބެލީމަ އެނގޭނީ ހަގީގަތުގައި އަފްރާޝިމް މަރާލަން ޝައުގުވެރިކަން ހުރީ ކޮން ބައެއްތޯ." ރައީސް ޔާމީން ވިދާޅުވި އެވެ.

 

ހުމާމުގެ އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހާ ބުނީ ހުމާމްއާއި އަދީބު ބައްދަލުކުރި ކަމަށް ބުނެ ރައީސް ޔާމީން ހައްދަވަނީ އިތުރުފުޅެއް ކަމަށާއި، ހުމާމް ހައްޔަރުކުރި ފަހުން ހަމައެކަނި ގެންގޮސްފައިވަނީ ފޭދޫފިނޮޅަށް ކަމަށެވެ. އަދި ފޭދޫފިނޮޅަށް ގެންދިޔައީ އަފްރާޝީމްގެ އާއިލާ މެންބަރުންގެ ކުރިމަތީގައި ހުމާމް ލައްވާ ކުށަށް އިއުތިރާފްކުރުވަން ކަމަށް ވެސް އޭނާ ބުންޏެވެ. އަދި އެންމެ ދެ ގާޑުންނަށް އެނގިގެން ޖަލުން ގައިދީއަކު ނެރެގެން ރިސޯޓަކަށް ގެންދެވިދާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށް ވެސް އޭނާ ބުންޏެވެ.

 

އޭނާ ބުނީ އަފްރާޝީމްގެ މައްސަލަ އެއްކޮށް އޮއްބާލުމަށް މިހާރު ހަމައެކަނި މަދުވަނީ ފަންޑު ކުރި މީހެއް ކަމަށާއި، އެހެންކަމުން ރައީސް ޔާމީން މަސައްކަތް ކުރައްވަމުން ގެންދަވަނީ އަފްރާޝީމް މަރާލުމަށް އަދީބު ފަންޑުކުރި ކަމަށް ދައްކައި، މިކަން ނިންމާލުމަށް ކަމަށެވެ. އަފްރާޝީމްގެ ވާރިސުން ވެސް ބޭނުން ވަނީ މަރުގެ އަޑީގައި ހުރީ ކާކުކަން ދެނެގަންނަން ކަން ފާހަގަކޮށް އޭނާ ބުނީ، އެހާ ހިސާބުން ހުމާމް މަރާލުމަށް އެއްވެސް ހުރަހެއް ނޯންނާނެ ކަން ރައީސް ޔާމީނަށް އެނގިވަޑައިގަންނަވާ ކަމަށެވެ.

 

މީގެ އިތުރުން އޭނާ ބުނީ އާއިލާއަށް ހުމާމާ ބައްދަލުނުކުރެވޭތާ އަދި ފޯނު ކޯލެއް ވެސް ނުކުރެވޭތާ ތިން މަހަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށެވެ. އަދި ބައްދަލުކުރަން އެދުމުން، ބައްދަލުނުކުރެވޭނެ ކަމަށް އަންގާފައިވާ ކަމަށާއި ސަބަބެއް ވެސް ހާމަކޮށްފައިނުވާ ކަމަށް އޭނާ ބުންޏެވެ.

 

ހުމާމްގެ އާއިލާއިން ކުރި ތުހުމަތުތަކާ ގުޅިގެން، ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވީ "ދޭދޭ ވާހަކަތަކަށް" ކޮމެންޓް ކުރަން ބޭނުންނުވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
6 އޯގަސްޓް 2017 | އާދީއްތަ 23:28
ގައުމުގެ ހާލަތު
. culprit will revealed in front of everyone.insha Allah.