ކ. މާލެ
|
15 އޭޕްރިލް 2024 | ހޯމަ 17:16
އިސްރާއީލުގެ ވައިގެ ސިފައިންގެ ހަނގުރާމަމަތީ މަތިންދާބޯޓެއް -- ފޮޓޯ: އޭއެފްޕީ
އިސްރާއީލުގެ ވައިގެ ސިފައިންގެ ހަނގުރާމަމަތީ މަތިންދާބޯޓެއް -- ފޮޓޯ: އޭއެފްޕީ
އިސްރާއީލުން އީރާނަށް ހަމަލާދިނުން
އިސްރާއީލުން އީރާނަށް ރައްދުދޭނެ، އެކަމަކު ނޭނގެނީ ރައްދުދޭނެ ވަގުތެއް: ތަޖުރިބާކާރުން
 
އިރާނޫން ދިން ހަމަމަލާއަކީ ކޮންޓްރޯލްކޮށްގެން އީރާނުން ދީފައިވާ ހަމަލާއެއް ކަމަށް ތަޖުރިބާކާރުން ބުނޭ

އީރާނުން ދިން ޑްރޯން އަދި މިސައިލް ހަމަލާއާ ދެކޮޅަށް އިސްރާއީލުން ކޮންމެވެސް ހިސާބެއްގައި ބަދަލު ހިފާނެކަން ގާތްގަނޑަކަށް ޔަގީންވެފައިވާ އިރު، ސުވާލަކީ ކިހިނެއް އަދި ކޮން އިރަކުތޯ އުފެދޭ ސުވާލު ކަމަށް ސަލާމަތީ ތަޖުރިބާކާރުން ބުނެއެވެ.

ޣައްޒާ ހަނގުރާމައިގެ ސަބަބުން މިހާރުވެސް އެ ސަރަހައްދު ހަލަބޮލިވެފައިވާ މި ދަނޑިވަޅުގައި އިސްރާއީލުގެ އެންމެ އިސް ބައިވެރިޔާ އެމެރިކާއިން ވަނީ އިސްރާއީލަށް އަސްކަރީ ޖަވާބެއް ނުދިނުމަށް ގޮވާލާފައެވެ.އަދި ރައްދު ހަމަލާއެއްގައި ބައިވެރިނުވާނެކަމަށް އެމެރިކާއިން ބުނެފައި ވެއެވެ.

ސަލާމަތީ މާހިރުން އޭއެފްޕީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އިސްރާއީލުން ބަދަލުހިފާނެކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށާއި ނަމަވެސް އިސްރާއީލާއި އެގައުމުގެ އިއްތިހާދުތަކަށް ހުރި ބޮޑެތި ނުރައްކާތަކާއި މެދުއިރުމައްޗަށް ކުރާނެ ނޭދެވޭ އަސަރުތަކަށް ވެސް އިޝާރާތް ކުރައްވާ ކަމަށެވެ.

އިސްރާއީލުން ބަދަލު ހިފާނީ ކީއްވެ؟

އިސްރާއީލާއި އިސްލާމިކް ރިޕަބްލިކް އޮފް އީރާނަކީ އެތައް އަހަރެއް ވަންދެން، ދެކޮޅުވެރިވެ އަދި ޕްރޮކްސީ ބާރުތައް މެދުވެރިކޮށް، މީހުން މެރުމާއި، ހަތިޔާރު އެޅި ހަމަލާތަކާއި، ހަރުކަށި ފިކުރުގެ ހިޔަނި ހަނގުރާމައެއް ކުރަމުން އަންނަ ހަރުކަށި ދުޝްމަނުންނެވެ.

ހޮނިހިރު ދުވަހުގެ ރޭ އީރާނުން ވަނީ ފުރަތަމަ ފަހަރަށް އިސްރާއީލަށް ސީދާ ހަމަލާދީ އެތައް ސަތޭކަ މިސައިލާއި ޑްރޯންގެ ރާޅެއް ފޮނުވާލާފައެވެ.

ގާތްގަނޑަކަށް އެ ހުރިހައި ޑްރޯންތަކަކާއި، މިސައިލެއް ވެސް އިސްރާއީލާއި އެ ޖަމާއަތުގެ ބައިވެރިން ހުއްޓުވި ނަމަވެސް، އެ ހަމަލާގެ ސަބަބުން ދެ ގައުމުގެ ގުޅުން އަލުން ވަރަށްބޮޑަށް ގޯސްވެފައިވާ ކަމަށް ސެކިއުރިޓީ ކޮންސަލްޓަންޓް ސްޓެފަން އޮޑްރެންޑް ވިދާޅުވިއެވެ.

އީރާނުން ބުނީ އީރާނުން ހަމަލާ ދީފައިވަނީ ސޫރިޔާގެ ވެރިރަށް ދިމިޝްގުގައި ހުންނަ ތެހެރާނުގެ ކޮންސިއުލޭޓް އިމާރާތަށް އޭޕްރީލް މަހުގެ އެއްވަނަ ދުވަހު ދިން ނުރައްކާތެރި ވައިގެ ހަމަލާއާ ގުޅިގެން ކަމަށާއި އެ ހަމަލާގެ ތުހުމަތު އިސްރާއީލުގެ ބޮލުގައި އެޅިފައިވާ ކަމަށެވެ.

އެ ހަމަލާގައި އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންގެ ހަތް ބޭފުޅަކު މަރުވެފައިވާއިރު، އޭގެ ތެރޭގައި އިސް ދެ ޖެނެރަލުން ވެސް ހިމެނިވަޑައިގަންނަވައެވެ.

"އިސްރާއީލުންދަނީ އެހެން ގައުމުތަކުގެ އިސްތިޤުލާލާ މިނިވަރަންކަމަށް އަރައިގަންނަމުން، މިއީ ބަލައިގަނެވޭނެ އަމަލެއްނޫން"
ސެކިއުރިޓީ ކޮންސަލްޓަންޓް ސްޓެފަން އޮޑްރެންޑްވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިސްރާއީލުގެ ހަގީގަތްތަކުން އެގައުމުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ރިއެކްޓް ނުކުރެވޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

އިންސްޓިޓިއުޓް ފޯ ނޭޝަނަލް ސެކިއުރިޓީ ސްޓަޑީޒް (އައިއެންއެސްއެސް) ގައި އިސްކޮށް ހުންނެވި އިސްރާއީލުގެ އަސްކަރީ އިންޓެލިޖެންސްގެ ކުރީގެ ވެރިޔާ ތަމީރު ހައިމަން ވެސް ވަނީ އިސްރާއީލުން ކޮންމެވެސް ހިސާބަކުން ރައްދު ދޭނެކަން ޔަގީން ކަމަށް ވިދާޅުވެފައެވެ.

އިސްރާއީލުގެ ޖަވާބެއް އަންނާނީ އީރާނުގެ ބިމުގައި،"
ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި އޭނާ އަންދާޒާ ކުރެއްވިއެވެ.

ޓާގެޓަކީ ކޮބައިހެއްޔެވެ؟

އައިއެންއެސްއެސް އީރާން ޕްރޮގްރާމްގެ އިސްވެރިޔާ އަދި މޮސާޑްގެ ކުރީގެ އެޖެންޓެއް ކަމަށްވާ ސިމާ ޝާއިން ވިދާޅުވީ "އިސްރާއީލުން ބަދަލު ހިފާނަމަ އެކަން ކުރާނީ ހަމަ އޮނިގަނޑުގެ ތެރެއިންކަމަށާއި، ހަމަލާތައް އަމާޒުކުރާނީ އަސްކަރީ ތަންތަނަށް ކަމަށެވެ. މަދަނީ ސަރަހައްދުތަކަށް އެއްވެސް ހަމަލާއެއް ނުދޭނެ ކަމަށާއި، އިގްތިސާދީ ތަންތަނަށް ޓާގެޓް ނުކުރާނެކަމަށެ." ކަމަށެވެ.

އޮޑްރެންޑް ވިދާޅުވީ، އިތުރަށް ހަމަނުޖެހުން އުފެދުމުގެ ނުރައްކާ ކުޑަކުރުމަށްޓަކައި، "އިސްރާއީލުން ޖެހޭނީ ކޮންވެންޝަނަލް ސައިޓްތަކަށާއި، މިސައިލް ފޮނުވާލި ސައިޓްތަކަށާއި، ޑްރޯން ފެކްޓްރީތަކަށް ހަމަލާދިނުމަށް" ކަމަށެވެ.

ގުދުސްގެ ހިބްރޫ ޔުނިވާސިޓީގެ ޓްރޫމަން އިންސްޓިޓިއުޓްގެ އީރާނުގެ ސްޕެޝަލިސްޓެއް ކަމަށްވާ މެނަހެމް މެރަވީ ވިދާޅުވީ އީރާނުގެ ހަމަލާ އަކީ "އިސްރާއީލުގެ ފަރާތުން ގިނަ އަދަދެއްގެ މީހުން މަރުވިޔަ ނުދިނުމަށް" ކެލިބްރޭޓް ކޮށްފައިވާ ހަމަލާއެއް ކަމަށް ބެލެވޭ ކަމަށެވެ.

ޖެނީވާގައި ހުންނަ އަރަބް އެންޑް މެޑިޓެރޭނިއަން ވޯލްޑްގެ ސްޓަޑީ އެންޑް ރިސާޗް ސެންޓަރުގެ ހަސްނީ އާބިދީ ވަނީ އިސްރާއީލަށް ހަމަލާދިނީ "ކޮންޓްރޯލް ކޮށްގެން" ކަމަށް އެއްބަސްވެފައެވެ.

އާބިދީ ވިދާޅުވީ އީރާނުގެ ހާއްސަ މަގްސަދަކީ "އީރާނުގެ ނިއުކްލިއާ ޕްރޮގްރާމަށް ނުރައްކާވެދާނެ ފަދަ ބޮޑު ޖަވާބެއް އިސްރާއީލުން ދިނުމުން ސަލާމަތްވުން" ކަމަށެވެ.

އީރާނާއި އިސްރާއީލާ ދެމެދު ނުތަނަވަސްކަން އުފެދިފައިވާތާ އެތައް އަހަރެއް ވެފައިވާއިރު، އީރާނުން ނިއުކްލިއާ ހަތިޔާރު ހޯދަން އުޅޭ ކަމަށް އިސްރާއީލުން ތުހުމަތު ކުރާ އިރު، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ކުރިއަށްގެންދާ ކަމަށް ބުނާ ވާހަކަތައް ވަނީ ދޮގުކޮށްފައެވެ.

އީރާނުން އެޓޮމިކް ބޮން ހޯދަން މަސައްކަތް ކުރާ ކަމަށް ބުނެ ގިނަ ދުވަސްތަކެއް ވަންދެން ކަންބޮޑުވުން ފާޅުކުރައްވަމުން ގެންދަވާ ނަތަންޔާހޫ އިސްކޮށް ހުންނެވީ ހަރުކަށި ފިކުރުގެ ކޯލިޝަންގެ ބައިވެރިންނާއެކު ހަލަބޮލި ސަރުކާރެއްގައި ކަން އޮޑްރާންޑް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ ނަތަންޔާހޫ ސިޔާސީ ގޮތުން ބާރުގަދަ ކުރުމަށް ކުޅެމުންދާ ކުޅިއަކީ ނިއުކްލިއާ މައްސަލަ އިތުރަށް ހޫނުވުމުގެ ބިރު އެބައޮތް ކަމަށް ވިދާޅުވެ ބިރުގެންނެވުމުގެ ސިޔާސީ ކުޅިއެވެ.

އިސްރާއީލުންދީފާނެ ރައްދުގައި އޮތް ނުރައްކާތަކަކީ ކޮބައިހެއްޔެވެ؟

ތެލްއަވީވް ޔުނިވާސިޓީގެ އެލަޔަންސް ސެންޓާ ފޯ އިރާނިއަން ސްޓަޑީޒްގެ ޑިރެކްޓަރު މީރް ލިޓްވަކް ވިދާޅުވި ގޮތުގައި އިރާނުގެ ހަމަލާގެ ޖަވާބު އިސްރާއީލުން މާ ހަރުކަށިކޮށް ދީފި ނަމަ، އިތުރަށް ހަނގުރާމަ ފުޅާވެދާނެ ހާލަތަކަށް އައުމުގެ ފުރުސަތު އެބައޮތެވެ.

މެރަވީ ވިދާޅުވީ އިސްރާއީލަށް ދިން ހަމަލާތައް ހުއްޓުވައި އެގައުމުގެ ދިފާއުގައި އެހީވާން އައި އެގައުމުގެ ބައިވެރިންގެ މަގާމުތަކަށް އިސްރާއީލުން ރިއާޔަތް ކުރަން ޖެހޭ ކަމަށެވެ.

"ސުވާލަކީ އީރާނަށް ފާޅުގައި ހަމަލާދީގެން އިސްރާއީލުން ހާޞިލްކުރަން ބޭނުން ލަނޑުދަނޑިތައް ހާޞިލް ވެދާނެތޯ،"
މެރަވީ ވިދާޅުވިއެވެ.

އެހެން އޮބްޒާވަރުންނެކޭ އެއްފަދައިން ލިޓްވަކް ވެސް ވިދާޅުވީ ފުޅާ ހަނގުރާމައެއްގެ ނުރައްކާ ވަރަށް ބޮޑަށް ބަރޯސާވަނީ އިސްރާއީލުގެ ރައްދުގެ މައްޗަށް ކަމަށެވެ.

އޭނާ ވިދާޅުވީ ޣައްޒާގައި ހަމާސް ޖަމާއަތާ ދެކޮޅަށް ހަނގުރާމަ ކުރަމުން އަންނައިރު އީރާނާއެކު ސަރަހައްދީ ހަނގުރާމައެއް ފެށުމަކީ އިސްރާއީލުގެ މަސްލަހަތު އޮތް ކަމެއް ނޫން ކަމަށާއި މިއީ އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން ވެސް ދެކޮޅު ހަދާނެ ފިޔަވަޅެއް ކަމަށެވެ.

އަދި އެކަމުގެ ސަބަބުން އިސްރާއީލަށް ދިގު މުއްދަތަކަށް ގެއްލުންތަކެއް ލިބި ނުބައިނަތީޖާތަކެއް ނުކުންނާނެ ކަމުގެ އިންޒާރު ވެސް އޭނާ ދެއްވިއެވެ.

އީރާނުގެ ހަމަލާ ނާކާމިޔާބުކުރުމުގައި އިސްރާއީލުގެ ބައިވެރިންގެ ދައުރަކީ، އަވަށްޓެރި އުރުދުންފަދަ އެކުވެރި ގިނަގައުމުތަކެއްގެ ދައުރެވެ. މިކަމުން އެނގެނީ އިސްރާއީލަކީ އެކަނިއޮތް ގައުމެއް ނޫންކަމާއި، އެހެންކަމުން މިނިވަންކަމާއެކު މަސައްކަތް ނުކުރެވޭނެކަން ކަމަށްވެސް މޮސާޑްގެ ކުރީގެ އެޖެންޓް ޝައިން ވިދާޅުވިއެވެ.

"އިސްރާއީލަށް ބަދަލު ނުހިފޭނެ ކަމަށް އަޅުގަނޑަށް ހީވަނީ އެމެރިކާގެ މީހުންނާ މަޝްވަރާ ކޮށްގެން ނޫނީ، އެއީ ހަމައެކަނި ކޮންސަލްޓެންޓް ކުރުމެއް ނޫން، ވޮޝިންޓަންގެ ރުހުން ހޯދުންވެސް ހިމެނޭނެ" އެކަމަނާ ވިދާޅުވި އެވެ.

އިސްރާއީލުން އީރާނަށް އިތުރު ހަމަލާއެއް ނުވަތަ ހަމަލާތަކެއް ދީފިނަމަ ދެން ދޭންއޮތް ޖަވާބު މާނުރައްކާވެފައި މުޅި މެދުއިރުމައްޗަށްސް އޭގެ ނުބައިއަސަރު ކޮށްފާނެ ކަމަށް އީރާނުންވަނީ އިސްރާއީލަށާއި، އެމެރިކާއަށް އިންޒާރުދީފައެވެ. އެހެންނަމަވެސް އެއިންޒާރުތަކާއެކުވެސް ގޮތްދޫނުކުރާ ހަރުކަށި އުޞޫލުތަކުގައި ހިފައިގެން ކުރިއަށްދާ ނަތަންޔާހޫ އީރާނަށް ހަމަލާދޭނެކަމަށް ގިނަބަޔަކު ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް