އިރާނުގެ ހަމަލާތަކާއެކު ލުބުނާނުގައި ހަރަކާތްތެރިވާ ޙިޒުބުﷲ އިން ވެސް އިސްރާއީލަށް ރޭ ހަމަލާދީފައިވާ ކަމަށާއި، އިރާނުގެ ޑްރޯންތަކުގެ އިތުރުން، ހިޒުބުﷲގެ މިސައިލާއި ޑްރޯންތަކެއް ވެސް އިސްރާއީލުގެ އަސްކަރިއްޔާއިން ދެނެގަނެވިފައިވާ ކަމަށް އެގައުމުން ބުނެފިއެވެ.
އީރާނުގެ ތާއީދު އޮންނަ ހިޒްބުالله އާ އިސްރާއީލާ ދެމެދު ބޯޑަރު ހުރަސްކޮށް ހިނގަމުންދާ ހަމަނުޖެހުންތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި އިސްރާއީލުގެ އުތުރުގެ ސަރަހައްދަށް ހޮނިހިރު ދުވަހު ލުބުނާނުން ފޮނުވާލި ތިން ރޮކެޓާއި ގޮވާތަކެތި ބަރުކޮށްފައިވާ ދެ ޑްރޯން ފެނިފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ކަށަވަރު ކޮށްދީފައެވެ.
އިސްރާއީލުގެ ދިފާއީ ބާރު (އައިޑީއެފް) އިން ނެރުނު ބަޔާނެއްގައި ބުނީ އުތުރު ބޯޑަރު ކައިރީގައި އޮންނަ ހަނީތާ އާބާދީގެ އެލާޓްތަކާ އެކު ލުބްނާނުން އިސްރާއީލަށް ތިން ރޮކެޓް ފޮނުވާލި ކަން އަސްކަރިއްޔާއަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ލުބުނާނުން އިސްރާއީލުގެ ހަނީތާ ސަރަހައްދަށް ފޮނުވާލި ދެ ޑްރޯން ވެސް ވަނީ ގޮއްވާލައިފައެވެ.
އައިޑީއެފް އިން ބުނީ އޭގެ ރައްދުގައި ލުބުނާނުގެ ދެކުނުގެ ހަތަރު ސަރަހައްދެއްގެ ހިޒްބުاللهގެ ތަންތަނަށް އެއްފަހަރާ ވައިގެ ހަމަލާތައް ދީފައިވާ ކަމަށެވެ.
ލުބުނާނުގެ ޝީއީ މުސްލިމް ޖަމާއަތެއް ކަމަށްވާ ހިޒްބުالله އިން އެކަމުގެ ޒިންމާ އުފުލާފައިވަނީ ހަނީތާ ޖަންގަލީގައި އިސްރާއީލުގެ އަސްކަރީ އެއްވުމަކާ ދިމާލަށް ރޮކެޓާއި ޑްރޯން ފޮނުވާލާފައިވާ ކަމަށް ބުނެއެވެ.
ބޯޑަރު ހުރަސްކޮށް މި ހަމަލާތައް ބަދަލުކޮށްފައި މިވަނީ ޣައްޒާގައި ފަލަސްތީނުގެ ހަނގުރާމަވެރިންނާ ދެކޮޅަށް އިސްރާއީލުން ދެމުން ގެންދާ އަސްކަރީ ހަމަލާތަކާ ގުޅިގެން އިސްރާއީލާއި ލުބްނާންގެ ބޯޑަރު ސަރަހައްދުގައި ނުތަނަވަސްކަން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. ހަމާސް އިން އިސްރާއީލުގެ ސިޓީތަކަށް ރޮކެޓް ހަމަލާތަކެއް ދޭން ފެށުމުން އިސްރާއީލުން މި އޮޕަރޭޝަން ފެށީ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުއެވެ.
އިސްރާއީލުގެ އަސްކަރިއްޔާގެ ތަރުޖަމާނަކު ވިދާޅުވީ ރޮކެޓާއި ޑްރޯންގެ ހަތިޔާރު އޮންނަ އީރާނަށް ތާއީދުކުރާ ހިޒްބުاللهގެ އިތުރު ޕްރޮޖެކްޓަލް ހަމަލާތަކާ ދެކޮޅަށް އަސްކަރިއްޔާ އިން ހައި އެލާޓްގައި ތިބުމުން އުތުރުގައި އިތުރު ގޮވުންތަކެއް ގޮއްވާލާނެ ކަމަށް ބެލެވޭ ކަމަށެވެ.
އިސްރާއީލުގެ އުތުރުގައި އެންމެ ފަހުން ބޯޑަރު ހުރަސްކޮށް ދިން ހަމަލާތަކުގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ހިޒްބުاللهގެ އަލް މަނާރު ޓީވީން ބުނީ އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން އަދިވެސް ލުބުނާނުގެ އެތެރޭގެ އެގައުމުތަކުގެ ތަންތަނަށް ހަމަލާދެމުން އަންނަ ކަމަށެވެ.