ކ. މާލެ
|
17 އޭޕްރިލް 2024 | ބުދަ 08:43
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު
އެމްޑީޕީ
މަޖިލިސް ކެމްޕޭން
އަރާ ކޮންމެ ރަށަކުން ފެންނަނީ މާކަނާއެއްހެން ތުންގަނޑު ބިމަށް ހަރައިގެން ހުރި އެސްކަވޭޓަރުތަކެއް - ރައީސް ސާލިހު
 
ކުދިކުދި ރަށްރަށުގައި ހިންގަން ފަށާފައި ހުރި މަޝްރޫއުތައް ހުރީ މުޅިން ހުއްޓާލާފައި
 
ބޭރުން ޑްރެޖަރެއް ކުއްޔަށް ހިފައިގެން ގެނެސް މިހެން ހުރި ކުދި އާބާދީތަކުގެ ބިން ހިއްކީ އަޅުގަނޑު
 
ކުދިކުދި ރަށްތައް ތަރައްގީކުރުމުގެ ސިޔާސަތެއް މި ސަރުކާރުގައި ނެތް

އަންނަ އާދީއްތަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް މިހާތަނަށް ވަޑައިގެންނެވި ކޮންމެ ރަށަކުން ވެސް ފެނިވަޑައިގަތީ މާކަަނައެއްހެން ތުންގަނޑު ބިމަށް ހަރައިގެން ހުރި އެސްކަވޭޓަރުތަކެއް ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް އއ. ބޮޑުފޮޅުދޫއަށް ވަޑައިގެން ބޭއްވި ޖަލްސާގައި ރައީސް ސާލިހު ވިދާޅުވީ ކުދި ރަށްތައް ތަރައްގީކުރުމަކީ އެމްޑީޕީގެ ސިޔާސަތެއް ކަމަށާއި، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް އެމްޑީޕީއަށް މެޖޯރިޓީ ބޭނުންވަނީ އެ ސަބަބަށްޓަކައި ކަމަށެވެ.

ރައީސް ސާލިހު ވިދާޅުވީ ކުދިކުދި ރަށްތައް ތަރައްގީކުރުމުގެ ސިޔާސަތެއް މި ސަރުކާރުގައި ނޯންނާނެ ކަމަށާއި، އެމްޑީޕީގެ މެންބަރުން މަޖިލީހުގައި ތިއްބަވައިގެން ޖެހޭނީ އެކަންކަމަށް ބާރުއަޅަން ކަމަށާއި، އެހެން މީހަކު ނާންނާނެ ކަމަށެވެ.

މިރަށުގެ ބިންހިއްކުމާއި ގުޅޭގޮތުން އަޅުގަނޑުވި ވައުދު ފުއްދުމަށްޓަކައި އަޅުގަނޑާއި އެންމެ ގިނައިން ބައްދަލުކުރެއްވި ބޭފުޅުންނަކީ މަނިކުއާއި ސުޖާ، އެހެން މީހަކު ނޫން. އެހެންވީމާ އެ އަރާފައި އޮތް އޮޅުން މި ސާފުކޮށްލީ. ދައުރު ނިމެމުން ދިޔައިރުގައި، ވަރަށް ބައިވަރު ޕްރޮޖެކްޓްތައް ހިނގަމުންދިޔަ އިރުގައި ބޭރުން ޑްރެޖަރެއް ކުއްޔަށް ހިފައިގެން ގެނެސް މިހެން ހުރި ކުދި އާބާދީތަކުގެ ބިން ހިއްކީ އަޅުގަނޑު. އެހެން މީހެއް ނޫން. އެއީ އަޅުގަނޑުވެސް ގަބޫލުކުރާ ސިޔާސަތުކަމަށް ވާތީ. އަޅުގަނޑަށް ގަބޫލުކުރެވުނު އަޅުގަނޑުމެން ނެތް ދުވަހެއްގައި މި ރަށްތަކަށް ވެގެންދާނެ ގޮތް.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު

ރައީސް ސާލިހު ވިދާޅުވީ ކެމްޕޭނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގައި ކުދިކުދި ރަށްރަށަށްވެފައި ހުރިގޮތް ފެނިވަޑައިގަންނަވާ ކަމަށެވެ. އަދި ކުދިކުދި ރަށްރަށުގައި ހިންގަން ފަށާފައި ހުރި މަޝްރޫއުތައް ހުރީ މުޅިން ހުއްޓާލާފައި ކަމަށެވެ.

ރައީސް ސާލިހު ވިދާޅުވީ ރަށްރަށުން ފެންނަމުންދަނީ މާކަނައެއްހެން ތުންގަނޑު ވިލިގަނޑަށް ޖަހާފައި ހުރި އެސްކަވޭޓަރުތަކެއް ކަމަށެވެ. އަދި މިއީ މި ސަރުކާރުގެ ސިޔާސަތުތަކަމަށެވެ. އަދި މަތިވެރިފިނޮޅު މަތިވެރިއަށް ހޯދައި ދިނުމަށްޓަކައި މަސައްކަތް ކުރީ މަތިވެރި ދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓް އަހުމަދު އަސްލަމް ކަމަށާއި، އެހެން އެއްވެސް މީހެއް ނޫން ކަމަށެވެ.

ރައީސް ސާލިހު ވިދާޅުވީ މި ސަރުކާރުން މިއަދު ކުރާ ކަމެއް މާދަމާ ބަދަލުކޮށްފާނެ ކަމަށާއި، ފެންނަމުންދަނީ ވެސް އެފަދަ މަންޒަރުތަކެއް ކަމަށެވެ. އެހެންކަމުން މިކަންކަން ބަދަލުނުކޮށް ހިފަހައްޓާ ނިންމާފައި ހުރި ކަންކަން ތަންފީޒުކުރުމަށް އެމްޑީޕީގެ މެންބަރުން މަޖިލީހަށް އިންތިހާބުކުރަންޖެހޭ ކަމަށެވެ.

ކޮމެންޓް