ކ. މާލެ
|
9 އޭޕްރިލް 2024 | އަންގާރަ 15:47
މަގުމަތީގައި މީހުންތަކެއް
މަގުމަތީގައި މީހުންތަކެއް
ރާއްޖެއެމްވީ
ޖިނާއީ މަސްއޫލިއްޔަތު
ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރު ދަށްކުރުމުން، މިހާރަށްވުރެވެސް އުމުރުން ހަގުކުދިން ގޭންގުތަކަށް ރެކްރޫޓުކުރުމުގެ ބިރު އެބައޮތް
 
11 އަހަރާ 14 އަހަރާ ދެމެދުގެ 200އަށްވުރެ ގިނަ ކުދިންގެ ކުށުގެ މައްސަލަތައް ކަމާބެހޭ އިދާރާތަކަށް ހުށަހެޅިފައިވޭ
 
ކުށްކުރުމަށް ކުޑަކުދިން ރެކްރޫޓް ކުރުމަކީ ގާނޫނުގެ ދަށުން 3 އަހަރުގެ ޖަލު ހުކުމެއް އަތުވެދާނެފަދަ ކުށެއް
 
ޖިނާއީ ކުށުގެ ގާނޫނީ ޒިންމާ އުފުލަންޖެހޭ އުމުރެއްގެ ގޮތުގައި މިހާރު އޮންނަނީ އުމުރުން 15 އަހަރު

ޖިނާއީ ކުށުގެ ގާނޫނީ ޒިންމާ އުފުލަންޖެހޭ އެންމެ ދަށް އުމުރެއްގެ ގޮތުގައި މިހާރު އޮންނަނީ އުމުރުން 15 އަހަރެވެ. އެގޮތުން ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 27 ވަނަ މާއްދާގައި، ކުޑަކުދިން ކުށުގެ ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރަކީ 15 އަހަރުކަމަށް ވަނީ ބަޔާންކޮށްފައެވެ.

އެހެންކަމުން އެކަމުގެ ނާޖާއިޒު ފައިދާ ނަގައި، ގޭންގުތަކުންނާއި އެކި ކަހަލަ ކުށްކުރާ ނެޓްވޯރކްތަކުން، އެ އުމުރަށްވުރެ ދަށުގެ ކުދިން "ރެކްރޫޓްކޮށްގެން" ކުށްތަކުގައި ބައިވެރިކުރަމުންދެއެވެ. ސަބަބަކީ އެ ކުދިން ކުށުގެ ޒިންމާ ނަގަން ނުޖެހޭތީއެވެ.

އެގޮތުން ބަލާއިރު، ޑްރަގް މައްސަލަތަކުގެ އިތުރުން މީހުން ރަހީނު ކުރުމާއި، ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމާއި، މާރާމާރީއާއި ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރުމާއި، ސްކޫލަށް ގެއްލުންދޭން މަސައްކަތް ކުރުންފަދަ އެތައް މައްސަލައެއްގައި ކުޑަކުދިން މިއަދު ދަނީ ހަރަކާތްތެރިވަމުންނެވެ.

ފުލުހުން ބުނާގޮތުގައި މާލޭ ސަރަހައްދުން ކުޑަކުދިންނާގުޅޭ ޑްރަގްގެ މައްސަލަތައް 10،000ށްވުރެ ގިނައެވެ. އޭގެތެރޭގައި ޑްރަގް ބޭނުންކުރުމާއި، ވިއްކުމާއި، ވިޔަފާރިކުރުމުގެ އެތައް މައްސަލައެއް ހިމެނެއެވެ. ޑްރަގް ވިއްކުމުގެ މަސައްކަތުގައި 10 އަހަރުގެ ކުޑަކުދިންވެސް ހިމެނޭކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، 11 އަހަރާއި 14 އަހަރުގެ 200އަށްވުރެ ގިނަ ކުޑަކުދިންގެ ކުށުގެ މައްސަލަތައް ކަމާބެހޭ އިދާރާތަކަށް ހުށަހެޅިފައިވެއެވެ. އޭގެ ތެރޭގައިވެސް ގިނައީ ގޭންގްތަކުން ރެކްރޫޓްކޮށްގެން އެކިކަހަލަ ކުށްތަކުގައި ބޭނުންކުރަމުންދާ ކުދިންނެވެ.

ކަން އެހެންއޮއްވައި، ޖިނާއީ ކުށުގެ ގާނޫނީ ޒިންމާ އުފުލާ އުމުރު ދަށްކުރުމުން، އެއަށްވުރެ ކުޑަކުދިން ''އެކްސްޕްލޮއިޓްކޮށް" ނުވަތަ ކުދިންގެ ނާޒާއިޒު ފައިދާ ނެގުމުގެ ފުރުސަތު ބޮޑުވުމުގެ ފުރުސަތު އޮވެއެވެ.

އެހިސާބުން އަނެއްކާވެސް ގޭންގްތަކުގެ ޝިކާރައަކަށް ވެގެންދާނީ އެއަށްވުރެ ކުޑަކުދިންނެވެ. އެހެންކަމުން އެއީ މުޅިން ހައްލެއް ކަމަކަށް ނުފެނެއެވެ.

ރާއްޖޭގައި ޑްރަގް ވިޔަފާރި ފުޅާވެ، ކުޑަކުދިން މިކަމުގައި ބައިވެރިވާ މިންވަރު އިތުރުވެފައިވާއިރު، ކުޑަކުދިން ކުށުގެ ވެއްޓަށް ވައްދައި "ގްރޫމް"ކޮށް "އެކްސްޕްލޮއިޓް"ކުރާ މީހުންނަށް ހަރުކަށި އަދަބު ދޭންޖެހެއެވެ. ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން އެކްސްޕްލޮއިޓޭޝަންގެ އަމަލެއްގެ ޝިކާރައަކަށްވެފައިވާ، ނުވަތަ އެފަދަ އަމަލެއްގެ ޝިކާރައަކަށް ވެދާނެ މާހައުލެއްގައި ދިރިއުޅެމުންދާ ކުދިންނަކީ ވަކި ޚާއްސަ އަޅާލުމަކާއި ރައްކާތެރިކަން ބޭނުންވާ ކުދިންނެވެ. ކުޑަކުދިން މިފަދައިން އެކްސްޕްލޮއިޓް ކުރުމަކީ ކުށެއްކަމަށް މި ގާނޫނުގައި ސާފުކޮށް ވަނީ ބަޔާންކޮށްފައެވެ.

ގާނޫނުގައި ބުނާގޮތުން، މަޖުބޫރު ކުރުވައިގެން ނުވަތަ ބިރުދައްކައިގެން ނުވަތަ އޮޅުވާލައިގެން ކުޑަކުއްޖަކު ލައްވައި މަސައްކަތް ކުރުވުމާއި، ޖިނާއީ ކުށެއް ކުރުމުގައި ކުޑަކުއްޖަކު ބޭނުންކުރުމާއި، އެފަދަ ކުށްކުރުމަށް ކުޑަކުދިން ރެކްރޫޓް ކުރުމަކީ މި ގާނޫނުގެ ދަށުން 3 އަހަރުގެ ޖަލު ހުކުމެއް އަތުވެދާނެފަދަ ކުށެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް