ކުދި ރަށްތައް ތަރައްޤީކޮށް، ކުދި އާބާދީތަކަށް ބޭނުންވާ ކަންކަމަކީ އެމްޑީޕީގެ ސިޔާސަތެއް ކަަމަށާއި އެހެން ބަޔަކު އެކަން ނުކުރާނެ ކަަމަށް އެމްޑީޕީގެ އިސް އެޑްވައިޒަރ އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އެފަދައިން ވިދާޅުވީ އއ.ބޮޑުފުޅަދޫގައި ވާހަކަދައްކަވަމުންނެވެ. އެ މަނިކުފާނު ވިދާޅުވީ އެއް ރަށަކުން އެ މަނިކުފާނަށް އެންމެ ބޮޑު އަޣުލަބިއްޔަތެއް ލިބުނީ އެ ރަށުންކަން ފާހަގަކުރައްވާ ކުރީގެ ރައީސް ޞާލިހު ވިދާޅުވީ އެއީ އެ މަނިކުފާނު ވެރިކަމުގައި ނެތަސް ބަލައިގަންނާނެ ކަމެއް ކަމަށާއި އެކަން ހަނދާން ބަހައްޓަވާނެ ކަމަށެވެ. އިތުރަށް އެ މަނިކުފާނު ވިދާޅުވީ އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް އެމަނިކުފާނު ވެރިކަމުގައި ހުންނެވި އިރު ދަންނަވާފައިވާނެ ކަމަަށެވެ. އެހެންނަމަވެސް އެމްޑީޕީ ނޫން ވެރިކަމެއްގައި ކުދި އާބާދީތަކަށް އިސްކަން ނުދޭ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އެގޮތުން މިހާރުގެ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ބަސްމަގު ވެސް ހުރީ އެގޮތަަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ސަރުކާރުގެ ސިޔާސަތަކީ ވެސް އެއީ ކަަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިއީ ރައްޔިތުން ވަރަށް ފުންކޮށް ވިސްނަން ޖެހޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެމްޑީޕީ އާއި ދެކޮޅަށް ދެވޭ ވޯޓަކީ ކުދި އާބާދީތައް ތަރައްޤީ ކުރުމާއި ދެކޮޅަށް ދެވޭ ވޯޓެއް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. މި ސަރުކާރަކީ ކުދި ރަށްތައް ތަރައްޤީ ކުރާނެ ސަރުކާރެއް ނޫން ކަަމަށާއި އެކަންކަމަށް ބާރު އެޅޭނީ އެމްޑީޕީގެ މެމްބަރުން މަޖިލީހުގައި ތިބެގެން ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ. ކުދި އާބާދީތަކަށް ބޭނުންވާ ކުރިއެރުން ހޯދަން ވެރިކަމުގައި ހުރި ވަރަށް ބޮޑު އިސްކަމެއް ދެއްވާފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެމްޑީޕީގެ ވެރިކަމެއްގައި ނޫނީ އެ ސިޔާސަތު ކުރި ނާރާނެ ކަން މިހާތަނަށް މި ސަރުކާރުން އަމަލުކުރި ގޮތުން އެނގެން އޮތް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.