ދުވަހުގެ މަސައްކަތް ނިންމާލުމަށް ފަހު އެންމެން ތިބީ ނިދާފަ އެވެ. ކުއްލިއަކަށް ހޭލެވުނީ އަލިފާނުގެ ހޫނާއި، މުޅި އިމާރާތުގެ ތެރޭގައި ބޯވެފައިވާ ކަޅު ދުމުން ކޮށިއަރައިގެންނާއި ނޭވާ ހާސްވެގެންނެވެ. ހުޅުމާލޭގައި ހުންނަ އަމީން ކޮންސްޓްރަކްޝަންގެ ގުދަނާއި ލޭބާ ކްއާޓާޒް ހުންނަ އިމާރާތުގައި ހޮނިހިރު ދުވަހުގެ ރޭ 12:18 ހާއިރު ހިނގި އަލިފާނުގެ މި ހާދިސާގައި ޒަހަމްވެގެންނާއި ދުމުގެ އަސަރުކޮށްގެން ޖުމުލަ 31 މީހަކު ހޮސްޕިޓަލަށް ގެންދިޔަ އެވެ.
ހުޅުމާލޭ އިންޑަސްޓްރިއަލް ޒޯނުގައި ތިން ބުރިއަށް ހަދާފައިވާ މި އިމާރާތުގެ މަތީ ބުރީގައި ހަދާފައިވާ ލޭބާ ކްއާޓާޒްގައި އަލިފާން ރޯވުމާއެކު، ސަލާމަތްވުމަށް އެތަން ބަޔަކު އިމާރާތުގެ މަތިން ފުންމާލި ކަމަށް މަންޒަރު ދުން މީހުން ބުންޏެވެ.
"ވަރަށް ގިނަ ބަޔަކު އެ މީހަކަށް ޖެހުނު ގޮތަކުން އިމާރާތުގެ މަތިން ފުންމާލި، ވަރަށް ގިނަ މީހުންނަށް އެކިވަރުގެ ޒަހްވި، ވަރަށް ގިނަ ބަޔަކު ފިހިގެން ގެންދިޔަ،" މަންޒަރު ފެނުނު މީހަކު ކިޔައިދިނެވެ.
ލޭބާ ކްއާޓާޒްގައި އުޅޭ ބައެއް ބިދޭސީން ބުނި ގޮތުގައި އަލިފާން ރޯވިއިރު އެންމެން ތިބީ ނިދާފައި ކަމަށާއި ގިނަ މީހުންނަށް ހޭލެވުނީ ދުމުގެ ސަބަބުން ނޭވާ ހާސްވެގެން ކަމަށެވެ.
ހުޅުމާލޭ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލް އާޝިޔާ ސޯލިހް ވިދާޅުވި ގޮތުގައި މި ހާދިސާގައި ފަރުވާ ދިނުމަށްޓަކައި 31 މީހަކު ހޮސްޕިޓަލަށް ގެންދިޔަ އެވެ. އެއީ ދެ ދިވެހިންނާއި 29 ބިދޭސީންނެވެ. ޒަހަމްވި ބިދޭސީންނަކީ އިންޑިއާގެ ރައްޔިތުންނާއި ބަންގްލަދޭޝްގެ ރައްޔިތުންނެވެ.
ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު ހޮނިހިރު ދުވަހުގެ ރޭ މެންދަމު 12 މީހަކު އައިޖީއެމްއެޗަށް ގެނައި ކަމަށް، އެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް އަހުމަދު މައުސޫމު ވިދާޅުވި އެވެ.
އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައިވާ މީހުންގެ ތެރެއިން އެކަކަށް އައިސީޔޫގައި ފަރުވާ ދެމުން އަންނައިރު، ފަސް މީހަކަށް އެމަރޖެންސީ ރޫމްގައި އަދި ހަތަރު މީހަކު ވޯޑްގައި ބާއްވައިގެން ފަރުވާ ދެމުން އަންނަ ކަމަށް މައުސޫމް ވިދާޅުވި އެވެ. އައިސީޔޫގައި ފަރުވާ ދެމުންދާ ބިދޭސީ މީހާގެ މޫނާއި އަތުގެ ބޮޑުބައެއް ފިހިފައިވާއިރު އޭނާގެ ހާލުބޮޑުވެފައިވަނީ ދުމުގެ ސަބަބުން ނޭވާއިލާ ނިޒާމަށް އަސަރުކޮށް ކަމަށް މައުސޫމް ވިދާޅުވި އެވެ.
އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ ބައެއް މީހުންނަކީ، އަމީން ކޮންސްޓްރަކްޝްގެ ލޭބާ ކްއާޒުން ފުންމާލި މީހުންނެވެ. އެ މީހުން ހަށިގަނޑުގެ އެކި ތަންތަން ބިންދައިގެންގޮސްފައި ވާއިރު، ބައެއް ތަންތަނުގައި ރެނދުލާފައިވާ ކަމަށް ވެސް މައުސޫމް ވިދާޅުވި އެވެ.
އާސަންދަ ކުންފުނިން ބުނި ގޮތުގައި އަލިފާންގެ ހާދިސާގައި ޒަހަމްވެގެންނާއި ދުމުގެ އަސަރުކޮށްގެން، ހޮސްޕިޓަލްގައި ފަރުވާ ދެމުންދިޔަ 31 މީހުންގެ ތެރެއިން 11 މީހަކު މިހާރު ވަނީ ދޫކޮށްލައިފަ އެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި ހުޅުމާލޭގެ އިންޑަސްޓްރިއަލް ޒޯނުގައި ހުރި މި ގުދަނާއި ލޭބާ ކްއާޓާޒްގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކުރެވިފައިވަނީ އަލިފާން ރޯވިތާ ގާތްގަނޑަކަށް ގަޑިއިރަށް ވުރެ ގިނައިރު ފަހުންނެވެ. އެއީ ދަންވަރު 1:30 ހާއިރު އެވެ.
މި އިމާރާތުގައި އަލިފާން ރޯވި ވަކި ސަބަބެއް ނޭނގެ އެވެ. މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އިން އަންނަނީ ތަހުޤީގު ކުރަމުންނެވެ.
އަމީން ކޮންސްޓަރަކްޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު ވިދާޅުވީ، އަލިފާނުގެ ހާދިސާގައި ގިނަ ބަޔަކު ފުންމާލުމަށް ޖެހުނީ، ސިޑި ހުންނަ ސަރަހައްދުގައި ރޯވުމުގެ ސަބަބުން ކަމަށެވެ. މިހާދިސާގައި ގިނަ މީހުންތަކަކަށް އަނިޔާވެފައިވާ އިރު ތިން މީހެއްގެ މައިބަދައިގައި ރެނދުލާފައިވާ ކަމަށާއި އެތިން މީހުންގެ އޮޕަރޭޝަން މާދަމާ ރާއްޖޭގައި ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެނާ ވިދާޅުވިއެވެ. އަލިފާނުގެ ހާދިސާގައި އަނިޔާވި މީހުންނަށް ފަރުވާ ދިނުމުގެ ހުރިހާ ކަމެއް އަމީން ކޮންސްޓްރަކްޝަނުން ބަލަމުންދާ އިރު އިތުރު ފަރުވާ ހޯދުމަށް އެމީހެއްގެ ގައުމަށް ދާން ބޭނުންވާނަމަ އެކަންވެސް ފަހިކޮށްދޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.