ކ. މާލެ
|
6 އޯގަސްޓް 2017 | އާދީއްތަ 11:24
ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން
ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން
މުހައްމަދު ޝަރުހާން
ސައުދުއާއި ހަނީފް
ސައުދުއާއި ހަނީފްގެ މައްޗަށް ކުރާ ޓެރަރިޒަމުގެ ދައުވާގެ ލިޔެކިޔުން ބަދަލުކޮށްފި
ކޯޓަށް ހާޒިރުކުރީ ސައުދުގެ މަންމަ ނިޔާވިތާ ގަޑިއެއްހާއިރުގެ ތެރޭގައި
ކުށް ސާބިތުވެއްޖެނަމަ 17 އަހަރާއި 20 އަހަރުގެ ޖަލު ހުކުމެއް
ސައުދު މިހާރުވެސް ހުންނެވީ ފުލުހުންގެ ބަންދުގައި

ހައިކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާން އަވަހާރަ ކޮށްލަން ރޭވި ކަމަށް ބުނާ މައްސަލައާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިނާއި، އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ހަނީފްގެ މައްޗަށް ކުރާ ދައުވާގެ ލިޔެކިޔުންތައް ހަވާލުކޮށްފި އެވެ.

ފަނޑިޔާރު ޝުޖާއު އަވަހާރަ ކޮށްލަން ރޭވި ކަމަށް ބުނާ މައްސަލައާ ގުޅިގެން ސައުދުއާއި ހަނީފްގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިޒަމުގެ އަމަލެއް ހިންގަން ރޭވުމުގެ ކުށުގެ ދައުވާ އެވެ. ސައުދުއާއި ހަނީފްގެ މައްޗަށް ދައުވާ  އުފުލާފައި ވަނީ ޖުލައި މަހުގެ 20 ވަނަ ދުވަހު އެވެ.

ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން ކޮށްފައިވާ އެ ދައުވާ ސާބިތު ވެއްޖެނަމަ ސައުދުއާއި ހަނީފްގެ މައްޗަށް 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ދައުވާގެ އިބްތިދާއީ އަޑުއެހުން ބޭއްވުމުގެ ކުރިން މައްސަލައިގެ ލިޔެކިޔުންތައް ހަވާލު ކުރަންޖެހެ އެވެ. އެގޮތުގެ މަތިން އާދިއްތަ ދުވަހުގެ ހެނދުނު 10:00 ހާއިރު ސައުދުއާއި ހަނީފް ކްރިމިނަލް ކޯޓަށް ހާޒިރުކޮށް މައްސަލައިގެ ލިޔުންތައް ވަނީ ހަވާލު ކޮށްފަ އެވެ.

ލިޔެކިޔުންތައް ހަވާލު ކުރުމަށް ސައުދު ކޯޓަށް ހާޒިރުކޮށްފައި ވަނީ އޭނާގެ މަންމަ ނިޔާވިތާ ގަޑިއެއްހާއިރުގެ ތެރޭގަ އެވެ. ސައުދު ކޯޓަށް ހާޒިރުކުރީ ހޮސްޕިޓަލަށް ގެންދިއުމެއް ނެތި އެވެ.

ގްރޫޕެއް ފޮނުވައިގެން ފަނޑިޔާރު ޝުޖާއު "އަވަހާރަކޮށްލަން" އުޅުނު ކަމުގެ ތުހުމަތުގައި ޖޫން މަހުން ފެށިގެން ދެ ފަހަރެއްގެ މަތިން ސައުދު ފުލުހަށް ހާޒިރުކޮށް ސުވާލު ކޮށްފައިވެއެވެ. އެ މައްސަލައިގައި ސައުދުއާ ސުވާލު ކުރިއިރު، އެ މައްސަލައާ ގުޅިގެން ހަނީފް ހައްޔަރު ކޮށްފައި ގިނަ ދުވަސްތަކެއް ވަންދެން ބެހެއްޓި އެވެ.

ފަނޑިޔާރު ޝުޖާއުއާއި, ހަނީފްގެ އިތުރުން ސައުދުއަކީ ގއ. ވިލިނގިއްޔަށް ނިސްބަތްވާ ތިން ބޭފުޅުންނެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހެއްކެއްގެ ގޮތުގައި ހަނީފާއި ސައުދާ ދެކޮޅަށް ފުލުހުން ބޭނުން ކުރަމުންދަނީ އައްޑޫ ބަހުން ދެމީހަކު  ވާހަކަ ދައްކާ އޯޑިއޯއަކާއި، ސަރުކާރުގެ ކޯޑިނޭޓަރަކު ދީފައިވާ  ބަޔާނެކެވެ.

ސައުދުގެ މައްޗަށް ދައުވާ އުފުލިއިރު، މިހާރު ވެސް އޭނާ ހުންނެވީ ފުލުހުންގެ ބަންދުގަ އެވެ. އޭނާ ބަންދު ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީޙުން ކަނޑައަޅާފައިވަނިކޮށް، ފުލުހުންގެ ސަފުތައް ފަޅާލައި ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަދެފައިވާ ކަމުގެ ތުހުމަތުގަ އެވެ. ސައުދުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެވެ. 

އެ މައްސަލަ އޭނާ ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމުން އެ ކޯޓުން ވަނީ މައްސަލަ ބަލައިގެންފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް