ކ. މާލެ
|
15 އޭޕްރިލް 2024 | ހޯމަ 12:25
ޣައްޒާގައި މިވަގުތު ތިބި މާބަނޑު މީހުންނާއި، އަލަށް އުފަންވި ތުއްތު ކުދިންނާއި އެ ދަރިންގެ މަންމައިން، ދުނިޔެއަށް ނޭވާ ލާން ފެށިތާ ހިނދުކޮޅެއްގެ ތެރޭގައި މުޅި ޢާއިލާ ޝަހީދުވޭ
ފަލަސްތީން އިސްރާއީލް ހަނގުރާމަ
ވިހަން އަޅާ ވޭނަަށް ވުރެ، ހާސްކަމާއި ނުތަނަވަސްކަމުގެ ތަދު މާ ބޮޑު!
 
އދއިން އާންމު ކޮށްފައި ވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ޣައްޒާގައި މިހާރުވެސް ބައިލައްކައަށް ވުރެ ގިނަ، މާބަނޑު މީހުން އެބަ ތިބި

އެއީ އަލަތު ދަރިފުޅަށް ނުވި ކަމުގައި ވިއަސް، ބަނޑުގައި ތުއްތު ދަރިއަކު ޣަރުބަގަންނަކަމުގެ ޚަބަރު ލިބޭ ވަގުތަކީ ކޮންމެ މަންމައަކާއި ބައްޕައެއްގެ ދިރިއުޅުމަށްވެސް ބޮޑު ބަދަލެއް ގެނުވާ ވަގުތެކެވެ. އިތުރު ފުރާނައެއްގެ ޒިންމާ އުފުލަން ޖެހުމާއި، ދެންވެސް އުފުލަން ހުރި އެހެން ހުރިހާ ޒިންމާތަކާއެކުގައެވެ. އެއީ ދުރާލާ ރާވައިގެން ހޯދާ ދަރިއަކަށް ވިއަސް، ނުވަތަ ބޭ އިޚްތިޔާރުން ވީ ކަމަކަށް ވިއަސް، މައިބަފައިވަންތަ ކަމުގެ ލޯބި އެ ހިނދުން ފެށިގެން އިތުރަށް ގަދަވެގެންދެއެވެ. ކޮންމެ ފަދަ ހާލެއްގައި އުޅެން ޖެހުނު ކަމުގައި ވީ ނަމަވެސްއެވެ.

ބަލިވެއިނުން ނުވަތަ ދަރިމައިވުމާއި ވިހެއުމަކީ އިންސާނީ ޙަޟާރާތު ދެމިގެން ދިއުމުގެ އަސްލެވެ. ނަސްލު ދޮވެލުމުގެ ޖަރީމާ ހިންގަމުންދާ ބަޔަކަށް ހަޖަމު ކުރަން އެންމެ ދަތި އެއް އަޑަކަށް ވާނީވެސް ތުއްތު ކުއްޖެއްގެ ފުރަތަމަ ރޮއެލުމުގެ އަޑަށް ވުންވެސް ގާތެވެ. އަނެއްކާވެސް އެ ނަސްލެއްގެ އިތުރު ރަމްޒެއް މި ދުނިޔެއަށް އުފަން ވީތީއެވެ. ފަލަސްޠީނުގެ ބިންތަކަށް ދަހިވެތިކަމާއެކު އަތްގަދަ ކުރަމުން ގެންދާ އިޒްރޭލުން، ވަރުގަދަ ގަތުލުއާންމެއްގައި ހަފުސްކޮށްފައި ވާ ޣައްޒާއިން މި ދެންނެވި ފަދަ އެތައް މިސާލެއް ފެންނަން އެބަ ހުއްޓެވެ. ބޮމާއި ބަޑިތަކުގެ ސީދާ ހަމަލަތާކުގެ އިތުރުން، ދެންވެސް ކުރެވެން އޮތްހާ ގޮތަކަށް އަނިޔާކޮށް ޣައްޒާގެ މައިންނާއި، މާބަނޑު މީހުން ނިކަމެތި ކޮށްފައި ވަނީ، މި ފަހުގެ ތާރީޚުގައި ބަޔަކު ނުދެކޭ ދަރަޖައަކަށެވެ.

ޣައްޒާގައި މިވަގުތު ތިބި މާބަނޑު މީހުންނާއި، އަލަށް އުފަންވި ތުއްތު ކުދިންނާއި އެ ދަރިންގެ މަންމައިން، ނުވަތަ ދުނިޔެއަށް ނޭވާ ލާން ފެށިތާ ހިނދުކޮޅެއްގެ ތެރޭގައި މުޅި ޢާއިލާ ޝަހީދުވެދިޔަ އެތައް ޅަ ދަރިންނެއްގެ ޒިންމާ އުފުލައިގެން ތިބި މީހުންނަށް މިއަދު އުފުލަން ޖެހިފައި އޮތް ތަކުލީފުތަކަކީ، އަހަރެމެންނަށް ޚިޔާލަށްވެސް ގެނެވޭނެ ވަރުގެ ކަންކަމެއް ނޫނެވެ. ޞިއްޙީ ފަރުވާގެ ނިޒާމަކީ މިއަދު ޣައްޒާގައި ނެތް އެއްޗެކޭވެސް ދެންނެވިދާނެއެވެ. އެތައް އަހަރެއްގެ މަސައްކަތުން ބަނޑުގައި ޣަރުބަގަންނަމުން ދިޔަ އަލަތު ދަރިފުޅު، ބައިގެން ދިއުމުގެ ހިތްދަތި މަންޒަރުތައް ބަލަންޖެހިފައި ވަނީ މަދު ބަޔަކަށް ނޫނެވެ. ދުވަސް ނުފުރާ ވިހަން ޖެހުމާއި، ވިހެއުމަށްފަހުގައިވެސް ހާލު ދެރަވާ ތުއްތު ކުދިންނާއި، މައިންގެ ހަށިގަނޑުގައި އަޅަމުންދާ ވޭން އަހަރެމެންނަށް އިޙްސާސްވެސް ޙަޤީޤަތުގައި ނުކުރެވޭނެއެވެ.

މުޅި ޣައްޒާގެ އާބާދީހެން އެތަނެއްގައި "ދިރިއުޅެމުން" ގެންދާ ރަފަޙުގެ ދެކުނުގައި އޮންނަ އަލް-ހުރިއްޔާ ކޭމްޕުގައި އޭނާގެ ޢާއިލާއާ އެކު ދިރިއުޅެމުން އަންނަ އެކަކީ ނުހާ އަލްޖަޢާލްއެވެ. ނުހާ ނިސްބަތް ވަނީ ގަތުލުއާންމުގެ ވޭންވަރު އެންމެ ގަދަވި އުތުރުގެ ސަރަހައްދެއް ކަމަށް ވާ އަލް-ޒައިތޫންއަށެވެ. ގެދޮރު ގެއްލި، އުފަން ވަޒަނުގައި ރެފިއުޖީއެއްގެ ގޮތުގައި ދިރިއުޅުމުގެ ދުވަސްތައް ގުނަން ޖެހުނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އޭރު އޭނާގެ ބަނޑަށް 3 މަހެވެ. މިއަދު ނުހާ އިނީ ވިހާ ދުވަސް ޖެހިފައެވެ. ހަމަ ކޮންމެ ފަދަ ވަގުތެއްގައިވެސް ވިހުން އެކަށީގެންވެއެވެ. މިއީ އޭނެ އަލަތު ދަރިފުޅު ނޫނެއް ކަމަކު، ނުހާ އިންނަނީ އިންތިހާއަށް ބިރުންނެވެ. އެހާމެ މާޔޫސްވެ، ކަންބޮޑުވެފައިވެސްމެއެވެ. ޣައްޒާގެ އަދުގެ ހާލަތަކީ، ތުއްތު ކުއްޖަކު މި ދުނިޔެއަށް އުފަން ކުރަން އެއްވެސް މީހެއްގެ ހިތުން ރުހެވޭނެ ހާލަތެއް ނޫނެވެ.

އަންނަ މަހު ރަފަޙުގަ ދަރިއަކު އުފަން ކުރެވިދާނެއެކޭ ހިތެއް ނުބުނޭ. މިތާ ކަންކަން ވަރަށް ދަތިކޮށް މި ހުރީ. ހޮސްޕިޓަލެއް ހުރީ އެހާ ދުރުގަ. ދަތުރުފަތުރު ކުރެވޭކަށް ނެތް. ރަފަޙުގަ ވިހެއަސް، ތުއްތު ދަރިންކޮޅަށް ދޭނެ ކިރުފޮދެއް ނެތް، ފޯމިއުލާ ކޮޅެއް ނެތް، އަލަށް އުފަންވާ ކުއްޖަކު ލައްވާލާނެ ހެދުންކޮޅެއްވެސް މިތާކު ނެތް.
ނުހާ އަލް-ޖަޢާލް؛ ޣައްޒާގައި ގެދޮރުގެއްލިފައި ވާ މީހެއް

ނޫރުލްހުދާ ޙަމަދުގެ ވާހަކައަކީވެސް ހަމަ މިކަހަލަ ވާހަކައެކެވެ. 3 ވަނަ ދަރިފުޅަށް މަރުހަބާ ކީ ނޫރުލްހުދާ ކިޔައިދިން ގޮތުގައި އެ ދަރިފުޅު އުފަން ކުރުމަށް އޭނާ ކުރި ދަތުރާއި، އުފުލި ވޭނާއި ބުރައަކީ ތަކުލީފާއި ހިތްދަތި ތަޖުރިބާތަކެއް ކަމަށެވެ. ދަރިފުޅުގެ އުފަން ދުވަހާ ދިމާކޮށް ލަވަކިއާ، ފުއްޕާހަމުން ޒީނަތްތެރިކޮށްލުމުގެ ފޮނި ހުވަފެންތައް ވިއްސިވިހާލިވިއެވެ. އޭގެ ބަދަލުގައި އިވެމުން ދަނީ ބޮމާއި ބަޑީގެ ހަމަލާގެ އަޑުފަށްގަނޑެވެ.

އަހަރެން ވިހެއީ ވަރަށް ހާލުގަ. އެމްބިއުލާންސްއަށް އާދެވުނީ އެހާ އިރުން. ކިރިއާ މަގުމައްޗަށް ނުވިހެއީ. ދަރިފުޅަށް ކިރުފޮދެއް ދޭންވެސް އެހާ އުނދަގޫ. މިތާކު ނެތް ސާފު ބޯފެން ފޮދެއް. ޖަރާސީމުތަކުން ފުރިފަ. ދަރިފުޅަށް ދޭނެ ބުއްފުޅިއެއް ހަދާލެވޭކަށް ނެތް. ދަރިފުޅަށް ކޮންމެވެސް ބައްޔެއް ޖެހިދާނެ ތީ އަބަދާ އަބަދު ބިރުން އަހަންނަށް އިންނަން ޖެހެނީ.
ނޫރުލްހުދާ ޙަމަދު؛ ޣައްޒާގައި ގެދޮރުގެއްލިފައި ވާ މީހެއް

އޮކްޓޯބަރ 7 ވަނަ ދުވަހު އިޒްރޭލުން ގަތުލުއާންމު ހިންގަން ފެށި ފަހުން އެންމެ ބޮޑު އަނިޔާއެއް ތަހައްމަލު ކުރަމުން ދަނީ ޣައްޒާގައި ތިބި މާބަނޑު މީހުންނާއި ގަތުލުއާންމުގެ ތެރެއަށް ވިހާ މައިންނެވެ. އަދި އަލަށް އުފަންވާ ތުއްތު ކުދިންނެވެ. ގަތުލުއާންމުގެ ތެރެއަށް އުފަންވަމުންދާ ގިނަ ކުދިންނަކީ އާދަޔާ ޚިލާފަށް ބަރުދަން ލުއި، އަނަރޫފު ކުދިންތަކެކެވެ. ގިނަ ފަހަރަށް އޮންނަނީ، އެޑްމިޓްކޮށްގެން ދެވެން އޮތް ފަރުވާއެއް ދޭން މަޖުބޫރުވެފައެވެ.

ގެދޮރު ގެއްލޭ މީހުންގެ އަދަދު އިތުރުވާތީ، މިތަނަށް އުފަންވާ ކުދިންގެ އަދަދުވެސް މި ފަހަކަށް އައިސް ވަރަށް ބޮޑަށް އިތުރުވެފަ މި އޮތީ. މިތަނަށް ގެންނަ އެފަދަ ކޭސްތައްވެސް އިތުރު. މަހެއްގެ މައްޗަށް މިތާ އެބަ ވިހާ 2000 އެއްހާ ކުދިން. ސިޒޭރިއަން ހަދައިގެން އެބަ ނަގަން 400 އެއްހާ ކުދިން. މީ، ގަތުލުއާންމުގެ ކުރީގެ އަދަދުތަކާ އަޅާ ބަލާއިރު ވަރަށް ބޮޑުތަން އިތުރު މިންވަރެއް.
ޑރ ހައިދަރު ސުނައިނާ؛ އެމިރޭޓްސް ރެޑް ކްރެސެންޓް ހޮސްޕިޓަލުގެ ޑައިރެކްޓަރ

އދއިން އާންމު ކޮށްފައި ވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ޣައްޒާގައި މިހާރުވެސް ބައިލައްކައަށް ވުރެ ގިނަ، މާބަނޑު މީހުން އެބަ ތިއްބެވެ. ގާތުން ކިރުދޭ މައިންގެ ޢަދަދު 68000 އަށް އަރައެވެ. އެ އެންމެންނަކީވެސް ފުރާނަ ސަލާމަތް ކުރުމަށް މިހާރުން މިހާރަށް މުހިންމު އެހީތަކެއް ބޭނުންވާ ބައެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
100%
0%
0%
0%
0%
0%
ކޮމެންޓް