ހާލުބޮޑުވެގެން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އަނެއްކާ ވެސް އެޑްމިޓް ކޮށްފިއެވެ.
ޖުމްހޫރީ ޕާޓީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، އާދީއްތަ ދުވަހުގެ ހެނދުނު ގާސިމް އޭޑީކޭ ހޮސްޕިޓަލްގައި އެޑްމިޓްކުރީ ހިތުގެ އާލާސްކަންފުޅު ބޮޑުވެގެންނެވެ.
ގާސިމް ހޮސްޕިޓަލުގައި އެޑްމިޓްކުރުމާއެކު، މިއަދު 10:30 އަށް ތާވަލްކޮށްފައި އޮތް އޭނާގެ ޝަރީއަތް ވަނީ ކެންސަލްކޮށްފަ އެވެ.
ހިތުގެ އާލާސްކަންފުޅުގައި އެންމެ ފަހުން ގާސިމް އެޑްމިޓްކުރީ ޖުލައި 16 ވަނަ ދުވަހު އެވެ. އެ ދުވަހު އެންމެ ފުރަތަމަ ގާސިމް އެޑްމިޓްކުރީ މެޑިކާ ހޮސްޕިޓަލްގަ އެވެ. ރާއްޖޭން ބޭރަށް ވަޑައިގަންނަވަން އުޅުއްވުމުން، ޕާސްޕޯޓް ހިފެހެއްޓުމުން، އޭނާ އައިޖީއެމްއެޗްގެ އައިސީޔޫއަށް ބަދަލުކޮށް ފަރުވާ ދޭން ފެށި އެވެ.
އޭޑީކޭ ހޮސްޕިޓަލުން ގާސިމް ދޫކޮށްލީ އައިސީޔޫގައި ދިހަ ވަރަކަށް ދުވަހު ފަރުވާ ދެއްވުމަށް ފަހު، ޖުލައި 23 ވަނަ ދުވަހު އެވެ.
ގާސިމްގެ ގާނޫނީ ވަކީލުން ހޮނިހިރު ދުވަހު ނެރުއްވި ނޫސްވެރި ބަޔާނެއްގައި ބުނެފައިވަނީ ގާސިމަކީ ދިގު މުއްދަތަކަށް ހިތާއި ފުއްޕާމޭގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުންދާ ބޭފުޅެއް ކަމަށެވެ. އަދި މިއަހަރުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން ސަރުކާރުން ގާސިމް ބަންދުކޮށްފައި ހުރި ހާލަތުގެ ލާއިންސާނީކަމާއި، ނުތަނަވަސްކަމުން އޭނާގެ ބަލިހާލުކޮޅު އިތުރަށް ގޯސްވެފައިވާ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.
ގާސިމްގެ ވަކީލުން ބުނީ އާލާސްކަންފުޅާ ގުޅިގެން ހަދަންޖެހޭ ޓެސްޓްތައް ރާއްޖެއިން ބޭރުން ހަދަންޖެހޭ ކަމަށް އޭޑީކޭ ހޮސްޕިޓަލާއި މެޑިކާ ހޮސްޕިޓަލުގެ ޑޮކްޓަރުން ލަފާ ދެއްވާފައި ވާތީ، ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދައަށް އެދި ޑޮކްޓަރުންގެ ލިޔުންތަކާއެކު ހުށަހެޅުމުން ވެސް ހުއްދަ ދީފައިނުވާ ކަމަށެވެ.
ގާސިމްގެ ހާލުކޮޅު އިތުރަށް ގޯސްވަމާ ގުޅިގެން އައިޖީއެމްއެޗްގެ ހިތުގެ ހާއްސަ ޑޮކްޓަރަކަށް ދެއްކުމުން، ގާސިމްގެ ހިތުގެ މައްސަލައަށް ފަރުވާ ދިނުމަށްޓަކައި "އީ. ޕީ. އޭ + އާރް. އެފް. ޕީ" ނަމަކަށް ކިޔާ އޮޕަރޭޝަނެއް ކުރަންޖެހޭ ކަމަށާއި އެ އަޮޕަރޭޝަން ރާއްޖެއިން ކުރެވެން ނެތީތީވެ، އޮޕަރޭޝަން ކުރެއްވުމަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ލަފާ ދެއްވާފައިވާ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.
ގާސިމްގެ ވަކީލުން ބުނީ ޕާސްޕޯޓް ހިފަހެއްޓުމަށް ނެރެފައިވާ އަމުރަކީ ޖިނާއީ އަދުލުގެ ނިޒާމުގައި ހިމެނޭ އެއްވެސް މުއައްސަސާއެއްގެ ހުށަހެޅުމަކާ ނުލައި މައްސަލަ ބައްލަވާ ގާޒީގެ އަމިއްލަ އިސްނެންގެވުމެއް ކަމަށެވެ. ބަޔާނުގައި ބުނެފައިވާ ގޮތުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނު އޮތް ގޮތުން އެއްވެސް އިދާރާއެއްގެ ހުށަހެޅުމެއް ނެތި އަމުރު ނެރުމަކީ ކޯޓަށް ގޮތުން ކުރެވޭނެ ކަމެއް ނޫނެވެ. ކްރިމިނަލް ކޯޓުގެ އެ އަމުރު ހައިކޯޓުގައި އިސްތިއުނާފް ކުރުމުން އެ އަމުރު މުރާޖައާ ކުރުމުގެ ފުރުސަތު ކްރިމިނަލް ކޯޓަށް ލިބިގެންވާ ކަމަށް ބުނެ މައްސަލަ ބަލައިގަތުމަށް ވަނީ އިންކާރުކޮށްފަ އެވެ.
ގާސިމްގެ ވަކީލުން ބުނީ ޝަރީއަތުގެ ކޮންމެ އަޑުއެހުމެއްގައި ޕާސްޕޯޓް ހިފަހެއްޓުމަށް ނެރެފައިވާ އަމުރު މުރާޖާ ކޮށް ދެއްވުމަށް އެދެމުންދާ ކަމަށާއި އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އަޑުއެހުމުގައި، އައިޖީއެމްއެޗްގެ މެޑިކަލް ރިޕޯޓްތަކާއި ޑޮކްޓަރު ދެއްވާފައިވާ ލިޔުން ކޯޓަށް ހުށަހެޅުމުން ގޮތެއް ނިންމަވާނެ ކަމަށް ގާޒީ ވިދާޅުވެފައިވާ ކަމަށެވެ. އެގޮތުން ގާސިމްގެ ހިތުގެ މައްސަލައަށް އަވަސް ފަރުވާއެއް ނުދެއްވިއްޖެނަމަ ކުއްލިއަކަށް ފުރާނައަށް ނުރައްކަލެއް ދިމާވެދާނެތީ އަވަސް ސިޓީއެއްގެ ގޮތުގައި ހުކުރު ދުވަހު އެ މައްސަލަ ކޯޓަށް ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް މިހާތަނަށް އެކަމުގައި ގޮތެއް ކަނޑައަޅާފައިނުވާތީ ކަންބޮޑުވާ ކަމަށް ވަކީލުންގެ ބަޔާނުގައި ބުނެފައި ވެއެވެ.
"ގާސިމްގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައަކީ އާންމު އާދައިގެ މައްސަލައެއްކަމަށް މި މައްސަލަ ބައްލަވާ ގާޒީ ވިދާޅުވެފައިވެސް، އެހެން މައްސަލަތަކާ ޚިލާފަށް، މި މައްސަލައިގައި އޮނަރަބަލް ގާސިމް އިބްރާހިމް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމަށް ހުއްދަ ނުދެއްވައި، އެމަނިކުފާނާ މެދު ތަފާތުކޮށް ކަން ކުރައްވަމުންދާކަން ހިތާމައާއެކު ފާހަގަކުރަމެވެ." ބަޔާނުގައި ބުނެފައިވެއެވެ.
ކުށެއް ސާބިތުނުވާ މީހަކީ ކުށެއް ނެތް މީހެއް ކަމަށް ބަލަންޖެހޭނެ ކަމަށް ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ 'އ' ގައި ބަޔާންކޮށްފައިވާކަމާއި، އަދި ގާނޫނު އަސާސީގެ 21 ވަނަ މާއްދާގައި، ހަމަ ކޮންމެ މީހަކަށް ދިރިހުރުމުގެ ހައްގާއި ނަފްސު ރައްކާތެރިކުރުމުގެ ހައްގު ލިބިގެންވާކަމަށް ބަޔާންކޮށްފައިވާކަން ފާހަގަކޮށް ގާސިމްގެ ވަކީލުން ބުނެފައިވަނީ އެއީ ގާސިމަށް ވެސް ލިބިގެންވާ ހައްގުތަކެއް ކަމަށެވެ. ހައްގުތަކަށް އުނިކަން އަންނާނެ އެއްވެސް އަމަލެއް ކުރުމުގެ ނުވަތަ އެފަދަ އަމަލެއްގައި ބައިވެރިވުމުގެ ހައްގު އެއްވެސް މީހަކަށް ނުވަތަ ޖަމާއަތަކަށް ނުވަތަ ދައުލަތަށް ލިބޭނެފަދަ ގޮތަކަށް ގާނޫނުއަސާސީގައި ހިމެނޭ އެއްވެސް މާއްދާއެއް މާނަކޮށް ނުވަތަ ތަރުޖަމާ ކޮށްގެން ނުވާނެ ކަމަށް ގާނޫނު އަސާސީގެ 69 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަން ވެސް ވަކީލުން ފާހަގަކޮށްފައި ވެއެވެ.
ވަކީލުން ބުނެފައިވަނީ، ސަރުކާރުގެ ހޮސްޕިޓާ ހިމެނޭ ގޮތަށް މާލޭގައި ސިއްހީ ހިދުމަތް ދޭ ހުރިހާ ހޮސްޕިޓާތަކުން ގާސިމްގެ ސިއްހީ ހާަތުގެ ނާޒުކުކަމާއި، ކުރަންޖެހޭ ފަރުވާ ސާފުކޮށް ބަޔާންކޮށްދީފައިވަނިކޮށް، އެއިން އެއްވެސް ކަމަކަށް ރިއާޔަތް ކުރުމަށް ނެތި ގާސިމްގެ ޕާސްޕޯޓް ހިފަހައްޓާފައި އޮންނަ އޮތުމަކީ ދައުލަތުގެ މުއައްސަސާތަކުން ކުރާ ގާނޫނާ ޚިލާފް އަމަލެއް ކަމަށާއި ގާނޫނާ ޚިލާފަށް އެފަދަ ކަންކަން ނުކުރުމަށް ތަކުރާރުކޮށް އިލްތިމާސްކުރާ ކަމަށެވެ. މި މައްސަލަ ބަލައި ދިނުމަަށް ޕްރޮސެކިއުޓަރ ޖެނެރަލަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް(އެޗްއާރްސީއެމް) އަށް ވަކީލުން ވަނީ ގޮވާލާފަ އެވެ.