ކ. މާލެ
|
12 އޭޕްރިލް 2024 | ހުކުރު 16:45
ތިމަރަފުށީ ކެމްޕެއިންގައި ސަރުކާރުގެ ވަޒީރުން ހަރަކާތްތެރިވަނީ
ތިމަރަފުށީ ކެމްޕެއިންގައި ސަރުކާރުގެ ވަޒީރުން ހަރަކާތްތެރިވަނީ
ތިމަރަފުށީ ދާއިރާ
ޓިކެޓް ލިބުނު ކެނޑިޑޭޓް ބަހައްޓާފަ ސަރުކާރު ވަޒީރުން އެހެން ކެނޑިޑޭޓެއްގެ ފަހަތުގައި، ރައީސަށް ނޭނގެނީބާ؟
 
ބައެއް ދާއިރާތަކަށް ޕީއެންސީގެ ޓިކެޓު ހޯދި ފަރާތްތަކުގެ ބަދަލުގައި ރައީސް މުއިއްޒު ވަކި ކެންޑިޑޭޓުންތަކެއް ނެރެމުންދާ ކަމުގެ އަޑުތައް ސޯޝަލް މީޑިއާގައި ވަނީ ފެތުރިފަ

މިއީ ފަހަކަށް އައިސް އެ ދާއިރާ އެއްގެ ވާހަކަ ލައްކަ ގިނައިން ދެކެވޭ ދާއިރާއެކެވެ. އެއީ ތިމަރަފުށީ ދާއިރާގެ ވާހަކައެވެ. އެ ދާއިރާއަށް ޕީއެންސީގެ ޓިކެޓު ޕްރައިމަރީއަކާ ނުލައި ދީފައިވަނީ ރައީސް މުއިއްޒުގެ ކުރީގެ ޕާސަނަލް އެސިސްޓަންޓު އިބްރާހިމް ސަނާހު (ސަންޓޯ) އަށެވެ. ސަނާހު އަށް ވަނީ ޓިކެޓުގެ ލިޔުން ވެސް ހަވާލުކޮށްފައެވެ. އެހެންނަމަވެސް ލިޔުން ފިޔަވާ ޕާޓީގެ ފަރާތުން އޭނާ އަށް ލިބުނު އެއްޗެއް ހަމަ ހަރާމެވެ. އެހެން މި ދަންނަވަން ޖެހެނީ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ތިމަރަފުށީ ގޮނޑިއަށް ވާދަކުރާ ކެންޑިޑޭޓު ބާކީކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތާއީދު ކުރައްވާ ކެންޑިޑޭޓު، އަހުމަދު ރިޔާޒުގެ ކެމްޕޭނު ޖަގަހަ ހުޅުވުމަށް އެރަށަށް ސަރުކާރުގެ ދެ މިނިސްޓަރުން ވަޑައިގެންނެވި މަންޒަރު ފެނުމުންނެވެ.

އެކަމާއި ހުރެ އެރަށު ޕީއެންސީ މެންބަރުން ރުޅިގަދަވެ، މުޒާހަރާ ކުރަންފެށުމުން ވަލު ދޮރާށިން ވަދެ ޖަގަހަ ހުޅުވާ ހިސާބަށް ކަންކަން ދިޔަ ކަމަށް އާއްމު މީހުން އެބަ ބުނެއެވެ. މީސްމީޑިއާއިން ފެނުނު މަންޒަރަކީ ޓިކެޓް ލިބުނު ކެނޑިޑޭޓް ބެރިކޭޑެއްގެ ފަހަތުގައި ހުންނެވި މަންޒަރެވެ. މޫނުމަތިން ފެނުނީ މާޔޫސްކަމެވެ. ވާނީވެސް އެހެންތާއެވެ. ސަރުކާރު ހިންގާ ޕާޓީގެ ޓިކެޓް އެކަކަށް ރައީސްގެ އަރިސް ބޭފުޅުންގެ ތާއީދު އަނެއް ބޭފުޅަކަށް ދެއްވާތަން ފެނުމުން އެކަމާއި މާޔޫސް ނުވާނީ ކާކުތޯއެވެ. މިކަހަލަ ހުރިހާ ކަމެއް އެނގުމުން ރައީސް ޑރ.މުހައްމަދު މުއިއްޒު ދެއްވަނީ ވެސް ހަމައެހާމެ މާޔޫސްކުރުވަނިވި ޖަވާބެކެވެ.

އެއީ އެކަންކަން އެހެން ހިނގާކަން ނޭނގޭ ވާހަކައެވެ. ރައީސް ދައްކަވާ ވާހަކަފުޅާ އަމަލަކާއި ހިލާ ދިމާވާ ގޮތެއް ނުވެއެވެ. ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ތިމަރަފުށީ ދާއިރާއަށް ޕްރޮގްރެސިވް ކޯލިޝަނުގެ ކެންޑިޑޭޓަކު ހުއްޓައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތާއީދު ކުރައްވަނީ މިހާރު އެ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުﷲ ރިޔާޒުގެ ބޭބެ އަހުމަދު ރިޔާޒަށް ކަމަށް ރައީސް އޮފީހުގެ ދެ މިނިސްޓަރަކު ވިދާޅުވި ހިސާބުން ވެސް ރައީސް އެކަމަށް ރިއެކްޓެއް ނުކުރައްވައެވެ. އިނގޭ ކަމަށް ވެސް ހަދާނުލައެވެ. ދެން މި ހުރިހާ ކަމެއް ހިނގަނީ ރައީސް އަށް އެނގިވަޑައި ނުގެން ކަމަށް ޤަބޫލުކުރަންވީތޯއެވެ.

ތިމަރަފުށީ ދާއިރާއަށް އަހުމަދު ރިޔާޒު ވާދަ ކުރައްވަނީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގަ އެވެ. ސަރުކާރުގެ ކެންޑިޑޭޓަކީ ރިޔާޒު ކަމަށް ވިދާޅުުވެ ރައީސް މުއިއްޒު އެ ޔަގީންކަން ދެއްވަމުން ދާއިރު އަނެއްކޮޅުން ރައީސް ވިދާޅުވަނީ ޕާޓީ ޓިކެޓް ލިބުނު މީހުން ނޫން ބަޔަކު އެންޑޯސްނުކުރައްވާ ކަަމަށެވެ. އާއްމުންގެ ޝުއޫރުތައް ހުރިގޮތް އެހެރަ ފެންނަނީއެވެ. އާއްމުން ނުރުހިގެން މުޒާހަރާ ކުރާއިރު އަމިއްލަ ކެނޑިޑޭޓްގެ އަރިިހުގައި ސަރުކާރުގެ ވަޒީރުން ތިއްބެވުން އެއީ މިހާތަނަށް ސަރުކާރަކުން ދެއްކި މަންޒަރެއް ނޫނެވެ. މިފަދަ ކަންކަން ފެނުނުމުން ޕާޓީގައި ރައީސްގެ ކޮންޓްރޯލެއް ނެތީތޯ ސުވާލު އުފެދެއެވެ. ނޫނީ ޙުދު ރައީސަށް ވެސް އެމަނިކުފާނުގެ ސްޓޭންޑް ނުވަތަ ނިންމެވުން ސާފު ނުވަނީތޯއެވެ؟

ރައްޔިތުންގެ މަޖިލީހުގެ މި އިންތިހާބުގައި ހޮވާ 93 ދާއިރާއަށް ވެސް ޕީއެންސީއިން ކެންޑިޑޭޓުން ނެރޭއިރު، ބައެއް ދާއިރާތަކަށް ޕީއެންސީގެ ޓިކެޓު ހޯދި ފަރާތްތަކުގެ ބަދަލުގައި ރައީސް މުއިއްޒު ވަކި ކެންޑިޑޭޓުންތަކެއް ނެރެމުންދާ ކަމުގެ އަޑުތައް ސޯޝަލް މީޑިއާގައި ވަނީ ފެތުރިފަ އެވެ. އަމިއްލަ ކެނޑިޑޭޓުންނަށް ސަޕޯޓް ކުރައްވަނީ އިންތިޚާބް ނިމުމުން އެމެމްބަރުން "ގަނެލަން" ފަސޭހައަކަށް ކަމަށްވެސް އަޑު ވަނީ ފެތުރިގައެވެ. މިފަދަ ހުރިހާ ކަމެއް ހިނގާ އަމިއްލަ ޕާޓީގެ މެމްބަރުން މާޔޫސްވުމުން ދެއްވާ ޖަވާބަކީ އެކަން ހިނގިކަން އިނގިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވެ ދެއްވާ ޖަވާބެވެ. އަޖައިބުވެ ހައިރާނެއް ނުވާނެތޯއެވެ؟

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް