ޕީއެންސީގެ ވަގުފޯމުގެ މައްސަލަ ފުލުހުން ބަލަމުންދާކަމުގެ ކަށަވަރުކަން ދީފައިވާ ކަމަށް އެމްޑީޕީން ބުނެފިއެވެ.
ޕީއެންސީ އަށް މެމްބަރުން އިތުރުކުރަން މީހުންގެ ޒާތީ މައުލޫމާތުން ވައްކަން ކުރި މައްސަލައިގެ ތަހުގީގުގެ ވާނުވާ ބަލަން އެމްޑީޕީ އިން ފުލުހަށް ދިއުމަށްފަހު ރާއްޖެޓީވީއާއި ވާހަކަދައްކަވަމުން އެމްޑީޕީގެ ލީގަލް ޓީމުގައި ހިމެނިވަޑައިގަންނަވާ މަހުފޫޒް ސައީދު ވިދާޅުވީ އެމްޑީޕީން ހުށަހަޅާފައި ހުރި މައްސަލަތައް ފުލުހުން ބަލަމުންދާ ކަމަށް ފުލުހުން ކަށަވަރުކަން ދެއްވި ކަމަށެވެ. މަހުފޫޒް ވިދާޅުވީ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ވަގުފޯމުތަކުގައި ހެކިންގެ ގޮތުގައި ސޮއިކޮށްފައިވާ ފަރާތްތަކުގެ މައްސަލަ ވަކިން ހާއްސަކަމެއް ދެއްވައިގެން ބަލާނެކަމަށާއި، އެއީ ބެލޭނެ މައްސަލަތަކެއް ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ. މި ފޯރމް ތަކުގައި ސޮއިކޮއްފައިވާ ފަރާތްތަކުގެ ތެރޭގައި ޕީއެންސީ އަށް ނިސްބަތްވާ މަޖިލިސް ދެ މެމްބަރުން ވެސް ހިމެނިވަޑައިގަންނަވަ އެވެ. އެއީ ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް އާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޢަފޫ ހާމިދު އެވެ.
މަހުފޫޒް ވިދާޅުވީ އެމްޑީޕީން ހުށަހެޅި މައްސަލަތައް ބަލާކަން ފުލުހުންގެ ފަރާތުން ހާމަކުރަން ޖެހެނީ މި މައްސަލައަކީ ވަރަށް ގިނަ ބައެއްގެ ޒާތީ މައުލޫމާތާއި ގުޅުންހުރި މައްސަލައަކަށްވާތީއާއި ގިނަ ބަޔަކު އެ ޝަކުވާތައް ހުށަހަޅާފައިވާތީ ކަމަށެވެ. މަހުފޫޒް ވިދާޅުވީ މި މައްސަލައަށް ބަލާއިރުގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އިހުސާނަކީ މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތަށް ވެފައި މިނިސްޓަރު އިހުސާން އިސްވެ ހުންނަވައިގެން ޒާތީ މައުލޫމާތު ވަގަށް ނެގިކަމުގެ ދަލީލު ލިބޭ ވަރަށް ގިނަ ކަންކަން ލިބިފައިވާ ކަމަށެވެ.
ފެންނަން ހުރި ފޮޓޯތަކާއި، ހާއްސަކޮށް ސްޓޭޓް މިނިސްޓަރު މަޖީދު ދެއްވި އިންޓަރވިއުގައި މިނިސްޓަރު މަޖީދުގެ ބެއްލުވުމުގެ ދަށުން މިކަން ހިނގައިދިޔައީކަން. އެހެންވީމާ ވަގުފޯމު ފުރުމުގެ މައްސަލައާއި ސަރުކާރުގެ އިދާރާއެއްގެ ތެރޭގައި ސިޔާސީ މަސައްކަތް، ވަކި ސިޔާސީ ޕާޓިއެއްގެ ފޯމު ފުރުމުގެ މަސައްކަތުގައި ބައިވެރިވެފައިވާކަން އެބައޮތް ހާމަވާން. އެހެންވީމަ އަޅުގަނޑުމެން ފުލުހުންގެ އަރިހުން އެދުނިން ތިބޭފުޅުންގެ ތަހުގީގަށް ނުރަނގަޅު ނުފޫޒެއް ނުފޯރާނެކަމުގެ ކަށަވަރުކަން އަޅުގަނޑުމެންނަށް ދިނުމަށް. އެބޭފުޅުން އެ ޔަގީންކަން ދެއްވި. މިނިސްޓަރު މިކަމުގައި ވަކިގޮތެއް ހެއްދެވުމަށް ތިމަންނާމެންނަށް އިރުޝާދެއް ދީފައިނެތޭ. އަދި އެފަދަ އިރުޝާދެއް އައިކަމުގައިވީނަމަވެސް އެބޭފުޅުން އެ އިރުޝާދަކަށް ތަބާ ނުވާނެ. އަދި އަދާކުރަންޖެހޭ ޒިންމާ އަދާކުރާނެކަމުގެ ޔަގީންކަން ދެއްވި.އެމްޑީޕީގެ ލީގަލް ޓީމުގައި ހިމެނިވަޑައިގަންނަވާ މަހުފޫޒް ސައީދު
މަހުފޫޒް ވިދާޅުވީ މި މައްސަލަ ބަލަމުންގެންދިއުމާ މެދުގައި އާންމުކޮށް ވަކި ވާހަކައެއް ވިދާޅުވުމަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ސުޖާއާއި މަޝްވަރާކުރެއްވުމަށްފަހުގައި ނިންމުމެއް ނިންމަވާނެކަމަށް ފުލުހުން ވިދާޅުވި ކަމަށެވެ.
ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީ އިން މި މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި ފުލުހުންގެ އިދާރާގެ އިތުރުން އެންޓި ކަރަޕްޝަން ކޮމިޝަނަށް ވެސް ވަނީ ހުށަހަޅާފައެވެ.
ދައުލަތުގެ ވަސީލަތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ ނާޖާއިޒް ފައިދާ ހޯދަން މަސައްކަތް ކޮށްފައިވާތީ ހޯމް މިނިސްޓަރުގެ އިސްތިއުފާ އަށް ސޯޝަލް މީޑިއާގައި އަންނަނީ ގޮވާލަމުންނެވެ.