ކ. މާލެ
|
13 އޭޕްރިލް 2024 | ހޮނިހިރު 14:14
އިސްރާއީލުގެ ބަރުހަތިޔާރުތައް ޣައްޒާގައި ހަރަކާތްތެރިވަނީ
އިސްރާއީލުގެ ބަރުހަތިޔާރުތައް ޣައްޒާގައި ހަރަކާތްތެރިވަނީ
ރޮއިޓާސް
ޣައްޒާ ހަނގުރާމައިގެ މަޝްވަރާތައް
ޣައްޒާ ހަނގުރާމައިގެ މަޝްވަރާތައް "ހަތަރު އަނގޮޅިއެއްގައި." ކީއްވެ؟
 
ރަފަހްގައި ހަމާސްގެ އިތުރު ހަތަރު ބެޓެލިއަނެއް އަދިވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށް ނަތަންޔާހޫ ތުހުމަތުކުރޭ

ޣައްޒާގައި ހިނަގަމުންދާ 6 މަސްދުވަސްވީ ބޮޑު ލޭއޮހޮރުވުމުގެ ނުރައްކާތެރި ހަނގުރާމަ މެދުކަނޑާލުމުގެ މަޝްވަރާތަކުގައި، މި ހަފުތާގެ ކުރީކޮޅު 48 ގަޑިއިރުގެ މުހުލަތެއް ދިނުމަށް ދެ ފަރާތުން ކަނޑައެޅިއެވެ. ނަމަވެސް ބުރާސްފަތި ދުވަހާ ހަމައަށް އައިއިރުވެސް އަދި ބައިނަލްއަގުވާމީ މެދުވެރިންގެ ޕްރެޝަރުތަކާއެކު ވެސް ހަމާސްއާއި އިސްރާއީލުން އެއްބަސްވުމަކަށް އާދެވޭނެކަމުގެ އެއްވެސް ނިޝާނެއް ފެނިފައެއް ނުވެއެވެ.

އެމެރިކާއާއި މިސްރު، އަދި ގަތަރުން ވަނީ، ހަނގުރާމަ ހަ ހަފުތާއަށް ހުއްޓާލުމާއި ފަލަސްތީނުގެ އެތައް ސަތޭކަ ގައިދީންނާއި އަދި ހަމާސްގެ ބެލުމުގެދަށުގައި ތިބި އިސްރާއީލުގެ ގައިދީން ބަދަލުކުރުން ހިމެނޭގޮތަށް އެއްބަސްވުމެއް އެކުލަވާލާފައެވެ.

މީގެ އިތުރުން ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުން އިތުރުކޮށް، ގެދޮރު ގެއްލުނު އެތައް ހާސް ބަޔަކު އެމީހުންގެ އަމިއްލަ ވަޒަނަށް އެނބުރި ދިއުމުގެ ފުރުސަތު ދިނުމަށްވެސް މި އެއްބަސްވުމުގައި ހިމަނާފައިވެއެވެ.

މި ހުށަހެޅުންތަކުގެ އެންމެ ފަހުގެ މަގުސަދަކީ ޣައްޒާގައި އަދިވެސް ދިރިތިބި ކަމަށް ބެލެވޭ 129 މީހުން ދޫކޮށްލުމާއި، އިސްރާއީލުގެ ހުރިހާ ސިފައިން އަނބުރާ ޣައްޒާއިން ގެންދިއުމެވެ.

އެކަމަކު މިހާރު މަޝްވަރާތައް އޮތީ ހުއްޓުމަކަށް އައިސް ދެވޭނެ ވަކިކޮޅެއް ނޭނގި "ހަތަރު އަނގޮޅިއެއްގައި" ކަމަށް، ޖެނީވާގެ ސެންޓަރ ފޯރ ސްޓަޑީޒް އެންޑް ރިސާޗް ފޯރ ދި އަރަބް އެންޑް މެޑިޓެރޭނިއަން ވޯރލްޑްގެ ހަސްނީ އާބިދީ ވިދާޅުވިއެވެ. ނަމަވެސް އަދި އެއްވެސް ފަރާތަކުން ހިތްވަރު ދޫކޮށްލާފައެއް ނުވެއެވެ.

ހަމާސްއިން ދަނީ އެ ހުށަހެޅުން ދިރާސާ ކުރަމުން.. އަދިވެސް ޖަވާބެއް ދީފައެއް ނުވޭ
ދޯހާގައި ހުންނަ ހަމާސްގެ ތަރުޖަމާނު، ހުސާމް ބަދްރާން އޭއެފްޕީއަށް ވިދާޅުވިއެވެ.

އިސްރާއީލުން ތުހުމަތުކުރާ ގޮތުގައި ހަމާސްއިން ވަނީ އެ ހުށަހެޅުމާ ދުރަށް ގޮސްފައެވެ. އިސްރާއީލް ސަރުކާރުގެ ތަރުޖަމާނު ޑޭވިޑް މެންސަރު ނޫސްވެރިންނާ ވާހަކަދައްކަމުން ބުނީ އިސްރާއީލަށް ބައިނަލްއަގުވާމީ ޕްރެޝަރުގެ ސަބަބުން ހަމާސްއަށް އެހީވަމުން އަންނަ ކަމަށާއި، އެގޮތުން މިހާރު ހުށަހެޅިފައި އެވާ އެއްބަސްވުމަކީ ވެސް ވަރަށް އެކަށީގެންވާ ހުށަހެޅުމެއް ކަމަށެވެ. އޭނާ ވިދާޅުވީ އެކަމަކު ހަމާސްއިން އެ ހުށަހެޅުމާ ދުރަށްދާކަމަށެވެ.

ހަމާސްއިން ބޭނުންވަނީ ޣައްޒާގައި ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓާލުމަށެވެ. މިއީ ހަމާސްގެ ހުރިހާ ބެޓެލިއަންތަކެއް "ނައްތާލާނެ" ކަމަށް ވައުދުވެފައިވާ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

ބޮޑުވަޒީރު އެންމެފަހުން ވެސް ތުހުމަތު ކޮށްފައިވަނީ ފަލަސްތީނުގެ 1.5 މިލިއަން މީހުން ހިމާޔަތް ހޯދާފައިވާ ޣައްޒާގެ ދެކުނުގައި ހަމާސް ޖަމާއަތުގެ އެންމެ ފަހުގެ ބާރު ކަމަށްވާ ރަފަހްގައި ހަތަރު ބެޓެލިއަނެއް އަދިވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ނަތަންޔާހޫ ރަފަހަށް އެއްގަމު ސިފައިން ފޮނުވާނެ ކަމަށް ވައުދުވެފައިވާއިރު، އެކަމާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި އުފެދުނު ނުރުހުންތަކަށް ވެސް އޭނާވަނީ ގޮންޖަހާފައެވެ.

ޣައްޒާގައި ހަނގުރާމަ ފެށުނީ މިދިޔަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ހަމާސްގެ ހަނގުރާމަވެރިން އިސްރާއީލަށް ދިން ޙަމަލާއެއްގައި 1170 މީހުން މަރުވެފައިވާކަމަށް އިސްރާއީލުގެ ރަސްމީ އިދާރާތަކުން އިއުލާން ކުރުމާއެކުގައެވެ.

ހަމާސް ޖަމާއަތާ ދެކޮޅަށް އިސްރާއީލުން ދިން ރައްދު ހަމަލާތަކުގައި ޣައްޒާގައި 33،482 މީހުން މަރުވެފައިވާއިރު އޭގެތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށް، ހަމާސްއިން ހިންގާ ޣައްޒާގެ ސިއްހަތާބެހޭ ވުޒާރާއިން ބުނެއެވެ.

އެއްބަސްވުމަކަށް އައުމުގެ އުންމީދު

ޣައްޒާގައި ތިބި އިސްރާއީލްގެ 260 ސިފައިން ގެއްލުނު ފަހުން، ހަމައެކަނި ޓެކްޓިކަލް ފިޔަވަޅެއް ކަމުގައި ވިޔަސް، ހަނގުރާމައިގެ ފައިދާއެއް އިސްރާއީލަށް ކުރާނެ ކަމަށް ނުބެލެވޭކަމަށް ތަޖުރިބާކާރުން ބުނެއެވެ.

މިދިޔަ އާދީއްތަ ދުވަހު އިސްރާއީލުން ބުނީ ޣައްޒާގެ ދެކުނުން އެގައުމުގެ ހުރިހާ ސިފައިން އަނބުރާ ގެންގޮސްފައިވާކަމަށާއި، ނަމަވެސް އެއް ބްރިގޭޑުން އެ ސަރަހައްދުގެ އެކި ސަރަހައްދުތަކުގައި ހިނގަމުންދާ ސެންޓްރަލް ސްޓްރިޕެއް އަދިވެސް ބަލަހައްޓަމުން ގެންދާނެ ކަމަށެވެ.

ޖޯޖްޓައުން ޔުނިވަރސިޓީގެ ސްކޫލް އޮފް ފޮރިން ސަރވިސްގެ ޑެނިއަލް ބައިމަން ވިދާޅުވީ، ދެކުނުގެ ސިޓީއެއް ކަމަށްވާ ޚާން ޔުނިސް ހިމެނޭ ގޮތަށް އެ ސިފައިން ނެރުމަކީ ރަފަހަށް ހަމަލާއެއް ދޭން ތައްޔާރުވުން ކަމަށެވެ.

ޣައްޒާގައި އާންމުން މަރުވާ މީހުންގެ އަދަދު އިތުރުވަމުންދާތީ އިސްރާއީލު އެކަހެރިވަމުން އަންނައިރު އާބިދީ ވިދާޅުވީ، މި ޑްރޯޑައުންގެ ސަބަބުން އެގައުމަށް ނޭވާލާން ވަރަށް ބޮޑަށް ޖާގަ ލިބޭކަމަށާއި، ޚާއްސަކޮށް ވޮޝިންޓަނާ ދެކޮޅަށް މަސައްކަތް ކުރުމުގައި، ހަނގުރާމައިގެ ސްޓްރެޓެޖީއަށް ބަލާއިރު އިސްރާއީލަށް ވިސްނައިދެވިފައި ނުވާކަމަށެވެ.

ލުބްނާނާއި ސީރިއާ އަދި އީރާނުގައި ހަމަނުޖެހުން އުފެދިގެން ނުދިއުމަށް އެމެރިކާއިން މަސައްކަތް ކުރަމުން އަންނައިރު، ދިމިޝްގުގައި ހުންނަ އީރާނުގެ ކޮންސިއުލޭޓަށް އޭޕްރީލް މަހުގެ އެއްވަނަ ދުވަހު ދިން ހަމަލާއަކީ އިސްރާއީލުގެ މައްޗަށް ވަރަށް ބޮޑަށް ތުހުމަތުކުރެވޭ ހަމަލާއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އިސްރާއީލަށް ތާއީދުކުރުމުގައި ދެމިހުންނާނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވައުދުވެވަޑައިގެންނެވި ނަމަވެސް، އެކަން ބަރޯސާވެފައިވަނީ އަސްކަރިއްޔާގެ ކެތްތެރިކަމާއި ޣައްޒާގެ އިންސާނީ ހާލަތު ރަނގަޅުކުރުމުގެ މައްޗަށެވެ.

ޣައްޒާގައި އަދިވެސް ބަންދުކޮށްފައި ތިބި މީހުންގެ މާޔޫސްކަމާއި ރުޅިގަދަ އާއިލާތަކުގެ ޕްރެޝަރު ވެސް ނަތަންޔާހޫއަށް ވަނީ ކުރިމަތިވެފައެވެ.

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ދިން ހަމަލާގައި ފަލަސްތީނުގެ ހަނގުރާމަވެރިން 250އްހާ މީހުން އަތުލައިގަތްއިރު، އޭގެތެރެއިން 129 މީހުން އަދިވެސް ވަނީ ހިފަހައްޓާފައެވެ. އޭގެތެރެއިން 34 މީހުން މަރުވެފައިވާކަމަށް އަސްކަރިއްޔާއިން ބުނެއެވެ.

ނޭވާ ހިފަހައްޓައިލުން

ހަމާސްއަށް އެއްވެސް ލުޔެއް ދިނުމަށް ނަތަންޔާހޫގެ ހަރުކަށި ފިކުރުގެ ބައިވެރިން ދެކޮޅު ހެދުމުގެ ސަބަބުން، އިސްރާއީލުގެ ވެރިކަންކުރާ ކޯލިޝަން ރޫޅިދާނެކަމަށް ބައިމަން ވިދާޅުވިއެވެ.

ބައިމަން ވިދާޅުވީ މިއީ ނަތަންޔާހޫ ފަދަ ސިޔާސީ އެދުންތަކަށްވުރެ ގައުމު އިސްކުރަން މަޝްހޫރު ނުވާ މީހަކަށް ހަގީގީ އުނދަގުލެއް ކަމަށެވެ.

އާބިދީ ވިދާޅުވީ ޣައްޒާގައި ތިބި ހަމާސް ޖަމާއަތުގެ އެންމެ އިސް އެއްވެސް ޖަމާއަތެއް ހިފެހެއްޓިޔަސް ނުވަތަ މަރާލައިފިނަމަ ވެސް ނަތަންޔާހޫއަށް ކާމިޔާބު ލިބޭނެ ގޮތެއް އޭނާއަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ.

ޚާއްސަކޮށް އިސްރާއީލުގެ އޮފިޝަލުން ދަނީ ޣައްޒާގައި ހަރަކާތްތެރިވާ ހަމާސް ޖަމާއަތުގެ ވެރިޔާ ޔަހްޔާ ސިންވާރާއި އެ ޖަމާއަތުގެ އަސްކަރީ ގޮފީގެ ލީޑަރު މުހައްމަދު ދީފަށް ހަމަލާތައް އަމާޒު ކުރަމުންނެވެ.

ހަމާސްގެ އަމާޒަކީ ބައިނަލްއަގުވާމީ ޕްރެޝަރުގެ ސަބަބުން އެންމެ ފަހުން ހަނގުރާމަ ނިމުމަކަށް އަންނާނެކަމުގެ އުއްމީދުގައި ނޭވާ ހިފަހައްޓާލައިގެން ތިބުންކަމަށް އޭނާ ވިދާޅުވިއެވެ.

އާބިދީ ވިދާޅުވީ، ހަނގުރާމައިގެ ސަބަބުން ޣައްޒާގެ ހާލުގައި ޖެހިފައިވާ އަދި ބަނޑުހައިހޫނު އާބާދީގެ ހައްގުގައި ހަމާސްއަށް ވެސް ދޫދޭނެ މަޖުބޫރުވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ހަމާސްއާ ނުލައި އޮންނަ މުސްތަގުބަލެއް ކަމަށް ނަތަންޔާހޫ ވައުދުވި ނަމަވެސް، އިސްލާމީ ހަރަކާތުން މިހާރުވެސް ތައްޔާރުވަމުން ދަނީ އޭގެ އަނެއް ދުވަހަށް ކަމަށެވެ.

އެހެންކަމުން މުޅި ހަނގުރާމައިގެ ފޯކަސް ދާގޮތުންނާއި، ހަމާސް ނައްތައިލެވުނަސް މުސްތަގުބަލުގައި އިސްރާއީލަށް އަދިވެސް އޮތް ބިރުވެރިކަމާމެދު ނަތަންޔާހޫއަށް ބިރުހީވާތީ އަދިވެސް މި ހަނގުރާމަ ހުއްޓާލަން ނުވަތަ މެދުކަނޑާލަން އިސްރާއީލުން ހަގީގަތުގައި ބޭނުމެއްނުވެއެވެ. 6 މަސްދުވަސްވީ ދިގު ގަތުލުއާންމު ހުއްޓައިނުލެވި "ހަތަރުއަނގޮޅިއެއްގެ މެދުގައި" އަދިވެސް މަޝްވަރާތައް އޮތީ އެހެންވެކަމުގައި މި ހަނގުރާމަދިރާސާ ކުރައްވާ ބޭފުޅުން ދެކިވަޑައިގަންނަވައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް