ހުކުރު ދުވަހުގެރޭ މާފުށި ޖަލަށް ގިނަ އަދަދެއްގެ ތަކެތި، ވަގަށް އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކުރަން މަސައްކަތް ކުރުމުގެ ތެރޭގައި ވަޅިން ހަމަލާދީ ޒަޚަމްކޮށްލި ޕޮލިސް ކޮންސްޓަބަލް އަލީ ރައްޒާންގެ އިތުރު ބޮޑު އޮޕަރޭޝަނެއް ކުރުމަށް ތައްޔާރުވެއްޖެއެވެ.
ފުލުހުންގެ މީޑީއާ އޮފިސަރ ވިދާޅުވީ، ރައްޒާންއަށް ދިން ހަމަލަ އާއި ގުޅިގެން ހުކުރު ދުވަހުގެރޭ ކުރެވުނު އޮޕްރޭޝަންގައި ފާހަގަކުރެވިފައިނެތް އިތުރު ގެއްލުންތަކެއް އޭނާގެ ފުއްޕާމެއަށް ލިބިފައިވާ ކަމަށް ޑޮކްޓަރުން މިހާރު ލަފާކުރާ ކަމަށެވެ. އެހެންކަމުން، ރައްޒާންގެ ފުއްޕާމޭގެ ބޮޑު އޮޕަރޭޝަނެއް ކުރުމަށް ޑޮކްޓަރުން ނިންމާފައިވާ ކަމަށާ، އޮޕަރޭޝަން ކުރުމަށް މިހާރު ތައްޔާރުވަމުންދާ ކަމަށްވެސް އޮފިސަރ ވިދާޅުވިއެވެ.
މާފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ރައްޒާނަށް ހަމަލަދިނީ މާލެ އިން މާފުއްޓަށް ދިޔަ ލޯންޗަކުން ޖަލަށް އެއްޗެހިތަކެއް ވައްދަން އުޅޭ ކަމަށް ތުހުމަތު ކުރެވިގެން އެ މީހުން ހިފަހައްޓަން އުޅުމުގެ ތެރޭގައެވެ. ހުކުރު ދުވަހުން ފެށިގެން، އައިޖީއެމް ހޮސްޕިޓަލްގައި ރައްޒާނަށް ފަރުވާ ދެމުންދާއިރު، އޭނާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން މީގެ ކުރިން ވަނީ ބުނެފައެވެ.
ފުލުހުން ބުނިގޮތުގައި ރައްޒާނަށް ހަމަލަ ދިން ހ. ކުއްޅަވައްމާގޭ އަޒުހަރު އިބްރާހީމަކީ ތަފާތު އެކި ކުށްތަކުގައި ޝާމިލްވެ އެތައް ފަހަރެއްގެ މަތިން ފުލުސް އޮފީހަށް ހާޒިރު ކުރި މީހެކެވެ.
އަޒުހަރުގެ އިތުރުން މި މައްސަލައިގައި ހައްޔަރުކުރި އަނެއް ތިން މީހުންގެ ތެރެއިން ދެ މީހެއްގެ ބަންދުގެ މުއްދަތަށް ކްރިމިނަލް ކޯޓުން 10 ދުވަސް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ތިންވަނަ މީހާ ކަމުގައިވާ އުމުރުން 18 އަހަރު ނުފުރޭ ކުޑަކުއްޖާ، ބަންދުގެ މުއްދަތު ޖެހުމަށް ޖުވެނައިލް ކޯޓަށް ގެންދިއުމުން އެ ކޯޓުން އެކުއްޖާ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ހުކުރު ދުވަހުގެރޭ އަޒުހަރު އަތުން ފެނުނު ދެ ގޯނީގެ ތެރެއިން ފުލުހުން ވަނީ ގިނަ އަދަދެއްގެ ފޯނާއި ޗާޖަރާއި ބެޓަރީ އާއި ހެޑް ސެޓް އަދި ހީނާފަތްފަދަ ތަކެތި ހޯދާފައެވެ.