ކ. މާލެ
|
6 އޯގަސްޓް 2017 | އާދީއްތަ 16:44
ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން
ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން
ރާއްޖެ އެމްވީ
ފާރިސްގެ އިސްތިއުނާފް
ފާރިސްގެ ފަރާތުން އެދުނު ވަގުތީ އަމުރު މިއަދުވެސް ނެރެ ނުދިން!
ބުރާސްފަތި ދުވަހުގެ އަޑުއެހުމުގައި ވެސް އަމުރަކަށް އެދުނު
އިސްތިއުނާފުގައި މައިގަނޑު 11 ނުކުތާއެއް ފާހަގަކުރި
ދެން އޮންނާނީ ދައުލަތުން ޖަވާބުދާރީވުން

ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ އަސާސީ ހައްގުތަކެއް ގެއްލިގެންދާ ކަމަށް ބުނެ، ހައިކޯޓަށް ހުށަހެޅިފައިވާ މައްސަލަ ނިމެންދެން އޭނާ ބަންދުން ދޫކޮށްދިނުމަށް އެދި ހުށަހެޅި މައްސަލައިގައި އާދިއްތަ ދުވަހު ވެސް ގޮތެއް ނިމިފައިނުވާ ކަމަށް ވަކީލުން ބުނެފިއެވެ.

ފާރިސް ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރާއި، ތުހުމަތު ކުރެވޭ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ނެރުނު އަމުރު ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާއިރު، އާދިއްތަ ދުވަހު ބާއްވާފައިވަނީ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ނެރުނު އަމުރުގެ އިސްތިއުނާފެވެ.

އާދިއްތަ ދުވަހުގެ އަޑުއެހުމުގައި ފާރިސްގެ ގާނޫނީ ވަކީލުން ވަނީ އިސްތިއުނާފް ކުރާ މައިގަނޑު 11 ނުކުތާއެއް ހުށަހަޅާފައެވެ.

އަޑުއެހުމަށްފަހު ނިކުމެވަޑައިގެން ގާނޫނީ ވަކީލު އިބްރާހިމް ޝަމީލް ވިދާޅުވީ މީހަކު ހައްޔަރުކޮށްފިނަމަ ލަސްނުކޮށް އެންމެ ކައިރީގައިވާ ފުލުހުންގެ މަރުކަޒަކަށް އެ މީހަކު ގެންދަންވާނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 45 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، ފާރިސް ހައްޔަރުކުރުމަށް ފަހު އެންމެ ކައިރީގައިވާ ފުލުހުންގެ މަރުކަޒަކަށް ގެންދިއުމެއް ނެތި، ގާނޫނާ ޚިލާފަށް ފާރިސް ގެންގޮސްފައިވަނީ ދޫނިދޫއަށްކަން ފާހަގަކޮށްފައިވާނެ ކަމަށެވެ.

ޝަމީލް ވިދާޅުވީ ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނާ ޚިލާފަށް ފާރިސް ބަންދުކޮށްފައިވާކަން ފާހަގަކޮށްފައިވާނެ ކަމަށެވެ. އެގޮތުން ތަހުގީގު މަރުހަލާގައި އެ މީހަކު ބަންދުގައި ބެހެއްޓޭނީ ކަސްޓޯޑިއަލް ޖަލެއްގައި ކަމަށް ޖަލުތަކާއި ޕެރޯލްގެ ގާނޫނުގައި ބަޔާންކޮށްފައިވާއިރު، ކްރިމިނަލް ކޯޓުން ފާރިސް ބަންދުގައި ބެހެއްޓުމަށް ނިންމި ނިންމުމުގައި ކަނޑައަޅާފައި އޮތީ ތަހުގީގު ހިނގަމުންދާ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ރިމާންޑް ޖަލެއްގައި ބަންދުކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ. 

ޝަމީލް ވިދާޅުވީ މި މައްސަލަައިގައި ވަގުތީ އަމުރަކަށް އެދުނީ ފާރިސްގެ އަސާސީ ހައްގުތަކެއް ގެއްލިގެންދާ ކަމަށް ފާހަގަކުރެވޭތީ ކަމަށާއި އެ އަސާސީ ހައްގުތައް ހިމާޔަތްކުރެވޭނެ އެންމެ އަވަސް ވަސީލަތަކީ މި މައްސަލައިގައި ހައިކޯޓުން ވަކި ގޮތަކަށް ނިންމަން ދެން ނަމަވެސް ވަގުތީ ގޮތުން އޭނާ ބަންދުން ދޫކުރުން ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި، ފާރިސް ހައްޔަރުކުރަން ނެރުނު އަމުރުގެ އިސްތިއުނާފް އަޑުއެހުމުގައި ވެސް އެފަދަ އަމުރަކަށް އެދުނެވެ. ނަމަވެސް އެ އަޑުއެހުމުގައި ވެސް އެކަމާ ގުޅޭގޮތުން ގޮތެއް ނުނިންމަ އެވެ.
މީގެއިތުރުން، ފާރިސްގެ ވަކީލުން ވަނީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރި އަހުމަދު ޝާފިއުގެ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމުގެ ލިޔުންތައް ވެސް ކޯޓަށް ހުށަހަޅާފަ އެވެ. މިިދިޔަ ޖުލައި މަހުގެ 9 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ނިންމާފައި އޮތީ އަހުމަދު ޝާފިއު ބަންދުކުރުމަށް ފުލުހުން ހުށަހަޅާފައިވާ ހެކިތަކަކީ މީހެއްގެ މިނިވަންކަން ނަގާލުމަށް އެކަށޭނެ ހެކިތަކެއް ނޫން ކަމަށެވެ.

ޝަމީލް ވިދާޅުވީ ފާރިސް ހައްޔަރުކޮށްފައިވަނީ ހަމަ އެ ހެކިތަކުގެ މައްޗަށް ބިނާކޮށް ނެރެނު އަމުރެއްގެ ދަށުން ކަމަށާއި ބަންދުގެ މުއްދަތު އިތުރުކުރީ ވެސް އެ ހެކިތަކުގެ މައްޗަށް ބިނާކޮށް ކަމަށެވެ. އޭނާ ވިދާޅުވީ އެ ހެކިތަކާ ގުޅޭގޮތުން ކްރިމިނަލް ކޯޓުން ވަކި ގޮތެއް ނިންމާފައިވަނިކޮށް އެހެން ގޮތަކަށް މާނަކޮށްގެން، އެ ހެކިތަކުގެ މައްޗަށް ބިނާކޮށް ފާރިސް ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ ގާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށެވެ.

އާދިއްތަ ދުވަހުގެ އަޑުއެހުމަށް ކަނޑައެޅިފައިވާ ވަގުތު ހަމަވިއިރުވެސް ދައުލަތަށް ޖަވާބުދާރީވުމުގެ ފުރުސަތު ލިބިފައިނުވާތީ ދެން އޮންނަ އަޑުއެހުމެއްގައި ދައުލަތަށް ޖަވާބުދާރީވުމުގެ ފުރުސަތު ދޭނެ އެވެ. ނަމަވެސް، އެ އަޑުއެހުން އޮންނާނެ ދުވަހެއް ހާމައެއް ނުކުރެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް