ކ. މާލެ
|
15 އޭޕްރިލް 2024 | ހޯމަ 15:04
ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ރާއްޖެއެމްވީ
119 ކިލޯގެ ޑްރަގު ކޭސް
ހޯމް މިނިސްޓަރާއި ފުލުހުން ކްރިމިނަލް ކޯޓުގެ ގާޒީން ނުރައްކަލަށް ހުށަހަޅައި، ކޯޓުގެ ޙުރުމަތް ކެނޑުމުން މައްސަލަ ބަލަނީ
 
މި މައްސަލައާ ގުޅޭ އަމުރެއް ނެރުއްވި ފަނޑިޔާރެއްގެ ނަން ވިދާޅުވި
 
ގާނޫނީ ބައެއް މާހިރުން ވިދާޅުވާގޮތުގައި ކޯޓުތަކުގެ ބެލެނިވެެރި ފަރާތްތަކުންވެސް އެކަމާ އެއްޗެއް ބުނަންޖެހޭ
 
ފުލުހުން ވަނީ 119 ކިލޯ މަސްތުވާތަކެތި "އުފުލި ގޮތް" ތަފްސީލީ ވީޑިއޯ ފުޓޭޖުތަކާއި ފޮޓޯތަކުން ދައްކާލާފައި

ހޯމް މިނިސްޓަރާއި ފުލުހުން ކްރިމިނަލް ކޯޓުގެ ގާޒީން ނުރައްކަލަށް ހުށަހަޅައި، ކޯޓުގެ ޙުރުމަތް ކެނޑި މައްސަލައެއް އެ ކޯޓުން ބަލަން ނިންމައިފިއެވެ.

ކްރިމިނަލް ކޯޓުން ބުނީ، ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާނާއި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ޗީފް ސުޕްރިޓެންޑެންޓް އަޙްމަދު ޝާކިރާއި ޗީފް އިންސްޕެކްޓަރ އަޙްމަދު ވަހީދު އަދި ސަބްއިންސްޕެކްޓަރ މަމްދޫޙް ޙަސަން، ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމާއި، ފަނޑިޔާރުންގެ ސަލާމަތާއި ރައްކާތެރިކަން ގެއްލުވާލައި، ކޯޓު ހުރުމަތް ކެނޑި މައްސަލައާ މެދު ގޮތެއް ނިންމުމަށް، ކްރިމިނަލް ކޯޓުގެ ޤާޟީންގެ ކުއްލި މަޖިލީހަށް އެޖެންޑާ ކޮށްފައިވާ ކަމަށެވެ.

އަދި މިކަމާމެދު ގޮތެއް ނިންމުމަށް 18 އޭޕްރިލް 2024 ދުވަހު 13:00 އަށް ޤާޟީންގެ މަޖިލީހެއް ތާވަލު ކުރެވިފައިވާކަމަށްވެސް ކޯޓުން މައުލޫމާތު ދެއެވެ.

އެނގިފައިވާ ގޮތުގައި މިއީ 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގެ ތަހުގީގުގައި ހޯދިފައިވާ މައުލޫމާތާއި ގުޅޭ ވީޑިއޯޕްރެޒެންޓޭޝަނެއްދައްކާލައި، މައްސަލައިގެ ގިނަ މައުލޫމާތުތަކެއް ހާމަ ކުރުމަށް ފުލުހުން ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމާއި ގުޅިގެން ބަލަމުންދާ މައްސަލައެކެވެ.

އެ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ ކުރިއަށް އޮތް ތަނުގައި ކޯޓުތަކުން ނިންމާ ހުރިހާ ބޮޑެތި މައްސަލަތަކާއި ގުޅިގެންވެސް އެ މައްސަލައެއްގެ ތަހުގީގާ ގުޅޭ މައުލޫމާތު ފުލުހުންހާމަކުރަމުންގެންދާނެކަމަށް ބުނެފައެވެ.

އެކަން ކުރައްވަނީ ހޯމް މިނިސްޓަރުގެ އެންގެވުމުގެ މަތިންކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެކަމާ ގުޅޭގޮތުން މިނިސްޓަރ ވިދާޅުވީ، މިފަދަ ކޭސްތައް ރިވިއުކޮށް ރައްޔިތުންނަށް ހުރިހާ ތަފްސީލެއް ހާމަކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ދަންނަވާފައިވާނެ ކަމަށެވެ.

އެ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ މި މައްސަލައާ ގުޅޭ އަމުރެއް ނެރުއްވި ފަނޑިޔާރެއްގެ ނަން ވިދާޅުވެ، މައްސަލައާ ގުޅޭ ޝަރީއަތުގެ މުހިއްމު ހެކިތަކާއި ގުޅޭ މައުލޫމާތުވެސް ހާމަކޮށްފައެވެ. ނަމަވެސް އެ ފަނޑިޔާރަކީ މި މައްސަލަ ބެއްލެވި ފަނޑިޔާރެއްވެސް ނޫނެވެ. މައުލޫމާތު ލިބޭ ގޮތުގައި ފަނޑިޔާރުންގެ ސަލާމަތާއި ރައްކާތެރިކަން ގެއްލުވާލިކަމަށް ބަލައި މައްސަލަ ބެލުމަށް ނިންމި އެއް ސަބަބަކީ އެއީއެވެ.

އޭގެ އިތުރުން، ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމާއި، ފަނޑިޔާރުންގެ ސަލާމަތާއި ރައްކާތެރިކަން ގެއްލުވާލައި، ކޯޓު ހުރުމަތް ކެނޑި މައްސަލައާމެދު ކޯޓުން އެ ގޮތެއް ނިންމާނެއެވެ.

އިސްތިއުނާފީ މަރުހަލާތައް އޮވެމެ، ދަށު ކޯޓުން މައްސަލައެއް ނިމޭއިރަށް އެ މައްސަލައިގެ މައުލޫމާތު ފުލުހުން ހާމަކުރަމުން ދިއުމަކީ، ގާނޫނީ ބައެއް މާހިރުން ވިދާޅުވާގޮތުގައި، ކޯޓުތަކުގެ ބެލެނިވެެރި ފަރާތްތަކުންވެސް އެކަމާ އެއްޗެއް ބުނަން ޖެހޭ ކަމެކެވެ.

ރާއްޖެއެމްވީއާ ވާހަކަދެއްކެވި ބައެއް ގާނޫނީ ބޭފުޅުން ވިދާޅުވި ގޮތުގައި، މިއީ އެއްގޮތަކަށްވެސް ރަނގަޅު ކަމެއް ނޫނެވެ. މައްސަލައިގެ ތެރެއިން ސުލޫކީ ގޯހެއް ހެދިފައިވާނަމަ ބަލާނެ އިދާރާތަކެއް އެބަހުއްޓެވެ. އިސްތިއުނާފީ މަރުހަލާތަކެއް އެބަހުއްޓެވެ. އެންމެ ކުޑަމިނުން އެ މަރުހަލާތައް ނިމެންދެން މަޑުކޮށްލުން ބުއްދިވެރިކަމަށް ބައެއް ފަރާތްތަކުން ވިދާޅުވިއެވެ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް