ކ. މާލެ
|
18 އޭޕްރިލް 2024 | ބުރާސްފަތި 15:02
އެމްޑީޕީގެ އިސް އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު
އެމްޑީޕީގެ އިސް އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު
އަދުގެ ސަރުކާރުގެ ބަހާއި އަމަލު ދިމާނުވުން
މި ސަރުކާރު ވެރިކަމަށް އައިސް މުޅި ޤައުމު ހުއްޓުމަކަށް ގެނެސްފި - ރައީސް ސާލިހު
ރައްޔިތުންގެ ވިސްނުމާއި އެއްގޮތަށް ކަންކަން ކުރެވޭނީ ރައްޔިތުންގެ ޚިޔާލު ދަންނަ މެންބަރުން މަޖިލީހުގައި ތިބެގެން ކަމަށް ވިދާޅުވި
މި ސަރުކާރުން ވެރިކަމަށް އަންނަން ދެއްކި ވާހަކަ އާއި ވެރިކަމަށް އައިސް އަމަލުކުރާ ގޮތާއި އެއް ގޮތަކަށް ވެސް ދިމާ ނުވާ ކަމަށް ވިދާޅުވި
ސިޔާސީ ވިސްނުމާއި ފިކުރާއި ގުޅިގެން ނިމިދިޔަ ސަރުކާރުގައި އެއްވެސް މީހަކަށް ބިރުވެރިކަމެއް ނޯންނާނެ ކަަމަށް ރައީސް ސާލިހު ވިދާޅުވި

މި ސަރުކާރު ވެރިކަމަށް އައިސް މުޅި ޤައުމު ހުއްޓުމަކަށް ގެނެސްފައިވާ ކަމަށް އެމްޑީޕީގެ އިސް އެޑްވައިޒަރު އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީއިން ކުރަމުންދާ މަޖިލިސް އިންތިޚާބުގެ ކެމްޕެއިނަށް ހދ.ހަނިމާދޫ އަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސާލިހު ވިދާޅުވީ ރައްޔިތުންގެ ވިސްނުމާއި އެއްގޮތަށް ކަންކަން ކުރެވޭނީ ރައްޔިތުންގެ ޚިޔާލު ދަންނަ މެންބަރުން މަޖިލީހުގައި ތިބެގެން ކަމަށެވެ. އަދި މި ސަރުކާރުން ވެރިކަމަށް އަންނަން ދެއްކި ވާހަކަ އާއި ވެރިކަމަށް އައިސް އަމަލުކުރާ ގޮތާއި އެއްގޮތަކަށް ވެސް ދިމާ ނުވާ ކަމަށް ފާހަގަކުރައްވާ އެމަނިކުފާނު ވަނީ ސަރުކާރަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ވެރިކަަމަށް ވަޑައިގެން ކޮށްދެއްވާނެ ކަމަށް ވިދާޅުވި ކަންކަން މިހާރު ރައީސް ޑރ.މުހައްމަދު މުއިއްޒު ހަނދުމަފުޅު ނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ސަރުކާރު ވެރިކަމަށް އައިސް މިސްރާބު ޖަހާފައި ވަނީ ކޮންމެ ދުވަހަކު ވެސް މަޖިލީހުގައި ސަރުކާރުގެ ޢަމަލުތަކާއި މެދު ސުވާލުކުރަން ޖެހޭ ފަދަ ގޮތަކަށް ކަމަށް ވެސް ރައީސް ސާލިހު ވިދާޅުވިއެވެ.

މި ސަރުކާރުގެ ހިންގުމުގެ ސިޔާސަތުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ސިޔާސީ ވިސްނުމާއި ފިކުރާއި ގުޅިގެން ނިމިދިޔަ ސަރުކާރުގައި އެއްވެސް މީހަކަށް ބިރުވެރިކަމެއް ނޯންނާނެ ކަަމަށެވެ. ނަމަވެސް އެއާ ޚިލާފަށް މި ވެރިކަމުގައި ވަޒީފާގެ ބިރުވެރިކަން އިންތިހާ އަށް އެބައޮތް ކަމަށާއި އެއީ އިންތިހާ އަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ބައެއް ވުޒާރާތަކުގައި 30 ނުވަތަ 40 ސްޓޭޓް މިނިސްޓަރުން ތިބި އިރު އެ ފެންވަރުގެ ވަޒީފާތައް ލިބިފައިވާ މީހުން އިށީންނާނެ ތަންކޮޅެއް ވެސް ނެތް ވުޒާރާތައް އެބަ ހުރި ކަަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ޖަލްސާގައި ރައީސް ސާލިހު ދެއްކެވި ވާހަކަފުޅުގައި ހަނިމާދޫ ދާއިރާގައި ނިމިދިޔަ ސަރުކާރުން ފެށި މަޝްރޫޢުތަކަށް އަލިއަޅުވާލެއްވިއެވެ. އެގޮތުން ބޮޑުތިލަދުންމައްޗަށް ބޮޑު ބަދަލެއް ގެނައުމަށް ނިމިދިޔަ ސަރުކާރުން ވިސްނި ކަމަށާއި އޭގެ ތެރެއިން ގިނަ ކަންކަން ހަނިމާދޫގައި ކުރިއަށް ގެންދެވި ކަމަށް ވިދާޅުވިއެވެ. އެގޮތުން މަގު ހެދުމާއި އެއާޕޯޓްގެ މަސައްކަތް ހިމެނޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ސާލިހު ވިދާޅުވީ މިއީ ބޮޑުތިލަދުންމަތީ ރައްޔިތުންގެ އުންމީދު ބޮޑު ޕްރޮޖެކްޓުތަކަކަށް ވުމާއެކު، މި ޕްރޮޖެކްޓްތަކަށް ދެން ވެގެންދާނެ ގޮތަކާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

- ކޮމެންޓް